ޖޭއެސްސީ

ޖޭއެސްސީ އިސްލާހުކުރުން: ހަތް މެންބަރުންނަށް މަދުކުރަން ހުށަޙަޅައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުން އަދަދު ހަތް މެންބަރުންނަށް މަދުކޮށް ޖޭއެސްސީ އަލުން އެކުލަވާލުމާ ގުޅޭ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ޖޭއެސްސީ މިހާރު އެކުލަވާލާފައިވާ ގޮތުން އެ ކޮމިޝަންގައި 10 މެންބަރުން ތިއްބަވަ އެވެ.

ޖޭއެސްސީ އަލުން އެކުލަވާލުމަށްޓަކައި ގާނޫނުއަސާސީއާއި ޖޭއެސްސީގެ ގާނޫނު އިސްލާހުކުރަން ޖެހޭތީވެ އެ ދެ ބިލް މިއަދު ވަނީ މަޖިލީހަށް ފޮނުވާފަ އެވެ.

ޖޭއެސްސީ އަލުން އެކުލަވާލުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މިވައުދު ފުއްދުން ވަރަށް ބޮޑަށް ލަސްވެފައިވާތީ އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

ޖޭއެސްސީއާ ގުޅޭ ދެ ބިލް މަޖިލީހަށް ފޮނުވުމަށްފަހު ބަންޑާރަނައިބް އިބްރާހީމް ރިފްއަތު ވިދާޅުވީ މަޖިލީހަށް ހުށަހަޅާ މައިގަނޑު ބަދަލަކީ ޖޭއެސްސީގެ މެންބަރުންގެ އަދަދު ހަތް ކަމަށް ކަނޑައަޅައި، ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް، ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ނުހިމެނުން ކަމަށެވެ.

މިގޮތަށް ހުށަހެޅީ ޝަރުއީ ދާއިރާގެ މައްޗަށް ދައުލަތުގެ އެހެން ބާރުތަކުން ނުފޫޒު ފޯރުވުން ހުއްޓުވުމަށާއި މިކަންކުރަން އެންމެ އެކަށޭނެ ގޮތެއް ހޯދުމަށް ޝަރުއީ ދާއިރާއާއި އެނޫންވެސް ބޭފުޅުންނާއި ގާނޫނީ ފަންނުގެ ދާއިރާއާއި މަދަނީ ޖަމިއްޔާތަކާއި އާންމުންގެ ހިޔާލާއި މަަޝްވަރާގެ އަލީގައި ކަމަށްވެސް ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ އިޖުތިމާއީ އަދުލުވެރިކަމުގެ ދާއިރާއިން އަދުގެ ސަރުކާރުން ވެފައިވާ އެންމެ މުހިއްމު އެއް ވައުދު ކަމަށެވެ.

"މި މަސައްކަތް ވަނީ 2019 ގައި ފަށާފައި. މިހާތަނަށް ކަމާގުޅޭ 9 ބިލެއް މަޖިލީހަށް ވަނީ ހުށަހަޅާފައި. މިއަދުގެ 2 ބިލާއެކު މިއިސްލާހީ މަސައްކަތް ފުރިހަމަ ކުރެވިއްޖެ،" ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވައުދު މިސަރުކާރުން ފުއްދައިކަން ހާމަކުރައްވާ ރިފްއަތު ވިދާޅުވި އެވެ.