ހަބަރު

ކުއްޖަކަށް ޖިންސީ ގޯނާކުރި ފިއްލަދޫ މީހާއަށް ދައުވާކޮށްފި

Jul 23, 2020
1

އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކާ ޖިންސީ ގުޅުން ހިންގުމުން އެ ކުއްޖާ ބަލިވެ އިން މައްސަލައާއި ގުޅިގެން ހައްޔަރުކުރި ހއ. ފިއްލަދޫ، ޝެޑޯޒް އަހުމަދު އައްތަފްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

އުމުރުން 23 އަހަރުގެ އައްތަފްގެ ޝިކާރައަކަށްވެ އަންހެން ކުއްޖަކު ބަލިވެއިން މައްސަލައާ ގުޅިގެން ކުއްޖާއާ މެދު ޖިންސީ ގޯނާކޮށް ކުއްޖާ ރޭޕް ކޮށްފައިވާ ކަމުގެ ތުހުމަތު އޭނާއަށް ކުރެ އެވެ.

އޭނާގެ މައްޗަށް ދައުވާ އުފުލީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ފޮނުވާފައިވަނީ މ. ކޮޅުފުށި މެޖިސްޓްރޭޓް ކޯޓަށެވެ.

ކުށް ސާބިތު ވެއްޖެނަމަ 10 އަހަރާއި 14 އަހަރާދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އޭނާ ބުނާ ގޮތުން އޭނާ އުޅުނީ ކޯޓުން ބޭރުން އެ އަންހެން ކުއްޖާއާ ކައިވެނިކޮށްގެންނެވެ. އޭނާގެ ވާހަކަތަކަށް ބިނާކޮށް ފުލުހުން ވެސް ފުރަތަމަ މައުލޫމާތު ފެތުރީ އެގޮތަށެވެ. ނަމަވެސް ކުއްޖާގެ އާއިލާއިން ވަނީ އެކަން ދޮގު ކޮށްފަ އެވެ. އަދި އެ އަންހެން ކުއްޖާއަކީ ހަރުކަށި އާއިލާއަކަށް ނިސްބަތްވާ ކުއްޖެއް ނޫން ކަމަށާ އޭނާ ބަލިވެ އިނީ ކައިވެޏެއް ކޮށްގެން ނޫން ކަމަށްވެސް އާއިލާއިން ބުނެ އެވެ.

ޖިންސީ ކުށްތަކުގެ މައްސަލަތަކަކީ ޕްރޮސިކިއުޓާ ޖެނަރަލްއިން ހާއްސަ އިސްކަމެއް ދީގެން ދައުވާ އުފުލަމުންދާ މައްސަލަތަކެވެ. މިފަހުން މިފަދަ ގިނަ މައްސަލަތަކެއްގައި ވަނީ ދައުވާ އުފުލާފަ އެވެ. އަދި ތުހުމަތުވާ މީހުން ޝަރީއަތް ނިމެންދެން ވެސް ވަނީ ބަންދުކޮށްފަ އެވެ.