ހަބަރު

ރޭޕްގެ ތުހުމަތުވާ އަނީސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މާލޭ ގެސްޓްހައުސްއެއްގެ ތެރޭގައި 11 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލާގައި ތުހުމަތުކުރެވޭ ހއ. ބާރަށް، ސިލްސިލާގެ، އަނީސް ހިލްމީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ކްރިމިނަލް ކޯޓުން މިއަދު ނެރެފި އެވެ.

ކުރިމިނަލް ކޯޓުން މި އަމުރު ނެރެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގެ ދަށުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އަނީސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެދުމަށް ޕްރޮސިކިއުޓަރު ޖެނެރަލް ހުސެއިން ޝަމީމް ގާތުގައި އެދިވަޑައިގެންފަ އެވެ.

އެހެންވެ، ޕްރޮސިކިއުޓަރު ޖެނެރަލްގެ ފަރާތުން އެފަދަ އަމުރަކަށް ކުރިމިނަލް ކޯޓުގައި އެދުނެވެ. އެ އެދުމާމެދު މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ބަންދާމެދު ގޮތެއް ނިންމުމުގެ އަޑުއެހުމުގައި ގޮތް ނިންމައި، އަނީސް ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ.

އަނީސް ހައްޔަރުކުރުމަށްފަހު އެންމެ ފުރަތަމަ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ޖެހީ ހަތް ދުވަހެވެ. އެއީ އަނީސްއަށް ވަކީލަކު ހަމަޖެއްސުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ކޯޓުން ބުނެފައިވެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ ކުއްޖާ ގެސްޓްހައުސްއަކަށް ގެންގޮސް ރޭޕް ކުރި މައްސަލަ ހުށަހެޅުމާއެކު ފުލުހުން ކުރި ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން، އެކުއްޖާ ރޭޕްކޮށްފައިވަނީ ކުއްޖާ ގްރޫމް ކޮށްގެންކަން އެނގިފައިވާ ކަމަށެވެ. މިފަދަ މައްސަލަތަކުގައި އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

ގާނޫނުގައި ބުނާ ގޮތުން ކުޑަ ކުއްޖަކު ގްރޫމް ކުރުމަކީ ޖިންސީ އަމަލެއް އެ ކުއްޖާއާމެދު ހިންގުމަށްޓަކައި އެ ކުއްޖާއަށް ފައިސާ ނުވަތަ އެ ނޫން ވެސް މާއްދީ އެއްޗެއް ދީގެން އެ ކުއްޖާއާ ޖަޒުބާތީ ގުޅުމެއް ގާއިމްކޮށް، ކުއްޖާގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރުމެވެ.