ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

އަލީގެ ޕާސްޕޯޓު ހިފެހެއްޓޭނެ އެހެން ގޮތެއް ހޯދަނީ

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓޭނެ އެހެން ގޮތްތަކެއް ހޯދަމުން އަންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ،

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު އަވަސްއަށް ވިދާޅުވީ މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކުރަން ނިންމާފައިވާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ސުޕްރީމް ކޯޓަށް ގޮސްގެން ތަފާތު ނަތީޖާއެއް ނެރެވޭނެ ކަމަށް ނުފެންނާތީ ކަމަށެވެ.

ޝަފީއު އިތުރަށް ވިދާޅުވީ އަލީގެ ޕާސްޕޯޓް ހިފެހެއްޓޭނެ އެހެން ގޮތްތައް އެބަހުރި ކަމަށާއި އެހެންކަމުން މިހާރު ކުރަމުން ދަނީ އެ މަސައްކަތް ކަމަށެވެ.

"އަޅުގަނޑުމެން މިހާރު އެކްސްޕްލޯ ކުރަމުން މިދަނީ އެކަން ކުރެވޭނެ ގޮތްތައް. ސުޕްރީމް ކޯޓަށް އެޕީލް ނުކޮށް ވެސް ގާނޫނުން ފުރުސަތު ދޭ އެހެން ގޮތްތަކެއް އެބަހުރި ޕާސްޕޯޓް ހިފެހެއްޓޭނެ،" ޝަފީއު ވިދާޅުވި އެވެ.

ދައުލަތުން އެންމެ ފުރަތަމަ ހިފަހައްޓަން އެދިފައި ވަނީ އަލީ ވަހީދު ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުންނެވިއިރު އޭނާ ގެންގުޅުއްވި ޑިޕްލޮމެޓިކް ޕާސްޕޯޓެވެ. އެހެންކަމުން ސުޕްރީމް ކޯޓު މަރުހަލާއިން ވެސް ނިންމީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެދެވެން ނެތް ކަމަށެވެ. ސަބަބަކީ އޭނާ މަގާމުން ވަކިކުރުމާ ގުޅިގެން އެ ޕާސްޕޯޓްގެ ބޭނުން ކެނޑިފައިވުމެވެ.

ފަހުން ދައުލަތުން ވަނީ އަލީގެ ހުރިހާ ޕާސްޕޯޓެއް ހިފެހެއްޓުމުގެ އަމުރަކަށް އެދިފަ އެވެ. އެކަމަކު ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން ވެސް ނިންމާފައި ވަނީ އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ. މިހާރު ޕީޖީ އޮފީހުން ނިންމާފައި ވަނީ މި މައްސަލަ ސުޕްރީމް ކޯޓަށް ނުގެންދާށެވެ.

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ އަލީގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ފުލުސް މެދުވެރިކޮށް ދައުލަތުން އެންމެ ފުރަތަމަ އެދުނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު އޭރު އެ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމީ އަލީގެ ޕާސްޕޯޓު ހިފަހައްޓާނެ ސަބަބެއް ނެތް ކަމަށް ކަނޑައެޅުމަށް ފަހު އެވެ.

އަލީގެ ޕާސްޕޯޓު ހިފަހައްޓަން ނެރުނު އަމުރު ކްރިމިނަލް ކޯޓުން ބާތިލު ކުރުމާ ގުޅިގެން އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެންފައިވަނީ މިދިޔަ ފެބްރުއަރީ ނުވަ ވަނަ ދުވަހު އެވެ. ފުރަތަމަ ތުރުކީ ވިލާތަށް ވަޑައިގަތުމަށްފަހު މިހާރު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސްޕްރީމް ކޯޓުން ވަނީ އަލީއަށް ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވާފަ އެވެ. ނަމަވެސް އެދުވަހު ކޯޓަށް ހާޒިރު ވެފައި ނުވާތީ ކޯޓުގެ ހުރުމަތްކެނޑިކަމުގެ ކުށުގައި ކޯޓުން ވަނީ އޭނާގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އެކަމަކު ހުކުމް ތަންފީޒު ކުރުމަށް އަލީ އަދި ރާއްޖެ ގެނެވިފައެއް ނުވެ އެވެ.

އަލީ ވަހީދަށް ދައުލަތުން ކުރާ ޖިންސީ ގޯނާގެ ދައުވާތަކާ ގުޅިގެން އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ނުގެންދިއުމަށްވެސް ސުޕްރީމް ކޯޓުން މިހާރު ވަނީ ކޯޓު ތަކަށް އަމުރުކޮށްފަ އެވެ.