ހަބަރު

އަލީގެ ޖިންސީ ގޯނާއަށް ކެތްނުވެގެން އެތައް މުވައްޒަފުންނަށް ރައީސްގެ އަރިހަށް ދިޔަ

ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އަލީ ވަހީދު، އެ މިނިސްޓްރީގައި މިހާރު މަސައްކަތް ކުރަމުންދާ ގިނަ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމާއި އެކަމަށް ޖިނާއީ ތަހުގީގު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާފައިވާކަން އަވަސްއަށް އެނގިއްޖެ އެވެ.

އިތުބާރު ހުރި ފަރާތަކުން އަވަސްއަށް މައުލޫމާތު ދިން ގޮތުގައި އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް އެންގުމަށް ރައީސް ސޯލިހު މިއަދު ނިންމެވި ނިންމުމަކީ ވަރަށް ކުއްލި ނިންމުމެކެވެ. މިއަދު ރައީސް އޮފީހަށް ޓޫރިޒަމް މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް ދިޔަ އެވެ. އޭގެ ތެރޭގައި ސިޔާސީ މުވައްޒަފުންނާއި ސިވިލް ސާވެންޓުން ވެސް ހިމެނެ އެވެ. ރައީސް އޮފީހަށް މިއަދުގެ ވަގުތެއްގައި ދިޔަ މުވައްޒަފުންގެ ސީދާ އަދަދު ސާފު ނުވި ނަމަވެސް އެ އަދަދު 10 އަކަށްވުރެ މަތިކަން ވަނީ ޔަގީން ކުރެވިފަ އެވެ.

އެ މުވައްޒަފުން ރައީސްގެ އަރިހަށް ގޮސް، އެމީހުންނަށް އަލީ ވަހީދުގެ ފަރާތުން ދިމާވި ޖިންސީ ގޯނާގެ ހާދިސާތައް ވަނީ ކިޔައިދީފަ އެވެ. އަލީ ވަހީދުގެ ފަރާތުން ދިމާވި ބިރުވެރި ކަންކަމުގެ ވާހަކަ ބައެއް މުވައްޒަފުން ރައީސްއާ ހިއްސާކުރި އެވެ. އެ މުވައްޒަފުން ރައީސް އޮފީހަށް ދިޔައީ އެ ވާހަކަތައް ރައީސް ސޯލިހު، ސީދާ މުވައްޒަފުންގެ ފަރާތުން އަޑުއަހަން ބޭނުންވެގެންނެވެ.

މުވައްޒަފުންނާއެކު ރައީސް ސޯލިހު ކުރެއްވި ބައްދަލުވުމަށްފަހު 10 މިނެޓްގެ ތެރޭގައި ރައީސް ވަނީ އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް އަންގާފައި ކަމަށް އެނގިފައިވެ އެވެ. އަދި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ އަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލަތަކުގެ ޖިނާއީ ތަހުގީގެއް ހިންގަވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާކަން ވެސް ވަނީ އެނގިފަ އެވެ.

މިއަދު ރައީސް އޮފީހަށް ގޮސް، ރައީސްއަށް ޖިންސީ ގޯނާގެ ހާދިސާތައް ކިޔައިދިން މުވައްޒަފުންނަށް ވެސް އަލީ ވަހީދުގެ ފަރާތުން ޖިންސީ ގޯނާ ލިބިފައިވަނީ ރަސްމީ މަސައްކަތުގެ ތެރެއިންނެވެ. އެއީ ކޮވިޑްއާ ގުޅިގެން މާލެ ލޮކްޑައުން ކޮށްފައިވަނިކޮށެވެ. ލޮކްޑައުންގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީގެ ފްރޮންޓްލައިންގައި މަސައްކަތް ކުރި ގިނަ މުވައްޒަފުންނާއި މިނިސްޓަރު ވެސް އުޅުއްވީ މާގިރި ހޮޓެލްގަ އެވެ.

ރައީސް އޮފީހަށް ދިޔަ މުވައްޒަފުންގެ އިތުރުން އެކި ދުވަސްވަރުގައި އަލީ ވަހީދުގެ ފަރާތުން އިތުރު މުވައްޒަފުންނަށް ވެސް ޖިންސީ ގޯނާ ލިބުނު ކަމަށް މައުލޫމާތު އެނގޭ ފަރާތަކުން މައުލޫމާތު ދިނެވެ. އަދި އަލީ ވަހީދުގެ ފަރާތުން އެފަދަ ކަންތައްތަކެއް ކުރިމަތިވެގެން ބައެއް މުވައްޒަފުން މީގެކުރިން ވަޒީފާއިން ކެނޑިފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ.

ރައީސް ސޯލިހަށް މުވައްޒަފުން މައްސަލަ ހުށަހެޅީ، ޖެންޑާ މިނިސްޓަރު އައިޝާ ދީދީއަށް ވެސް އެކަން ހިއްސާ ކުރުމަށްފަހު އެވެ. ޖެންޑާ މިނިސްޓަރު ވެސް ވަނީ އެކަމުގައި ދޫނުދެއްވާނެ ކަމުގެ ޔަގީންކަން މުވައްޒަފުންނަށް ދެއްވާފަ އެވެ.

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ، އަލީ ވަހީދު ކުރި ކަމުގެ މައްސަލަތައް ފެންމަތިވެގެން ދިޔައިރު މީގެކުރިން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ފޯނު ގުޅައިގެން ވެސް ޖިންސީ ފުރައްސާރަ އަލީ ވަހީދު ކޮށްފައިވެ އެވެ. އެކަމުގެ ޝަކުވާ މިނިސްޓަރު ނަހުލާ، ރައީސް ސޯލިހަށް އޭރު ހުށަހެޅުއްވި އެވެ. ނަމަވެސް އޭރު ރައީސް ސޯލިހު އެކަމަށް ފިޔަވަޅެއް ނޭޅުއްވި އެވެ. އެކަމުގެ ފާޑުކިޔުންތައް ވެސް ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.

ރައީސް ސޯލިހު އަބަދުވެސް ވިދާޅުވަމުން ގެންދަވާ ގޮތުގައި ޖިންސީ ފުރައްސާރަ އާއި ޖިންސީ އަނިޔާއަށް އެމަނިކުފާނު ގެންގުޅުއްވާނީ ޒީރޯ ޓޮލަރެންސްގެ ސިޔާސަތެކެވެ. އެފަދަ ކަމެއް ސަރުކާރުގެ ތެރޭގައި ހިނގާ ނަމަވެސް ފިޔަވަޅު އަޅުއްވާނެ އެވެ. އެންމެފަހުން ފުލުހުންނާ ބައްދަލު ކުރައްވައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވެސް އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތަކަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ވެސް ފުލުހުން އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާ މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި އެވެ. އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާއަކީ ހިންނަވަރު ދާއިރާގެ މެންބަރު ޖިހާންގެ ފިރިމީހާ އެވެ.