މުވައްޒަފުންތަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ސީރިއަސް ތުހުމަތުތަކަކާއެކު، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު މަގާމުން ވަކި ކޮށްފައިވާއިރު ފުލުހުންގެ ތަހުގީގާއި އިންސާފު އަވަސް ކުރުމަށް ގުރައިދޫ ދާއިރާގެ އިދިކޮޅު މެންބަރު ޣައްސާން މައުމޫން މިއަދު ގޮވާލައްވައިފި އެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަލީ ވަހީދަށް ރޭ އެންގެވީ ޖިންސީ ގޯނާގެ މައްސަލަތަކެއް ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް އިއްޔެ ރައީސްއާ ހިއްސާ ކުރުމާ ގުޅިގެންނެވެ.
އިސްތިއުފާ ދެއްވުމަށް އެންގި ނަމަވެސް އަލީ ވަހީދު އެކަން ކުރައްވާފައެއް ނުވެ އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ރައީސް ސޯލިހު މިއަދު ވަނީ އަލީ ވަހީދު މަގާމުން ވަކި ކުރައްވާފަ ކަމަށެވެ.
އެކަމާ ގުޅިގެން ޣައްސާން ވިދާޅުވީ އަލީ ވަހީދުގެ މައްސަލައިގެ އިތުރުން، މިހާރު ފެންމަތިވެގެން އުޅޭ ރޭޕްގެ އެހެން މައްސަލަތައްވެސް ފުލުހުން އެއްވެސް އިސްތިސްނާއެއް ނެތި އަވަސް ކުރަން ޖެހޭ ކަމަށެވެ.
"ވަކި މީހަކަށް، ވަކި އިންސާފެއްގެ ނާތަހުޒީބު ގޮތް އިސްލާހު ކުރުން،" ފުލުހުންނަށް ނިސްބަތްކުރައްވައި ޣައްސާން ވިދާޅުވި އެވެ.
މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ، އަލީ ވަހީދު ކުރި ކަމުގެ މައްސަލަތައް ފެންމަތިވެގެން ދިޔައިރު މީގެކުރިން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ފޯނު ގުޅައިގެން ވެސް ޖިންސީ ފުރައްސާރަ އަލީ ވަހީދު ކޮށްފައިވެ އެވެ. އެކަމުގެ ޝަކުވާ މިނިސްޓަރު ނަހުލާ، ރައީސް ސޯލިހަށް އޭރު ހުށަހެޅުއްވި އެވެ. ނަމަވެސް އޭރު ރައީސް ސޯލިހު އެކަމަށް ފިޔަވަޅެއް ނޭޅުއްވި އެވެ. އެކަމުގެ ފާޑުކިޔުންތައް ވެސް ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.
ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ވަނީ އިތުރުވެފައި އެވެ.
އެގޮތުން ދާދި ފަހުން ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ފެންމަތިވެ، އެ މައްސަލަތަކާ ގުޅިގެން މާލޭގައި މުޒާހަރާ ވެސް ކުރި އެވެ.
އޭގެފަހުން ދެ ރަށެއްގައި 18 އަހަރު ނުފުރޭ ދެ ކުއްޖަކު ރޭޕްކުރި މައްސަލައެއް ވެސް ރިޕޯޓްކުރި އެވެ. އެ ދެ ކުދިން ވެސް ބަނޑުބޮޑެވެ. އެ ދެ މައްސަލާގައި ވެސް މިހާރު ވަނީ ތުހުމަތުވާ މީހުން ހައްޔަރުކޮށްފަ އެވެ.
ރައީސް ސޯލިހު އަބަދުވެސް ވިދާޅުވަމުން ގެންދަވާ ގޮތުގައި ޖިންސީ ފުރައްސާރަ އާއި ޖިންސީ އަނިޔާއަށް އެމަނިކުފާނު ގެންގުޅުއްވާނީ ޒީރޯ ޓޮލަރެންސްގެ ސިޔާސަތެކެވެ. އެފަދަ ކަމެއް ސަރުކާރުގެ ތެރޭގައި ހިނގާ ނަމަވެސް ފިޔަވަޅު އަޅުއްވާނެ އެވެ. އެންމެފަހުން ފުލުހުންނާ ބައްދަލު ކުރައްވައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވެސް އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތަކަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ.