ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލާގައި 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް ތަހުގީގަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ ސުވާލުކޮށް ބަޔާން ނަގާފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެކި ދުވަސް މަތިން މުވައްޒަފުންނަށް އަލީ ވަހީދު ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށް ބައެއް މުވައްޒަފުން ވަނީ ބުނެފަ އެވެ. އެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމުން އަލީ ވަހީދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އޭގެ ފަހުން އަލީ ވަހީދު ދިރިއުޅޭ ގެ ފާސްކޮށް އޭނާގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވެ އެވެ.
މިއަދު ފުލުހުންގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ މަރިޔަމް އަޒްމާ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ ޖިންސީ ފުރައްސާރައިގެ މައްސަލާގައި 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއްގެ ކަމެއް އަދި އެ 15 މީހުންނަކީ ވެސް ވިކްޓިމް ކަމެއް ނުވަތަ ނޫން ކަމެއް ނުބުންޏެވެ. އަޒްމާ ވިދާޅުވި ގޮތުގައި މި މައްސަލާގެ ތަހުގީގުގައި ޕްރޮސިކިއުޓާ ޖެނަރަލްއާ ދަނީ މަޝްވަރާ ކުރަމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ، ޖިންސީ ފުރައްސާރައިގެ މައްސަލާގައި އަލީ ވަހީދަށް ތުހުމަތް އިއްވައި އޭނާއާ ސުވާލުކޮށްފައިނުވާނެ ކަމަށާއި އެއީ މިހާތަނަށް ތަހުގީގުގައި އާދެވިފައިވާ ހިސާބުން އެކަން ކުރުމަށް އަދި ނުފެންނާތީ ކަމަށެވެ.
ބަޝީރު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ ޖިންސީ ފުރައްސާރައިގެ މައްސަލާގައި އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ތަހުގީގަށް ހާޒިރު ކުރަން ޖެހިއްޖެ ވަގުތެއްގައި އެކަން ކުރުމަށް ހުރަސް އެޅިދާނެތީ ކަމަށާއި މައްސަލާގައި ހެކި ހޯދަމުންދާކަން ބަޝީރު ފާހަގަ ކުރެއްވި އެވެ. އަލީ ވަހީދުގެ ގެ ބެލުމަށްފަހު އޭނާގެ ފޯނާއި ލެޕްޓޮޕް ގެންގޮސްފައިވެ އެވެ. ނަމަވެސް ހެކިތަކާ ގުޅޭ މާބޮޑު ތަފްސީލެއް ފުލުހުން މިއަދު ނުދިނެވެ. ވިދާޅުވީ މައްސަލާގެ ތަހުގީގު އަދި އޮތީ ވަރަށް ކުރީ މަރުހަލާއެއްގައި ކަމުން ގިނަ މައުލޫމާތުތައް ހާމަކުރަން އުނދަގޫ ކަމަށެވެ.
މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ، އަލީ ވަހީދު ކުރި ކަމުގެ މައްސަލަތައް ފެންމަތިވެގެން ދިޔައިރު މީގެކުރިން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ފޯނު ގުޅައިގެން ވެސް ޖިންސީ ފުރައްސާރަ އަލީ ވަހީދު ކޮށްފައިވެ އެވެ. އެކަމުގެ ޝަކުވާ މިނިސްޓަރު ނަހުލާ، ރައީސް ސޯލިހަށް އޭރު ހުށަހެޅުއްވި އެވެ. ނަމަވެސް އޭރު ރައީސް ސޯލިހު އެކަމަށް ފިޔަވަޅެއް ނޭޅުއްވި އެވެ. އެކަމުގެ ފާޑުކިޔުންތައް ވެސް ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.
ރައީސް ސޯލިހު އަބަދުވެސް ވިދާޅުވަމުން ގެންދަވާ ގޮތުގައި ޖިންސީ ފުރައްސާރަ އާއި ޖިންސީ އަނިޔާއަށް އެމަނިކުފާނު ގެންގުޅުއްވާނީ ޒީރޯ ޓޮލަރެންސްގެ ސިޔާސަތެކެވެ. އެފަދަ ކަމެއް ސަރުކާރުގެ ތެރޭގައި ހިނގާ ނަމަވެސް ފިޔަވަޅު އަޅުއްވާނެ އެވެ. އެންމެފަހުން ފުލުހުންނާ ބައްދަލު ކުރައްވައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވެސް އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތަކަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ.