ހަބަރު

އަލީ ވަހީދުގެ ގެއިން ނެގީ އިލެކްޓްރޯނިކް ސާމާނުތަކެއް

Jul 12, 2020
2

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މަގާމުން ވަކިކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދިރިއުޅުއްވާ ގެ ރޭ ބަލާ ފާސްކޮށް، ބައެއް އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ރޭގެ އޮޕަރޭޝަނާ ގުޅިގެން ފުލުހުން މިއަދު ބުނީ، އިލެކްޓްރޯނިކް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެ މައްސަލައާ ގުޅިގެން ހެކި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ފުލުހުން ރޭ ހިފެހެއްޓި ތަކެތީގެ ތެރޭގައި، އަލީ ވަހީދުގެ ފޯނުވެސް ހިމެނޭކަމަށް މައުލޫމާތު ވަނީ ލިބިފަ އެވެ.

އަލީ ވަހީދަށް ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ޖިންސީ ގޯނާގެ ތުހުމަތުކޮށްފަ އެވެ. އެ މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެ ތުހުމަތުތަކާއި ގުޅިގެން މިދިޔަ ބުދަ ދުވަހުގެ ރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިސްތިއުފާދެއްވުމަށް އަލީ ވަހީދަށް އަންގަވާފައެވެ.

ނަމަވެސް މަގާމުން އިސްތިއުފާ ދެއްވުމަށް ދެކޮޅު ހެއްދެވުމުން ބުރާސްފަތި ދުވަހު އަލީ ވަހީދު ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި ޓޫރިޒަމް ހިންގުން ވަގުތީ ގޮތުން މިނިސްޓަރު ފައްޔާޒުއާ ހަވާލު ކުރެއްވިއެވެ.

ފުލުހުން ކުރީގެ މިނިސްޓަރު އަލީ ވަހީދު ދިރިއުޅޭގެ ފާސްކޮށްފައިވާއިރު، ސަރުކާރުގެ ބައެއް ވެރިންނާއި ގުޅުންހުރި ވީޑިއޯތަކަކާއި ބައެއް މައުލޫމާތުތައް ލީކްކޮށްލާނެ ކަމުގެ އިންޒާރު ދަނީ ދެމުންނެވެ. ފޮރުވިގެން ތިބެ އިންޒާރު ދޭ އެމީހުން ދަނީ ސަރުކާރުގެ އިސްވެރިން ފަލީހަތް ކޮށްލާނެ ކަމަށް ބުނަމުންނެވެ.

އެކަމުގެ އަޑީގައި ހުންނެވީ އަލީ ވަހީދު ކަމަށް ބައެއް މީހުން ތުހުމަތު ކުރެއެވެ. އަދި އަލީ ވަހީދުގެ އަތުގައި އެފަދަ ގިނަ މައުލޫމާތާއި ބައެއް ވީޑިއޯ އެބަހުރި ކަމަށްވެސް ބުނެއެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އަދި ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުންވެސް ފަހުން އަލީ ވަހީދު އެއްވެސް ވާހަކައެއް ނުދައްކައެެވެ.

މަގާމުން އިސްތިއުފާ ދެއްވަން އެންގެވި ރޭ އަލީ ވަހީދު ޓްވިޓާ މެދުވެރިކޮށް ރާއްޖޭގެ ކަނޑުތަކާއި ޗާޓް ރަމްޒުވާ ފޮޓޯއެއް ޕޯސްޓް ކުރެއްވި އެވެ. އެ ފޮޓޯގައި ދިވެހި ބަހުން ލިޔެފައި ވަނީ "މި ދުވަސް ވެސް ހިނގައިދާނެ" މިހެނެވެ.

މާނަ ހުރި އެ ފޮޓޯއާއެކު އޭނާ ވިދާޅުވެފައި ވަނީ އިހުލާސްތެރި ކަމާއެކު ގައުމަށް ހިދުމަތްކޮށް ދެވުނީތީ ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ. ވަގުތު ޖެހުމުން ހުރިހާ ކަމެއް ސާފުވާނެ ކަމަށެވެ. އަދި ހައްގަށް ނަސްރު ލިބޭނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.