ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އަލީ ވަހީދު، މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލަ މިރޭ ވަނީ ފުލުހަށް ހުށަހަޅާފަ އެވެ. އެހެންވެ މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ޖެންޑާ މިނިސްޓްރީއިން ވެސް ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށް މިރޭ ބުނެފަ އެވެ. މިކަން އެންމެ ފުރަތަމަ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ހުށަހެޅީ ވެސް ޖެންޑާ މިނިސްޓަރު އައިޝާ ދީދީއަށެވެ.
އެއަށްފަހު ގިނަ އަދަދެއްގެ މުވައްޒަފުން މިއަދު ހަވީރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހަށް ގޮސް އަލީ ވަހީދުގެ ފަރާތުން ދިމާވި ބިރުވެރި ކަންކަމުގެ ވާހަކަ ބައެއް މުވައްޒަފުން ރައީސްއާ ހިއްސާކޮށްފަ އެވެ. އެ މުވައްޒަފުން ރައީސް އޮފީހަށް ދިޔައީ އެ ވާހަކަތައް ރައީސް ސޯލިހު، ސީދާ މުވައްޒަފުންގެ ފަރާތުން އަޑުއަހަން ބޭނުންވެގެންނެވެ.
މިއަދު ރައީސް އޮފީހަށް ޓޫރިޒަމް މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް ދިޔަ އެވެ. އޭގެ ތެރޭގައި ސިޔާސީ މުވައްޒަފުންނާއި ސިވިލް ސާވެންޓުން ވެސް ހިމެނެ އެވެ. ރައީސް އޮފީހަށް މިއަދުގެ ވަގުތެއްގައި ދިޔަ މުވައްޒަފުންގެ ސީދާ އަދަދު ސާފު ނުވި ނަމަވެސް އެ އަދަދު 10 އަކަށްވުރެ މަތިކަން ވަނީ ޔަގީން ކުރެވިފަ އެވެ.
މުވައްޒަފުންނާއެކު ރައީސް ސޯލިހު ކުރެއްވި ބައްދަލުވުމަށްފަހު 10 މިނެޓްގެ ތެރޭގައި ރައީސް ވަނީ އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް އަންގާފައި ކަމަށް އެނގިފައިވެ އެވެ. އަދި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ އަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލަތަކުގެ ޖިނާއީ ތަހުގީގެއް ހިންގަވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާކަން ވެސް ވަނީ އެނގިފަ އެވެ.
މިކަމާ ގުޅިގެން އަލީ ވަހީދު މިހާރު އިސްތިއުފާ ދެއްވާފައިވާއިރު އޭނާ ވިދާޅުވެފައިވަނީ މި ދުވަސް ވެސް ހިނގައިދާނެ ކަމާއި ހަގީގަތް ހާމަވާނެ ކަމަށެވެ. އަދި ގައުމަށް ކޮށް ދެވުނު ހިދުމަތްތަކަށް ފަހުރުވެރިވާ ކަމަށެވެ.
މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ، އަލީ ވަހީދު ކުރި ކަމުގެ މައްސަލަތައް ފެންމަތިވެގެން ދިޔައިރު މީގެކުރިން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ފޯނު ގުޅައިގެން ވެސް ޖިންސީ ފުރައްސާރަ އަލީ ވަހީދު ކޮށްފައިވެ އެވެ. އެކަމުގެ ޝަކުވާ މިނިސްޓަރު ނަހުލާ، ރައީސް ސޯލިހަށް އޭރު ހުށަހެޅުއްވި އެވެ. ނަމަވެސް އޭރު ރައީސް ސޯލިހު އެކަމަށް ފިޔަވަޅެއް ނޭޅުއްވި އެވެ. އެކަމުގެ ފާޑުކިޔުންތައް ވެސް ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.