ހަބަރު

މުވައްޒަފަކު ބިރުވެރި ހާލަތަށް: ސަލާމާތްވާން ފުންމާލީ މޫދަށް

Jul 9, 2020
14

ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އަލީ ވަހީދުގެ ފަރާތުން އެ މިނިސްޓްރީގައި ވަޒީފާ އަދާކުރަމުން ދިޔަ އެތައް މުވައްޒަފުންނަކަށް ވަނީ ޖިންސީ ގޯނާ ލިބިފައި ކަމުގެ އަޑުތައް ގަދަވެ، މިހާރު އެ ވާހަކަތައް އެ މުވައްޒަފުން ވަނީ ހިއްސާ ކުރަން ފަށާފަ އެވެ.

މިފަދަ އެންމެ ބިރުވެރި ކަމެއް މުވައްޒަފަކަށް ކުރިމަތިވީ، ޓޫރިޒަމް މިނިސްޓްރީގެ ބައެއް މުވައްޒަފުން ކިޔައިދިން ގޮތުގައި ރިސޯޓެއް އިންސްޕެކްޓް ކުރުމަށް މިނިސްޓަރާއެކު ދިޔަ މުވައްޒަފަކަށެވެ. ވޯޓާވިލާއެއްގައި މަޑުކޮށްގެން ހުރި އަލީ ވަހީދު، އެ މުވައްޒަފު ރޭގަނޑުގެ ވަގުތެއްގައި ކޮންމެވެސް މަސައްކަތެއް ކުރުމަށް ކޮޓަރިއެއް އައިސް ދިނުމަށް އެދުނު ކަމަށްވެ އެވެ.

މުވައްޒަފުން ކިޔައިދިން ގޮތުގައި މިނިސްޓަރު ވިދާޅުވާ ކަންކަމަކީ ރަސްމީ މަަސައްކަތުގެ ތެރެއިން ހިމެނޭ ކަންކަމަށް ވާތީ، އެ މުވައްޒަފު ރޭގަނޑުގެ އެ ވަގުތުގައި އަލީ ވަހީދު ހުންނެވި ވޯޓާވިލާއަށް ދިޔަ އެވެ. އޭރު އެ ކޮޓަރި ހުރީ އަނދިރިކޮށް ކަމާއި ކޮޓަރިއަށް ކުއްލިއަކަށް އެ މުވައްޒަފުން ދަމައިގަނެ، ޖިންސީ ގޯނާ ކުރަން އަލީ ވަހީދު މަސައްކަތް ކުރި ކަމަށް ވެސް މުވައްޒަފުން ކިޔައިދެ އެވެ.

އެކަމުން ސަލާމަތްވުމަށްޓަކައި ގަދަހަދައި މުވައްޒަފު، ކޮޓަރިން ބޭރަށް ނުކުމެ މޫދަށް ފުންމާލި އެވެ. އެ މުވައްޒަފަށް ފަތަން ވެސް ނޭނގޭ ކަމަށް މައުލޫމާތު ކިޔައިދިން މީހާ ބުންޏެވެ. ނަމަވެސް ޖިންސީ ގޯނާ ލިބުމަށްވުރެ އެ މުވައްޒަފަށް މަރުވުމުން ވެސް ހެޔޮ ކަމަށް މޫދަށް ފުންމާލީ އެވެ. އިއްޔެ މި ހާދިސާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ވަނީ ހިއްސާކޮށްފަ އެވެ. އެ ވާހަކަ ހިއްސާ ކުރަމުން ދިޔައިރު ރައީސް އިންނެވީ ކީރިތި ކުރައްވައިގެންނެވެ.

މާލޭގެ ލޮކްޑައުންގައި އޮތްއިރު، ޓޫރިޒަމް މިނިސްޓްރީގެ ފްރޮންޓްލައިންގައި މަސައްކަތް ކުރި ގިނަ މުވައްޒަފުންނާއި އަލީ ވަހީދު އުޅެމުން ދިޔައީ މާގިރި ހޮޓެލްގަ އެވެ. އެ ހޮޓެލްގެ ތެރެެއިން ވެސް ދެ މުވައްޒަފަކަށް ޖިންސީ ގޯނާ ލިބިފައިވާ ކަމަށް މުވައްޒަފުން ކިޔައިދެ އެވެ. އެގޮތުން އެކި ކަންކަމުގައި އަލީ ވަހީދުގެ ކޮޓަރިއަށް ގެންގޮސް، ޖިންސީ ގޯނާ ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އެ މުވައްޒަފުން ކިޔައިދެ އެވެ.

ޖެންޑާ މިނިސްޓްރީއަށް މައްސަލަ ހުށަހެޅުމުން ޖެންޑާ މިނިސްޓަރު އައިޝާ ދީދީ ވަނީ މިކަން ރައީސްއާ ހަމައަށް ގެންދަވާފަ އެވެ. ރައީސް ބޭނުންފުޅުވީ ސީދާ މުވައްޒަފުންނާ ވާހަކަ ދެއްކުމަށް ކަމަށްވާތީ އިއްޔެ ހަވީރު 10 އަކަށްވުރެ ގިނަ މުވައްޒަފުން ރައީސްގެ އަރިހަށް ގޮސް ޖިންސީ ގޯނާގެ ވާހަކަތައް ހިއްސާކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސިޔާސީ މުވައްޒަފުންނާއި ސިވިލް ސާވެންޓުން ވެސް ހިމެނެ އެވެ. އެ މުވައްޒަފުންނާއެކު ބޭއްވި ބައްދަލުވުމަށްފަހު ރައީސް ވަގުތުން ގެކޮޅަށް ވަޑައިގެން، 10 ވަރަކަށް މިނެޓްގެ ތެރޭގައި އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް އެންގެވި ކަމަށް ވަނީ އެނގިފަ އެވެ.

މި ތުހުމަތުތަކާ ގުޅޭ ގޮތުން އަލީ ވަހީދު މިހާތަނަށް ވާހަކައެއް ނުދައްކަވަ އެވެ. ނަމަވެސް ވިދާޅުވެފައިވަނީ މިދުވަސް ހިނގައިދާނެ ކަމާއި ހަގީގަތް ހާމަވާނެ ކަމަށެވެ.

އަލީ ވަހީދަށް އިސްތިއުފާ ދެއްވުމަށް އެންގެވުމާއެކު އެ މިނިސްޓްރީގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ޓްވީޓް ކުރައްވައި އެކަމާ އުފާވެފައި ތިބިކަން ވެސް ހާމަ ކުރައްވާފައިވެ އެވެ. އަލީ ވަހީދުގެ މައްސަލަ މިހާރު ވަނީ ފުލުހުން ވެސް ތަހުގީގު ކުރަން ފަށާފަ އެވެ.

ރައީސް އޮފީހަށް ދިޔަ މުވައްޒަފުންގެ އިތުރުން އެކި ދުވަސްވަރުގައި އަލީ ވަހީދުގެ ފަރާތުން އިތުރު މުވައްޒަފުންނަށް ވެސް ޖިންސީ ގޯނާ ލިބުނު ކަމަށް މައުލޫމާތު އެނގޭ ފަރާތަކުން މައުލޫމާތު ދިނެވެ. އަދި އަލީ ވަހީދުގެ ފަރާތުން އެފަދަ ކަންތައްތަކެއް ކުރިމަތިވެގެން ބައެއް މުވައްޒަފުން މީގެކުރިން ވަޒީފާއިން ކެނޑިފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ.

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ، އަލީ ވަހީދު ކުރި ކަމުގެ މައްސަލަތައް ފެންމަތިވެގެން ދިޔައިރު މީގެކުރިން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ފޯނު ގުޅައިގެން ވެސް ޖިންސީ ފުރައްސާރަ އަލީ ވަހީދު ކޮށްފައިވެ އެވެ. އެކަމުގެ ޝަކުވާ މިނިސްޓަރު ނަހުލާ، ރައީސް ސޯލިހަށް އޭރު ހުށަހެޅުއްވި އެވެ. ނަމަވެސް އޭރު ރައީސް ސޯލިހު އެކަމަށް ފިޔަވަޅެއް ނޭޅުއްވި އެވެ. އެކަމުގެ ފާޑުކިޔުންތައް ވެސް ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.

ރައީސް ސޯލިހު އަބަދުވެސް ވިދާޅުވަމުން ގެންދަވާ ގޮތުގައި ޖިންސީ ފުރައްސާރަ އާއި ޖިންސީ އަނިޔާއަށް އެމަނިކުފާނު ގެންގުޅުއްވާނީ ޒީރޯ ޓޮލަރެންސްގެ ސިޔާސަތެކެވެ. އެފަދަ ކަމެއް ސަރުކާރުގެ ތެރޭގައި ހިނގާ ނަމަވެސް ފިޔަވަޅު އަޅުއްވާނެ އެވެ. އެންމެފަހުން ފުލުހުންނާ ބައްދަލު ކުރައްވައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވެސް އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތަކަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ވެސް ފުލުހުން އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާ މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި އެވެ. އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާއަކީ ހިންނަވަރު ދާއިރާގެ މެންބަރު ޖިހާންގެ ފިރިމީހާ އެވެ.