ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭ ގްރޫމިން އަދި ހެދުން އެޅުމުގެ އާންމު މިންގަނޑެއް އެކުލަވާލުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މި ގަރާރު ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު މަޖިލީހަށް ތައާރަފުކުރުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.
މި ގަރާރުގައި ބުނަނީ ބުރުގާ އެޅުމާއި ތުނބުޅި މަތިމަސް ބެހެއްޓުމަކީ އިސްލާމީ ޝަރީއަތުގެ އަސްލަކާ ހިލާފު ކަމަކަށް ނުވާއިރު އަދި ރާއްޖޭގެ އެއްވެސް ގާނޫނަކުން މަނާކޮށްފައިވާ ކަމަކަށްނުވާއިރު ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ބައެއް ތަންތަނުގައި މުވައްޒަފުން ތަބާވާންޖެހޭ ގްރޫމިން ސްޓޭންޑަޑް ނުވަތަ ހެދުން އެޅުމުގެ މިންގަނޑުތައް އެކުލަވާލާފައިވާ ގޮތުގެ ސަބަބުން މަސައްކަތުގެ މާހައުލުގައި އަންހެން މުވައްޒަފުން ބުރުގާ އަޅައިގެން އުޅުމަށާއި ފިރިހެން މުވައްޒަފުންނަށް ތުނބުޅި އަދި މަތިމަސް ބެހެއްޓުމަށް ހުރަސްތަކެއް ކުރިމަތިވާ ކަމަށެވެ.
މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަން ބޭނުންވާ މީހުންގެ ތެރެއިން ބުރުގާ އަޅައިގެން ނުވަތަ ތުނބުޅި އަދި މަތިމަސް ބަހައްޓައިގެން ތިބޭ މީހުންނަށް މަސައްކަތް ކުރުމުގެ ހައްގަށް ހުރަސް އެޅޭ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
ގަރާރުގައި ވަނީ ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަނުގެ މުވައްޒަފުން ތަބާވާންޖެހޭ ޑްރެސްކޯޑުތަކުގައި ބުރުގާ އަޅައިގެން މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށާއި ތުނބުޅި އަދި މަތިމަސް ބަހައްޓައިގެން މަސައްކަތްކުރަން އެދޭ ފިރިހެން މުވައްޒަފުންނަށް ހުރި ހުރަސްތައް ނައްތާލައި ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަނުގެ މުވައްޒަފުން އަމަލުކުރަންޖެހޭ ގްރޫމިން ސްޓޭންޑަޑްތައް އަދި ޑްރެސް ކޯޑު އެކުލަވާލުމުގައި ރިއާޔަތްކުރަންޖެހޭ އެއްހަމަ އަދި އާންމު މިންގަނޑެއް ނުވަތަ އުސޫލެއް އެކުލަވާލުމަށް ސަރުކާރަށް ގޮވާލާފަ އެވެ.