ރައްޔިތުންގެ މަޖިލިސް

ޓެކްސް ބޮޑުކުރުމުން ފަތުރުވެރިންގެ އަދަދު މަދުވާނެ: މައުރޫފް

ފަތުރުވެރިކަމުގެ ޓެކްސްތައް ބޮޑުކުރުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

އެއާޕޯޓް ޓެކުހާއި ޑިޕާޗާ ޓެކްސް ބޮޑުކުރަން ދިވެހިރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް ހުށަހެޅުއްވި އިސްލާހުގެ ބިލްގެ ބަހުސްގައި މައުރޫފް މިއަދު ވިދާޅުވީ ޓެކްސް ބޮޑުކުރުމުން ފަތުރުވެރިން ކުރަންޖެހޭ ހޭދަ ބޮޑުވާނެ ކަމަށެވެ.

މައުފޫފް ވިދާޅުވި ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރުގެ އަގު ބޮޑުވުމެވެ.

"ޔޫރަޕުން ދުބާއީއަށް ކުރާ ދަތުރެއްގެ އަގަށްވުރެ ދުބާއީ އިން ދިވެހިރާއްޖެއަށް ކުރާ ދަތުރުގެ އަގު ބޮޑުވީމާ ދިވެހިރާއްޖެއަށް ފަތުރުވެރިން އަންނަލެއް މަދުވާނެ،" މައުރޫފް ވިދާޅުވި އެވެ.

ރާއްޖެއަށް މިހާރު އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ނަމަވެސް އެ ފަތުރުވެރިންނަކީ ގެސްޓްހައުސްތަކާއި ދަށު ފަންތީގެ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރަން ފަތުރުވެރިން ކަމަށް މައުރޫފް ވިދާޅުވި އެވެ. އެ ފަތުރުވެރިންނަކީ ލޯ ބަޖެޓް ނުވަތަ ބޮޑެތި އަދަދުން ހޭދަ ނުކުރާ ފަތުރުވެރިން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމްގެ ޓެކްސްތައް ބޮޑުކުރުމުން ރިސޯޓުތަކުގެ ކޮޓަރިތަކުގެ އަގުވެސް ބޮޑުވާނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.

"ނަތީޖާއަކަށް ވެގެންދަނީ ދިވެހިރާއްޖެއާ އަޅާކިޔާ މާކެޓްތަކުގައި މިއަށްވުރެ މާ އަގުހެޔޮކޮށް ޓޫރިސްޓަކަށް ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނީ. އޭގެ ނަތީޖާއަކަށް ވެގެންދާނީ ދިވެހިރާއްޖެ އަންނަ ޓޫރިސްޓުން މަދުވުން،" މައުރޫފް ވިދާޅުވި އެވެ.

ޓެކްސް ބޮޑުކޮށްފައި ފަތުރުވެރިންގެ އަދަދު ބޮޑުވާނެ ކަމަށް ބުނުމަކީ ޖޯކެއް ކަމަށްވެސް މައުރޫފް ވިދާޅުވި އެވެ.

"ޓޫރިސްޓުން އަންނަ އަދަދު އިތުރުނަމަ 1،000 ޑޮލަރު ނަގަންވީނުންތޯ،" މައުރޫފް ވިދާޅުވި އެވެ.