ރައްޔިތުންގެ މަޖިލިސް

ގްރީން ޓެކްސް ބޮޑުކުރަން ފާސްކޮށްފި

ގްރީން ޓެކްސް ބޮޑުކުރަން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ގާނޫނަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު ފާސްކުރަން ފެންނަ ކަމަށް 71 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް އަށް މެންބަރުން ވޯޓު ދެއްވި އެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓަރީ ކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެ ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ގްރީން ޓެކްސްގެ ގޮތުގައި މިހާރު ނަގަނީ ތިން ޑޮލަރެވެ.

މަޖިލީހުން މިއަދު ވަނީ އެއަދަދު ހަ ޑޮލަރަށް ބޮޑުކުރަން ފާސްކޮށްފަ އެވެ.

ރާއްޖޭގައި ހިންގާ ޓޫރިސްޓް ރިޒޯޓުތަކާއި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި ރިޒޯޓު ހޮޓާތަކާއި ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކާއި ޓޫރިސްޓް އުޅަނދުތަކުގައި ޓޫރިސްޓަކު ހޭދަކުރާ ކޮންމެ ދުވަހަކަށް ގްރީން ޓެކްސްގެ ގޮތުގައި މިހާރު ނަގަނީ ހަ ޑޮލަރެވެ.

އެ އަދަދު 12 ޑޮލަރަށް ބޮޑުކުރަން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

އިސްލާހުގައިވާ ގޮތުން ގްރީން ޓެކްސްގެ އާ ބަދަލަށް އަމަލު ކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުން ފެށިގެންނެވެ.