ޑރ. މުހައްމަދު މުއިއްޒު

މީރާއަށް ޖަމާކުރެވޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދޭން ނިންމައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޖަމާކުރެވޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދޭން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވ. ކެޔޮދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ޓެކްސްގެ ގާނޫނަށް އިސްލާހު ގެނެސް ކުރިއަށް އޮތް ތަނުގައި މީރާއަށް ޖަމާކުރެވޭ އާމްދަނީގެ ވަކި އިންސައްތައެއް ކޮންމެ ކައުންސިލަކަށް ލިބޭނެ ގޮތަށް ބައްޓަންކުރަން ގާނޫނަށް އިސްލާހު ގެންނަވާނެ ކަމަށެވެ.

"އޭރުން ކައުންސިލްތަކުން ރައްޔިތުންނަށް ހިދުމަތްކުރުމުގައި ކޮންމެ އަހަރެއްގެ ބަޖެޓުން އެކުރާ ހަރަދުތަކުގެ ތެރެއަށްވެސް އިރާދަކުރެއްވިއްޔާ ލުއިތަކެއް ލިބި ލާމަރުކަޒީކޮށް ރަށްރަށަށް ސީދާ ކައުންސިލްތަކުން އެ ލިބޭ އާމްދަނީ މެދުވެރިކޮށް ކަންކަން ފަހިކުރެވިގެންދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކަށް ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓީޖީއެސްޓީ ވަކި އިންސައްތައެއް ކައުންސިލްތަކުގެ އާމްދަނީއަށް އިތުރުކުރުމަށް ލާމަރުކަޒީ ގާނޫނާއި ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމަށް ގަސްތުކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މިކަންކަން ކުރެވެން އޮތީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރަށް އެއްބާރުލުންދޭނެ މަޖިލީހެއް ބޭނުންވާ ކަމަށެވެ.

"ރައްޔިތުންނަށް އެބަ ލިބޭ ވަރަށް ރަނުގެ ފުރުސަތެއް. މިކަހަލަ ކަންކަމުގައި ސަރުކާރަށް އެއްބާރުލުންދޭނެ މަޖިލީހެއް ހޮވުމުގެ ފުރުސަތު. އަޅުގަނޑު އެދެން މި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިތްޕެވުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.