ޠާރިގު އިބްރާހީމް

ތޯރިގަށް ރުހުން ހޯދަން މަޖިލީހަށް

އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލައި މިނިސްޓާ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަގާމަށް އައްޔަން ކުރެއްވި ތޯރިގު އިބްރާހީމަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި މައްސަލަ ދިރާސާކުރަން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފަ އެވެ.

އެންވަޔަރަންމަންޓާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލުމަށްފަހު މިނިސްޓަރަކަށް ތޯރިގު އައްޔަންކުރެއްވީ މިމަހުގެ އެއްވަނަ ދުވަހު އެވެ.

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަގާމަށް ތޯރިގު އައްޔަނުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ތޯރިގާ ބައްދަލުކުރައްވައި ތިމާވެއްޓާއި ފަތުރުވެރިކަން ގުޅުވައިގެން ރާއްޖެ އިޝްތިހާރުކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

ޓޫރިޒަމް މިނިސްޓްރީއާއި އެންވަޔަރަންމަންޓް މިނިސްޓްރީން އެއްކޮށްލާފައި މިވަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިސަލް ޖެނުއަރީ 28 ވަނަ ދުވަހު މަގާމުން ވަކިކުރެއްވުމަށްފަހު އެވެ.