ސިއްހަތު

ބިސް: ކޮލެސްޓްރޯލް މަތި، ކުރާ ފައިދާ ގިނަ

ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް ބިސް ހިމަނާ ގިނަ ބަޔަކު އުޅެ އެވެ. ފެނު ކައްކައިގެންނާއި ބިސްގަނޑު އަޅައިގެން ނުވަތަ ބިސް ބޭނުންކޮށްގެން ކޮންމެވެސް ކާއެއްޗެއް ހަދައިގެން ވެސް ބޭނުންކުރެ އެވެ. މިފަހަރު މި ބަލާލަނީ ބިހުން ލިބޭ ފައިދާ އަށެވެ.

ނިއުޓްރިއެންޓްސް

ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ އެތައް މާއްދާއެއް އެންމެ ބިހަކުންވެސް ލިބެ އެވެ. މީހަކަށް ދުވާލަކަށް ވިޓަމިން އޭ ބޭނުންވާ މިންވަރުގެ އަށް ޕަސެންޓް އެންމެ ބިހަކު ލިބޭއިރު ވިޓަމިން ބީ12ގެ 23 ޕަސެންޓް ލިބެ އެވެ. އަދި ވިޓަމިން ޑީ، ވިޓަމިން އީ، ވިޓަމިން ބީ6ގެ އިތުރުން ކެލްސިއަމް އާއި ޒިންކް ލިބެ އެވެ.

ކޮލެސްޓްރޯލް މަތި

ބިހަކީ ކޮލެސްޓްރޯލް މަތީ މިންވަރަކަށް ހިމެނޭ އެއްޗެކެވެ. ހާއްސަކޮށް ބިހުގެ ގޮބޮޅީގަ އެވެ. އެންމެ ބިހެއްގައިވެސް 186 މިލިގްރާމް ކޮލެސްޓްރޯލް ހިމެނެ އެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮތް އެގްރިކަލްޗާއިން ކުރި ދިރާސާއަކުން ދައްކާ ގޮތުން ބިހުގައި މަތީ މިންވަރަކަށް ކޮލެސްޓްރޯލް ހިމެނުނު ނަމަވެސް، ބިސް ކާ މީހުންގެ ތެރެއިން 70 އިންސައްތަ މީހުންނަށް ބިހުގެ ސަބަބުން ކޮލެސްޓްރޯލް މަތިވާ ކަމަކަށް ނުދައްކަ އެވެ.

އަވަހަށް ބަނޑުފުރާލާ

ބިސް ކެއުމުން އަވަހަށް ބަނޑު ފުރޭކަން، ހެނދުނުގެ ނާސްތާއަށް ބިސް ބޭނުންކުރާ ގިނަ މީހުންނަށް އިހްސާސް ކުރެވޭނެ އެވެ. ސަބަބަކީ ބިހަކީ ޕްރޮޓީން ގިނަ އެއްޗަކަށްވުމެވެ. ބިސް ފެނު ކައްކައިގެން ނުވަތަ ބިސްގަނޑު އަޅައިގެން ނަމަވެސް ކެއުމުން ދެން އޮންނަ ނާސްތާއަކާ ހަމައަށް ބަނޑުހައިނުވެ ހުރެވޭނެ އެވެ.

ކޮލިން - ސިކުނޑީގެ ސެލްތައް ވަރުގަދަކޮށްދޭ

ކޮލިން އަކީ ގިނަ މީހުން އެ ނިއުޓްރިއެންޓްއަކަށް މާބޮޑު ސަމާލުކަމެއް ނުދޭ ނިއުޓްރިއެންޓް އެކެވެ. ކޮލިންއަކީ ސިކުނޑީގެ ސެލްތައް ވަރުގަދަކޮށްދޭ މާއްދާ އެކެވެ.

ރަނގަޅަށް ފެނު ކައްކާފައިވާ ބިހެއްގައި 147 މިލިގްރާމް ކޮލިން ހިމެނެ އެވެ. މިއީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން، މީހަކަށް ދުވާލަކަށް މި މާއްދާ ބޭނުންވާ މިންވަރުގެ 27 ޕަސެންޓް ކަމަށް ކަނޑައަޅާފައިވާ މިންވަރެވެ.

ލޮލުގެ ދުޅަހެޔޮކަމަށް މުހިއްމު މާއްދާތަކެއް

ބިހުގެ ގޮބޮޅީގައި ލޮލުގެ ދުޅަހެޔޮ ކަމަށް މުހިއްމު ދެ މާއްދާ ކަމަށްވާ ލޫޓެއިން އާއި ޒިއަޒެންތިން ހިމެނެ އެވެ. އުމުރުން ދުވަސްވުމުން ލޮލަށް ކުރާ ނޭދެވޭ އަސަރުތަކުން ދުރުކޮށްދިނުމަށް މި މާއްދާތައް އެހީވެދެ އެވެ.

ބިހަކީ ވިޓަމިން އޭ ވެސް ލިބޭ އެއްޗަކަށްވާއިރު މިއީވެސް ލޮލުގެ ދުޅަހެޔޮކަމަށް ފައިދާކުރާ މާއްދާއެކެވެ.