ރޯދައޭ..

ކަރަންފުލާއި ފޮނިތޮށީގެ ބޭނުން އެނގޭތަ

ކަރަންފުލާއި ފޮނިތޮއްޓަކީ ދުފުމުގައި ދިވެހިން އާންމުކޮށް ބޭނުންކުރާ އެއްޗެކެވެ. ކެއުމަށްފަހު އަނގައިން ރަހަ ކަނޑުވާލުމަށްވެސް ކަރަންފުލާއި ފޮނިތޮއްޓަކީ ދިވެހިންގެ މެދުގައި މަގުބޫލު އެއްޗެކެވެ. ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންގެ މެދުގައިވެސް އެކަން އޮތީ އެހެންނެވެ.

ބައެއް ކެއުންތައް ތައްޔާރުކުރުމުގައިވެސް ކަރަންފޫ އަދި ފޮނިތޮށި ބޭނުންކުރެ އެވެ. މިފަހަރު މި ބަލާލަނީ ކަރަންފުލާއި ފޮނިތޮއްޓަށެވެ.

ކަރަންފޫ - ނިއުޓްރިއެންޓްސް

ކަރަންފުލަކީ ފައިބާ އާއި މެގްނީސިއަމް ހަށިގަނޑަށް ލިބިދޭ އެއްޗެކެވެ. ދެ ގްރާމް ކަރަންފުލުން، މީހަކަށް ދުވާލަކަށް މެގްނީސިއަމް ބޭނުންވާ މިންވަރުގެ 55 ޕަސެންޓް ލިބެ އެވެ. ދެ ގްރާމް ކަރަންފޫގައި ހަ ކެލޮރީ ހުންނައިރު އެއް ގްރާމް ފައިބާ ހިމެނެ އެވެ.

ކަރަންފޫ - ދަތަށް ފަރުވާއެއް

ދަތްފަނި ކެއުމާއި ދަތަށް ތަދުވުމުގެ ފަރުވާއަށް ކަރަންފުލަކީ ބޭނުންކުރެވިދާނެ އެއްޗެކެވެ. ކަރަންފުލުގައި ހިމެނޭ މާއްދާތަކުގެ ސަބަބުން އަނގައިގެ ބެކްޓީރިއާތައް މަދުކޮށްދީ ޕްލޭގް އަދި ކެވިޓީސް އުފެދުން ދަށްކޮށްދެ އެވެ.

ކަރަންފޫ - ހަޖަމުކުރަން ފަސޭހަކޮށްދޭ

ކަރަންފުލަކީ ހަޖަމުކުރުން ފަސޭހަކޮށްދިނުމަށް އެހީވެދޭ އެއްޗެކެވެ. ގޭސްޓްރިކް މައްސަލަތަކަށްވެސް ބޭނުންކުރެވިދާނެ އެވެ. އޭގެ އިތުރުން ކަރަންފުލަކީ ލިވާގެ ދުޅަހެޔޮކަން އިތުރުކޮށްދޭ އެއްޗެކެވެ.

ކަރަންފޫ - މާގިނައިން ބޭނުންކުރުން ރަނގަޅެއް ނޫން

ކަރަންފޫގައި ފައިދާތަކެއް ހުރި ނަމަވެސް މިއީ ގިނައިން ބޭނުންކުރުން ރަނގަޅު އެއްޗެއް ނޫނެވެ. މާގިނައިން ކަރަންފޫ ކެއުމަކީ ސައިޑް އިފެކްޓްސް ކުރިމަތިވާނެ ކަމެކެވެ. އެގޮތުން ލިވާ އަދި ކިޑްނީއަށް ގެއްލުންވުން ހިމެނެ އެވެ.

ފޮނިތޮށި - ނިއުޓްރިއެންޓްސް

ފޮނިތޮށީގެ 100 ގްރާމްގައި މީހަކަށް ދުވާލަކު އަޔަން ބޭނުންވާ މިންވަރުގެ 46 ޕަސެންޓް ހުންނައިރު 15 ޕަސެންޓް މެގްނީސިއަމް ލިބެ އެވެ. އޭގެ އިތުރުން 10 ޕަސެންޓް ވިޓަމިން ބީ6 އަދި ހަ ޕަސެންޓް ވިޓަމިން ސީ ލިބެ އެވެ.

ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭ

ފޮނިތޮށީގެ ސަބަބުން ހިތުގެ ބަލިތަކަށް އޮންނަ ނުރައްކާ ކުޑަކޮށްދެ އެވެ. ދިރާސާތަކުން ކޮންމެ ދުވަހަކު 1.5 ގްރާމްސް ފޮނިތޮށި ބޭނުންކުރުމަކީ ޓޯޓަލް ކޮލެސްޓްރޯލް އާއި އެލްޑީއެލް ކޮލެސްޓްރޯލްގެ އިތުރުން ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދޭ ކަމެކެވެ.

އެންޓިއޮކްސިޑެންޓްސް އިން ފުރިފައި

އެންޓިއޮކްސިޑެންޓަކީ އޮކްސިޑޭޓިވް ގެއްލުންތަކުން ހަށިގަނޑު ރައްކާތެރިކޮށްދޭ އެއްޗެކެވެ. ފޮނިތޮއްޓަކީ އެންޓިއޮކްސިޑެންޓްސް އިން ފުރިފައިވާ އެއްޗެކެވެ.