ރައްޔިތުންގެ މަޖިލިސް

ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހު ދިރާސާކުރަން ކޮމިޓީއަށް

ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލުގެ އިހްތިސާސްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރެވޭ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ތިމަރަފުށި ދާއިރާގެ މެންބަރު އަހުމަދު ރިޔާޒް އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލް ބަލައިގަންނަން ފެންނަ ކަމަށް 43 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް ނުވަ މެންބަރުން ވޯޓު ދެއްވި އެވެ. ބިލް ބަލައިގަތުމަށް ފާސްވުމުން ބިލް ދިރާސާކުރަން ވަނީ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ފޮނުވާފަ އެވެ.

އިސްލާހުގައި ބުނެފައި ވަނީ މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތައް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލްގެ އިހުތިސޯސްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

މީގެ އިތުރުން ރިސޯޓުތަކުގެ މުއްދަތު އިތުރުކުރެވޭ ގޮތަށް އޮތް މާއްދާ އިސްލާހުކުރަން ވަނީ ހުށަހަޅާފަ އެވެ.

މި ގޮތުން ރިޒޯޓްތަކުގެ މުއްދަތު 99 އަހަރަށް އިތުރުކުރުމަށް ފައިސާ ދެއްކުމަށް ލުއި ދިނުމުގެ މުއްދަތު އަނެއްކާ ވެސް ހަ މަސް ދުވަހަށް އިތުރުކުރަން ބިލުގައި ވަނީ ހިމަނާފަ އެވެ.

އެ ގޮތުން ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކައި ހަލާސްކުރުމަށް އެއްބަސްވާނަމަ މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް އެއް ލައްކަ ޑޮލަރު އެކީ އެއްފަހަރާ ދައްކަންވާނެ ކަމަށް އިސްލާހުގައިވެ އެވެ.

ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ފަހުން ފައިސާ ދައްކާ ހަލާސްކުރުމަށް އެއްބަސްވާނަމަ މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް ދެ ލައްކަ ޑޮލަރު އެކީ އެއްފަހަރާ ދައްކަންވާނެ ކަމަށް އިސްލާހުގައިވެ އެވެ.