ރައްޔިތުންގެ މަޖިލިސް

މިފްކޯއަށް މަސް ގަންނަ އަގު ކުޑަކުރަންޖެހޭ: ނާޒިމު

ސަރުކާރުގެ މަސް ކުންފުނި -- މިފްކޯއަށް މަސް ގަންނަ އަގު ކުޑަކުރަންޖެހޭ ކަމަށް މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު މިއަދު ވިދާޅުވެއްޖެ އެވެ.

މިފްކޯއަށް މަސް ގަންނަ އަގު މުރާޖައާކުރަންޖެހޭ ކަމަށް ނާޒިމު ވިދާޅުވީ މިފްކޯއަށް މަސްވެރިން ކިރާ މަހަށް ލިބެންޖެހޭ ފައިސާ ވަގުތުން ވަގުތަށް ހަމަޖައްސައިދިނުމަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީ ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުންނެވެ.

ނާޒިމު ވިދާޅުވި ގޮތުގައި މިފްކޯއަށް މަސް ގަންނަ އަގަކީ ދެކޮޅު ޖެހޭ އަގެއް ނޫނެވެ.

"މިފްކޯ އިން މަސް ގަންނަން ހަމަޖައްސާފައިވާ އަގަކީ ދެކޮޅު ޖެހޭ އަގެއް ނޫން. މިފްކޯއަށް ކޮންމެ ކިލޯއަކުން އަށް ރުފިޔާ ގެއްލުންވާ ކަމަށް ވަނީ މި އަގުގައި މަސް ގަނެގެން އެކްސްޕޯޓްކުރީމަ،" ނާޒިމު ވިދާޅުވި އެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ބަރާބަރަށް ދެވޭނީ ފައިސާ ބަރާބަރަށް ދެވޭ އަގެއްގައި މަސް ގަނެގެންކަން ނާޒިމު ފާހަގަކުރެއްވި އެވެ. ނަމަވެސް މިފްކޯއަށް މިހާރު ގަނެފައިވާ މަހަށް ކުރިންވެސް އެއްބަސްވެފައިވާ އަގަށް ފައިސާ ދޭން ވާނެ ކަމަށާއި ނަމަވެސް ގައުމުގެ ހާލަތު ހުރީ ފައިސާ ދެވޭ ހާލަތެއްގައި ނޫން ކަމަށް ނާޒިމު ވިދާޅުވި އެވެ.

"އެ ހާލަތަކީ ވާރުތަވީ ހާލަތެއް މި ސަރުކާރަށް،" ނާޒިމު ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ ޕާޓީގެ ރޮނގު ދޫކޮށް ހަގީގަތް ގަބޫލުކުރަންޖެހޭ ކަމަށެވެ.

"12 ރުފިޔާއަށް ވިޔަސް 15 ރުފިޔާއަށް ވިޔަސް ދެެވެން އޮތް އަގެއްގައި، ދެކޮޅު ޖެހޭ އަގެއްގައި މިކަން ކުރީމަ މަސްވެރިންނަށްވެސް ލާރިކޮޅު ބަރާބަރަށް ލިބޭނެ،" ނާޒިމު ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވި ގޮތުގައި މިފްކޯގެ މަރުކަޒުތަކުގައި 614 ދޯނި ރަޖިސްޓްރީކޮށްފައިވެ އެވެ. އެ ދޯނިތަކުގައި 17،000 މަސްވެރިން ތިބިއިރު އޭގެ ތެރެއިން 3،700 މަސްވެރިންނަކީ ކަންނެލި މަސްވެރިންނެވެ.

އޭނާ ވަނީ މިހާރު ސަބްސިޑީ ދެވޭ ގޮތް އިންސާފުވެރިނޫން ކަމަށް ވިދާޅުވެފަ އެވެ.

"މަސައްކަތްކުރާ އާބާދީގެ ހިމެނޭ މީހުންގެ ތެރެއިން 17،000 މީހުންނަށް މިވަރުގެ ބޮޑު ސަބްސިޑީއެއް ދިނުމަކީ އެއީ އިޖުތިމާއީ އަދާލަތުގެ އުސޫލުން ބަލާއިރުވެސް ދެކޮޅު ޖެހޭ ކަމެއް ނޫން،" ނާޒިމު ވިދާޅުވި އެވެ.