އިބްރާހިމް ޝުޖާއު

މަސްވެރިންނަށް 933 މިލިއަން ރުފިޔާ ދޫކޮށްފިން: ޝުޖާއު

މި ސަރުކާރުން މަސްވެރިންނަށް 933 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

މިފްކޯއަށް މަސްވެރިން ކިރާ މަހަށް ލިބެންޖެހޭ ފައިސާ ވަގުތުން ވަގުތަށް ހަމަޖައްސައިދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީ މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ޝުޖާއު ވިދާޅުވީ ތެލާއި އައިސްއާއެކު މި ސަރުކާރުން މަސްވެރިންނަށް 933 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.

"މި ވެރިކަމުގައި މިއަދާ ހަމަށް 40،000 މެޓްރިކް ޓަނުގެ މަހަށް ތެލާއި އައިސްއާއެކީގައި 933 މިލިއަން ރުފިޔާ އެބަ އޮތް މަސްވެރިންނަށް ދޫކުރެވިފަ،" ޝުޖާއު ވިދާޅުވި އެވެ.

ތެލާއި އައިސް ނުލައި 798 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކުއްލި މައްސަލައިގެ ބަހުސްގައި މި ސަރުކާރު ވެރިކަމަށް އައިއިރު މިފްކޯގެ ސްޓޯރޭޖްގައި މަސް ހުރި ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެފައިވާތީ އެކަމަށް ޝުޖާއު ވަނީ ރައްދު ދެއްވާފަ އެވެ.

"ފުލްކޮށް ސްޓޯރޭޖްގައި މަހެއް ނެތް. ހުރި މަސް ކީއްވެތޯ ޕްރޮސެސް ނުކުރީ،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ މަސް ޕްރޮސެސް ކުރެވޭނެ ގޮތެއް ނެތް ކަމަށާއި މަސް ޕްރޮސެސްކުރާ ޕްލާންޓްތައް ހުރީ ހަލާކުވެފައި ކަމަށެވެ.

"ފެކްޓްރީތައް ވޯކެއް ނުކުރޭ. މަސްވެރި ސިނާއަތް އޮތީ ފުނޑުފުނޑު އަރުވާލާފަ،" ޝުޖާއު ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުގައި މަހުގެ އަގު ބޮޑުކުރީ މަސްވެރި ސިނާއަތް އިތުރަށް ފުނޑާލުމަށް ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.