އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
އައްޑޫ އިން ކަރަންޓު ކެނޑޭތީ ކުއްލި މައްސަލަ ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން ނާޒިލް ވިދާޅުވީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް ކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫ-ފޭދޫ އަދި ފޭދޫއަކީ މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ސިޓީ ކަމަށާއި އެ ސިޓީއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ސަރުކާރުން ތަކުރާރުކޮށް އިހުމާލުވަމުންދާ ކަމަށެވެ.
މި ރޯދަ މަސް ފެށެންވާއިރަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އައްޑޫއަށް ކަރަންޓު ފޯރުކޮށްދިނުމުގައި އިހުމާލުވަމުން ދިއުމުގެ ސަބަބުން އެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ އަސާސީ ދިރިއުޅުމުގެ ހާލަތަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ނާޒިލް ވިދާޅުވި އެވެ.
ކަރަންޓު ކެނޑޭތީ އޮފީސްތަކާއި ފިހާރަތަކުން ދޭންޖެހޭ ހިދުމަތްތައް ނުދެވޭ ކަމަށާއި ޓީވީ، އޭސީ ފަދަ އަގު ބޮޑު ކަރަންޓު ސާމާނު ހަލާކުވަމުންދާ ކަމަށް ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.
ކުއްލި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް 13 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 47 މެންބަރުން ވޯޓު ދެއްވި އެވެ.