އެމްޑީޕީ

އަލިފާނުގެ ހާދިސާއާ ގުޅިގެން ދައުރުން ބޭރު ޖަލްސާއެއް ބާއްވަން އެދެނީ

ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ އިމާރާތްތަކެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން އިދިކޮޅު އެމްޑީޕީ އެދެން ނިންމައިފި އެވެ.

އެމްޑީޕީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ މަޖިލިސް ޗުއްޓީގައި އޮތުމުން ކުއްލި ޖަލްސާއެއް ބޭއްވުމަށް އެދޭނެ ކަމަށެވެ.

އެ ގޮތުން އެ ޖަލްސާ ބޭއްވުމަށް އެދި މިއަދު މަޖިލީހުގެ ރައީސްއަށް ސިޓީއެއް ފޮނުވާނެ ކަމަށް ނާޒިލް ވިދާޅުވި އެވެ.

މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ފާސްކުރުމަށްފަހު މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ދައުރުން ބޭރު ޖަލްސާއެއް ބާއްވަން އެދޭނެ ކަމަށް އެމްޑީޕީން ބުނެފައިވާއިރު މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ދައުރުން ބޭރު ޖަލްސާއެއް ބޭއްވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ 1/3 މެންބަރުންގެ ސޮއި ހަމަކޮށްގެންނެވެ.