ސައިބަކްރައިމް ކުށްތައް ހުއްޓުވަން ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކަކީ މުހިންމު އިސްލާހުތަކެއް ކަމަށް އިދިކޮޅު އެމްޑީޕީ އިން ބުނެފި އެވެ.
ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ މި ބިލްގެ ބަހުސްގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ ބިލަށް ހުށަހަޅާފައިވާ އިސްލާހަކީ މިވަގުތަށް މުހިންމު އިސްލާހުތަކެއް ކަމަށެވެ.
"މިއަދު މި އިސްލާހު ގެނެވުނު ކަމުގައިވިޔަސް އަދިވެސް އިތުރު އިސްލާހުތަކެއް މި ބިލަށް އައުމަކީ އެ ދުވަސްވަރަކާ ގުޅިގެން އަނެއްކާވެސް ކުރަންޖެހިދާނެ ކަމެއް. އަޅުގަނޑު ދަންނަވާނީ މިއަދު ބިލަށް އައިސްފައި އޮތް އިސްލާހަކީ މިހާރުން މިހާރަށް މުހިންމު އިސްލާހެއް،" ނާޒިލް ވިދާޅުވި އެވެ.
މި ބިލް ފުރިހަމަ ކުރުމަށް ކަމާގުޅޭ އިދާރާތަކާއި ތަޖުރިބާކާރުންގެ އެހީ ހޯދަން ބިލްގެ ބަހުސްގައި ބައެއް ބޭފުޅުން ދެއްކެވި ވާހަކަތަކަށް ނާޒިލް ވަނީ ތާއީދުކުރައްވާފަ އެވެ.
ނާޒިލް ވިދާޅުވީ ފާއިތުވި ދެތިން އަހަރުގެ ތެރޭގައި ކޮމްޕިއުޓާ ނެޓްވޮކް ތެރެއިން ދިމާވާ ކަންކަމަށް ގާނޫނުގެ ތެރެއިން ހައްލު ނުލިބޭ ކަމަށް އަޑު އިވޭ ކަމަށެވެ.
"ހާއްސަކޮށް ފުލުހުންގެ ފަރާތުން ވަރަށް ގިނަ ފަހަރު އަޅުގަނޑުމެންނަށް އަޑު އިވޭ އެ ބޭފުޅުން ބޭނުންވާ މައުލޫމާތު ބަދަލުކުރުމުގައި ހޯދަން ބޭނުންވާ މައުލޫމާތު އެއީ ބޭންކް މެދުވެރިކޮށްވިޔަސް އަދި އެންސީއައިޓީ މެދުވެރިކޮށްވިޔަސް އެ ބޭފުޅުންނަށް ގާނޫނީ އިމުގެ ތެރެއިން އެ ބާރު ލިބިފަ ނެތީމަ އެންމެ ފުރިހަމައަށް އެ މައުލޫމާތު ނުލިބޭކަމުގެ ވާހަކަ އަޅުގަނޑުމެންނަށް އަޑު އިވޭ،" ނާޒިލް ވިދާޅުވި އެވެ.