އިބްރާހީމް ނާޒިލް

ބޭރުގައި ތިބި ދަރިވަރުންގެ ފައިސާ ޖަމާކުރުމަށް ގޮވާލާ މައްސަލަ ބޭރުކޮށްލައިފި

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ޖަމާކޮށްދޭންޖެހޭ ފައިސާ ވަގުތުން ވަގުތަށް ޖަމާކޮށްދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ނާޒިލް ވިދާޅުވީ ސަރުކާރުގެ ސްކޮލަޝިޕްގައި އަދި ސްޓޫޑެންޓް ލޯނު ސްކީމްގެ ދަށުން ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ސަރުކާރުން ޖަމާކޮށްދޭންޖެހޭ ފައިސާ ޖަމާކޮށްދެމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނުދާތީ ދަރިވަރުންނަށް ބޮޑެތި އުނދަގޫތައް ކުރިމަތިވަމުންދާ ކަމަށެވެ.

އެ ގޮތުން އެ ދަރިވަރުންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީ ލަސްކުރަމުންދާތީ ކޮލެޖް-ޔުނިވާސިޓީ ފީ ނުދެއްކި ދަރިވަރުން ބްލެކް ލިސްޓްކުރާ ހިސާބަށް މައްސަލަ ގޯސްވެފައިވާ ކަމަށް ނާޒިލް ވިދާޅުވި އެވެ.

"ސަރުކާރުން ރާއްޖެއިން ބޭރުގައި ކިޔާވާ ކުދިންނަށް ދޭންޖެހޭ ފައިސާ ޖަމާނުކޮށްދޭތީ ދަރިވަރުންނަށް ބޮޑެތި އުނދަގޫތައް ކުރިމަތިވެ ޔުނިވާސިޓީ ނުވަތަ ކޮލެޖަށް ދަށްކަންޖެހޭ ކޯސް ފީ ނުދެއްކި އެ ކުދިންނަށް ޔުނިވާސިޓީ ނުވަތަ ކޮލެޖުން އިންޒާރުދީ އެ ކުދިން ބްލެކް ލިސްޓްކުރާ ހިސާބަށް މައްސަލަ ގޯސްވެފައިވާ،" ކަމަށް ނާޒިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބައެއް ދަރިވަރުންނަށް ދިރިއުޅޭ ތަނުގެ ކުލި ނުދެއްކި ގިނަ ދުވަސްވެ އެ ދަރިވަރުން ދިރިއުޅޭ ތަން ހުސްކުރަންޖެހި އެ ކުދިން މަގުމަތިވުމުގެ ބިރު ވަނީ ކުރިމަތިވެފަ އެވެ.

މީގެ އިތުރުން ދަރިވަރުން ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ނުކުރެވި ދަރިވަރުންނާއި އާއިލާއިން ސަލާން ޖަހަންޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ނާޒިލް ވިދާޅުވި އެވެ.

ދަރިވަރުންނަށް ދޭންޖެހޭ ފައިސާ ނުދިން ނަމަވެސް މި ސަރުކާރުން ދައުލަތުގެ ވެރިންގެ ގެތައް ޒީނަތްތެރިކޮށް ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމަށް ހަރަދުކުރަމުންދާ ކަމަށް ނާޒިލް ތުހުމަތު ކުރެއްވި އެވެ.

"ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ތިޖޫރި ހުސްކުރަނީ ސަރުކާރުގެ ވެރިންގެ ގެކޮޅުތަކާއި އޮފީސްތަކާއި ޒީނަތްތެރިކުރުމަށާއި ޑޮލަރު ހަރަދުކޮށްގެން ބޮޑެތި ވަފުދުތައް ހަދައިގެން ރާއްޖެއިން ބޭރަށް ދަތުރުކުރުމަށާއި ސިޔާސީ މުވައްޒަފުން ފައުޖު ފައުޖަށް އައްޔަންކޮށް އެ މީހުންނަށް މުސާރަ ދިނުމަށް،" ނާޒިލް ވިދާޅުވި އެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ނާޒިލް ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ސަރުކާރުން ޖަމާކޮށްދޭންޖެހޭ ފައިސާ މިހާރުން މިހާރަށް ޖަމާކުރުމަކީ ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ ގާނޫނީ ޒިންމާއެއް ކަމަށާއި އެ ޒިންމާ އަދާކުރުމަށް ގޮވާލާ ކަމަށެވެ.

މި ކުއްލި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 59 މެންބަރުންނެވެ.