އިބްރާހިމް ޝުޖާއު

ހިލޭ ޑިގްރީ ޕްރޮގްރާމަކީ "ބޮޑު ސްކޭމް"އެއް: ޝުޖާއު

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ފެށި ހިލޭ ޑިގްރީ ޕްރޮގްރާމަކީ "ސްކޭމް" އެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ތުހުމަތު ކުރައްވައިފި އެވެ.

ޝުޖާއު މި ތުހުމަތުތައް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

ކޮލެޖަކަށް ޔުނިވާސިޓީގެ ދަރަޖަ ދޭ މުއްދަތު ކުޑަކުރަން އެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސްގައި ޝުޖާއު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ހިލޭ ޑިގްރީ ޕްރޮގްރާމް ހިންގީ ކިހިނެތްކަން ބަލަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އެބަޖެހޭ ބަލާލަން އެމްޑީޕީގެ ވެރިކަމުގައި މަތީ ތައުލީމަށް އިންވެސްޓްކުރުމުގެ ނަމުގައި ހިންގާފައި ވަނީ ކޮންކަހަލަ ޖަރީމާތަކެއްތޯ. އިއްޒަތްތެރި ރައީސް، ހިލޭ ޑިގްރީ ޕްރޮގްރާމް ދިވެހިރާއްޖޭގެ ޒުވާނުންނަށް، މަތީ ތައުލީމު އުނގެނޭ ދަރިވަރުންނަށް ހިންގާފައި އޮތް ގޮތަކީ ކޮބާކަން އަޅުގަނޑުމެން އެބަ ބަލައިލަން ޖެހޭ އިއްޒަތްތެރި ރައީސް. މަތީ ތައުލީމު ނުވަތަ ހިލޭ ޑިގްރީ ހިންގާފައި އޮތީ ބޮޑު ސްކޭމެއްގެ ގޮތުގައި،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި ހިލޭ ޑިގްރީ ޕްރޮގްރާމް ހިންގާފައި އޮތީ ޕްރައިވެޓް ކޮލެޖްތަކުން ހިންގަމުންދިޔަ ކޯސްތަކުގެ އަގު ވައްޓާލައި 60 ޕަސެންޓަށް ސަބްސިޑީއެއްދޭ އުސޫލުންނެވެ.

ނަތީޖާއެއްގެ ގޮތުން ފެނިގެންދިޔައީ ޕްރައިވެޓް ކޮލެޖުތައް އިނދަޖެހުނު މަންޒަރު ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދޭ ކަމަށް ބުނެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުނުކަން ފާހަގަކުރައްވާ ޝުޖާއު މިއަދު ވިދާޅުވީ ޕްރައިވެޓް ކޮލެޖުތައް ބާރުވެރިކުރެވުމުން ރާއްޖޭގައި ބޭރު ފައިސާ ހިފެހެއްޓޭނެ ކަމަށެވެ.