ދުނިޔެ

ޗައިނާއާ ޓައިވާން ވަކިކުރެވޭ ވަރުގެ ބަޔަކު ނެތް: ޝީ ޖިންޕިންގް

ޗައިނާއާ ޓައިވާން ވަކިކުރެވޭ ވަރުގެ ބަޔަކު ނެތް ކަމަށް، މީލާދީ އާއަހަރުގެ މުނާސަބަތުގައި ޗައިނާގެ ރައީސް، ޝީ ޖިންޕިން ދުނިޔެއަށް ދެއްވި މެސެޖެއްގައި ވިދާޅުވެއްޖެ އެވެ.

ޝީ ވިދާޅުވި ގޮތުގައި، މި ފެށުނު އާހަރަކީ ޗައިނާއާ ޓައިވާން ގުޅުވާލުމަށް -- ޗައިނާގެ ފުރިހަމަ ބާރުގެ ދަށަށް ގެންދިއުމަށް އުންމީދީ މަސައްކަތްތަކެއް ކުރެވޭނެ އަހަރަކަށް ވާނެ އެވެ.

ޗައިނާގެ ފުރިހަމަ ބާރު ޓައިވާނަށް ފޯރުވުމަށް ކުރެވޭ މަސައްކަތްތަކަށް ދުނިޔެގެ ޕްރެޝަރު ކިތަންމެ ބޮޑުވި ނަމަފެސް، ޖެހިލުންވެ ވަޑައިނުގަންނަވާ ކަމަށް ޝީ ވިދާޅުވި އެވެ. ޓައިވާން އަކީ ޗައިނާގެ ބައެއް ކަމަށް ޝީ ވިދާޅުވާ ވިދާޅުވުން މި ފަހަރުވެސް ތަކުރާރުކުރެއްވި އެވެ.

ޗައިނާގައި އަދި ޓައިވާންގައި ވެސް ތިބީ އެއް ބައެއް ކަމަށްވެސް ޝީ ވިދާޅުވި އެވެ. ޝީ އަދި ވިދާޅުވީ، އެ އަޚުވަންތަކަން ވީދާލައި ނިސްބަތްނުވާ ބައެއްގެ ތެރެއަށް ޓައިވާން ގެންދިއުމަކީ ކުރަން ލާހިކުކަމެއް ނޫން ކަމަށެވެ.

ގުޅުން ބަދަހިކުރުމަށް އޮތް ފުރުސަތު ގެއްލުވާލަން ބަޔަކު ރާވާ ނަމަ، އެ ބަޔަކު އެ ކުރަނީ މޮޔަ ޚިޔާލެއް ކަމަށްވެސް ޝީ ވިދާޅުވި އެވެ.

ޗައިނާ ގަބޫލުކުރާ ގޮތުގައި ޓައިވާން އަކީ ވަކިން އޮންނަ ޗައިނާގެ ބައެކެވެ. އަދި ވަކި ވެރިކަމަކުން ޓައިވާން ހިންގި ނަމަވެސް، ހުރިހާ ބާރެއް އޮންނަން ޖެހޭނީ ޗައިނާއަށް -- ވެރިރަށް ބެއިޖިންއާ ގުޅިފައި ކަމަށްވެސް ޗައިނާ ގަބޫލުކުރެ އެވެ.

ޓައިވާން އަކީ ވަކި ދައުލަތެއް ކަމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ގަބޫލެއް ނުކުރެ އެވެ. އަދި މިއީ އދ އިންވެސް ގަބޫލުކުރާ ކަމެއް ނޫނެވެ.

ނަމަވެސް، 1949 ވަނަ އަހަރުން ފެށިގެން ޓައިވާން ހިންގަނީ ޗައިނާގެ މާބޮޑު އެހީއެއް ނެތި މުޅިން ވަކިންނެވެ.

ޓައިވާންގެ މައްސަލަ ބޮޑު މައްސަލައަކަށް ވެފައި ވަނީ އެމެރިކާއާ ހެދި އެވެ. އެމެރިކާގެ ވިސްނުމުގައި ޗައިނާއާ ވަރަށް ގާތުގައި، ޗައިނާއަށް ބިރުދެއްކޭ ވަރުގެ ބާރެއް -- އެމެރިކާއަށް ކޮންޓްރޯލް އޮންނަ ވަރުގެ އަސްކަރީ ބާރެއް އޮންނަން ޖެހެ އެވެ.

ޗައިނާ ސައިޒުރުމަށްޓަކައި އެެމެރިކާއިން ދަނީ ޓައިވާންއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ޓައިވާންގެ މިހާރުގެ ހާލަތަށް ބަލާއިރު، ނިއުކްލިއާ ފަދަ ބާރުގަަ ހަތިޔާރު ޓައިވާންގައި ނެތް ކަމަށް ބުނުމަކީ ކުށަކަށްވެސް ވެދާނެ އެވެ.