ދުނިޔެ

ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި ޝީ އާއި ބައިޑަން ފޯނުން މަޝްވަރާކުރައްވާނެ

އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން، ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާނެ ކަމަށް މި ދެ ގައުމުގެ އިސް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބައިޑަން އާއި ޝީ މަޝްވަރާ ކުރެއްވުމުގެ ބޭނުމަކީ، ދެ ގައުމުގެ ދެމެދުގައި ހުރި ހިލާފުތަކުގެ ފަރަގު ކުޑަކޮށް އެކުވެރި މާހައުލެއް ގާއިމުކުރުމެވެ.

ރައީސުންގެ ފެންވަރުގައި މަޝްވަރާތައް ބޭއްވުމަށް އެމެރިކާ އާއި ޗައިނާއަށް އެއްބަސްވެވުނީ އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކު ސުލިވާން އާއި ޗައިނާގެ ހާރިޖީ ވަޒީރު ވާންގް ޔީ -- ޗައިނާގެ ވެރިރަށް ބެއިޖީންގައި ކުރެއްވި މަޝްރާތަކަށްފަހު އެވެ.

ޖޭކް ސުލިވާން ޗައިނާއަށް ވަޑައިގެން މި އުޅުއްވަނީ ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް އިތުރުކޮށް އެއްބާރުލުން ހޯއްދެވުމަށެވެ.

އެމެރިކާ އާއި ޗައިނާއާ ދެމެދު ދާއީމީ ގުޅުމެއް ގާއިމުކުރެއްވުމަކީ ވެސް ސުލިވާންގެ މަސްއޫލިއްތަކެވެ. މިގޮތުން ދެ ގައުމުގެ ދެމެދުގައި އަސްކަރީ ފެންވަރުގައި މަޝްވަރާތައް ފެށުމަކީވެސް ކޮޅެއްގައި ޖެއްސިދާނެ ކަމެއް ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

ޗައިނާ އާއި އެމެރިކާއާ ދެމެދު ގުޅުން ގޯސްވެ ކަނިކަނޑައިގެން ގޮސްފައިވަނީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް ނާންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަތުމާ ގުޅިގެންނެވެ.

ޓައިވާނަށް އަސްކަރީ ގޮތުން ގާބިލްކަން ހޯދައިދިނުމަކީ އެމެރިކާއިން ވަރަށް ފޯރީގައި ކުރަމުންދާ ކަމެކެވެ.

އެމެރިކާ، ޓައިވާން ގުޅުމާ ބެހޭ ގޮތުން ޗައިނާގެ ބުނުމަކީ -- ޓައިވާން އަކީ ވަކި ދައުލަތެއް ކަމަށް ގަބޫލުކުރާ ހާލުގައި އެމެރިކާއިން މުއާމަލާތްކޮށްގެން ނުވާނެ ކަމަށެވެ.

ޓައިވާން އަކީ ވަކި ދައުލަތެއް ނޫން ކަމަށާއި އެއީ ޗައިނާގެ ވަކިން އޮންނަ ރަށެއް ކަމަށް ވެސް ޗައިނާ ބުނެ އެވެ.