ދުނިޔެ

ޗައިނާ އާއެކު ފިނިހަނގުރާމަ ކުރުމުގެ ބޭނުމެއް ނެތް: ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޗައިނާގެ ރަައީސް ޝީ ޖިންޕިން -- ޖޯ ބައިޑަން ރައީސްކަމާ ހަވާލުވެ ވަޑައިގަތް ފަހުން ފުރަތަމަ ފަހަރަށް އިންޑޮނީޝިއާގައި ބައްދަލު ކުރައްވައިފި އެވެ.

ދެެ ރައީސުން އިންޑޮނީޝިއާއަށް ވަޑައިގެން އުޅުއްވަނީ ބާލީގައި ފެށޭ ޖީ20 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

ޖޯ ބައިޑަން ޝީއާ ބައްދަލުކުރެއްވީ ކުރިން ތައްޔާރުކޮށްފައި އޮތް އެޖެންޑާއަކާ އެކު އެވެ.

އެޖެންޑާގައި ހިމެނޭ މައިގަނޑު މައުލޫތަކަކީ ޓައިވާން އާއި އުތުރު ކޮރެއާ އަދި އިންސާނީ ހައްގުތަކާ މެދު ޗައިނާ އަމަލުކުރާ ގޮތެވެ.

ބައްދަލުވުމުގެ ކުރިން އާންމުކޮށް ހީވެފައި އޮތީ ދެ ލީޑަރުންގެ މަޝްވަރާތައް ކޮޅެއްގައި ނުޖެހި ބޮޑު ޒުވާބަކަށް ބަދަލުވާނެ ކަމަށެވެ.

އެހެން ނަމަވެސް، މަންޒަރު ބަލަން ތިބި މީހުން ނޫސްތަކަށް ކިޔައިދިން ގޮތުގައި ކުރިން ހީކުރެވުނު ވަރަށް ބުރެ ދެ ރައީސުންގެ ބައްދަލު ކުރެއްވުން މާބޮޑަށް ވެސް ކާމިޔާބެވެ.

ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް ބައިޑަން ވިދާޅުވީ ޗައިނާ އާއެކު ފިނިހަނގުރާމެއް ކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.

ބައިޑަން އަދި ވިދާޅުވީ ޗައިނާގެ ނުރައްކަލެއް ޓައިވާނަށް އޮތް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. ޗައިނާއިން ޓައިވާން ހިސޯރު ނުކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

އުތުރު ކޮރެއާއިން ކުރާ މިސައިލް ޓެސްޓްތަކާ ބެހޭ ގޮތުން ބައިޑަން ވިދާޅުވީ ޗައިނާގެ ޒިންމާއެއް ވެސް އެކަމުގައި އޮންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ސަރަހައްދީ މަސްލަހަތު ދެމެހެއްޓުމުގައި ޗައިނާއަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ޝީ ވިދާޅުވީ ޗައިނާއާ އެމެރިކާއާ ދެމެދުގައި ސުލްހަ މަސްލަހަތެއް އޮންނަން އެމެރިކާ އެދޭ ނަމަ ޓައިވާން އަކީ ދެ ގައުމުގެ ދެމެދުގައި ދަމާލެވިފައި އޮތް ރަތް ރޮނގެއް ކަމަށް އެމެރިކާ ގަބޫލުކުރަން ޖެހޭ ކަމަށެވެ.

ޓައިވާނަކީ އެއްވެސް މާނައެއްގައި އެމެރިކާއާ ބެހޭ ތަނެއް ނޫން ކަމަށް ވެސް ޝީ ވިދާޅުވި އެވެ. އަދި އެއީ ޗައިނާގެ މަސްލަހަތާ ވަރަށް ބޮޑަށް ގުޅުން އޮތް ތަނެއް ކަމަށްވެސް ވިދާޅުވި އެވެ.

އެމެރިކާއާ ވާދަކޮށް އެމެރިކާއަށް ހުރި ފުރުސަތުތަކަށް ހުރަސްއެޅުމުގެ އެއްވެސް ވިސްނުމެއް އެއްވެސް އިރެއްގައި ޗައިނާ ނުގެންގުޅޭ ކަމަށް ބައިޑަންއަށް ޝީ ދެންނެވި އެވެ.

ޝީ އަދި ވިދާޅުވީ އެމެރިކާ އާއި ޗައިނާ ހިންގައި މެނޭޖުކުރަނީ ވެސް ވަރަށް ތަފާތު ދެ ސިޔާސަތަކުން ކަމަށެވެ.

އެމެރިކާގެ މައިގަނޑު ސިޔާސަތަކީ ކެޕިޓަލިޒަމް ކަމަށާއި ޗައިނާގެ ސިޔާސަތު ބައްޓަންކުރަނީ ސޯސިއަލިޒަމްގެ އަސާސްތަކަށް ކަމަށްވެސް ޝީ ވިދާޅުވި އެވެ.

އެހެންކަމުން ދެ ގައުމަށް ވެސް އޮތް އެންމެ ރަނގަޅު ގޮތަކީ އެބައެއްގެ އަސާސްތައް އެ ބަޔަކަށް ދޫކޮށްލާފައި ދުނިޔެ ތަރައްގީކުރުމަށް ގުޅިގެން އެއްބާރުލުން ކަމަށް ޝީ ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދެ ރައީސުންގެ މަޝްވަރާތައް ކުރިން ހީކުރެވުނު ވަރަށް ވުރެވެސް ކާމިޔާބެވެ.

ވައިޓް ހައުސް އިން ވެސް ވަނީ މިކަން ފާހަގަކޮށްފަ އެވެ. އަދި ބުނީ އިތުރު މަޝްވަރާތަކަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް -- ފޮރިން މިނިސްޓަރު ޗައިނާއަށް ވަރަށް އަވަހަށް ވަޑައިގަންވާނެ ކަމަށެވެ.