ދުނިޔެ

ޝީ - ބައިޑަން ބައްދަލުވުން ކުރިއަށް

ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެމެރިކާގެ ރައީސް އޮންލައިކޮށް ބައްދަލު ކުރައްވައި މަޝްވަރާތައް ފައްޓަވައިފި އެވެ. ދެ ރައީސުންގެ ބައްދަލުވުން ފެށުމުގެ ގޮތުން ހުޅުވާލި ޗެޕްޓަރުގައި ވެސް އޮތީ ދެ ގައުމުގެ ދެމެދުގައި އަރާ އޮޅުމެއްގެ ސަބަބުން ހަނގުރާމައަކަށް މަގުފަހިވިޔަ ނުދިނުމެވެ.

ޖޯ ބައިޑަން ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރުން މުހިންމު ކަމަށާއި ދެ ގައުމުގެ ވާދަވެރިކަން އެއް މިސްރާބަކަށް ހުރިއިރު އެ މަގުގައި ޓްރެފިކް ގަވާއިދާ އެއްގޮތަށް ދުއްވަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.

ޝި ޗިންޕިންގެ ގޮވާެލެއްވުމަކީ ވެސް މަޝްވަރާ އެވެ. ޝީ އަބަދު ވެސް ވިދާޅުވަނީ އޮޅުމެއް އަރާ ނަމަ ގުޅުން ރަނގަޅު ކުރަން އޮތް އެނމެ ރަނގަޅު ގޮތަކީ އަހައިގެން އޮޅުންފިލުވުން ކަމަށެވެ.

ޝީ ވިދާޅުވި ގޮތުގައި އިހުތިރާމް ކުރުމަކީ ދަސްކުރަން ޖެހޭ ކަމެކެވެ. ދެ ގައުމުގައި ވެސް ކަންކަން ނިންމަން ތިބީ އިންސާނުންނެވެ. އޮޅުމެއް އަރާ ކޮންމެ ފަހަރަކު ހަތިޔާރު އުފުލުމަކީ ތަހުޒީބީ ޒަމާން ދަންނަ ސިފައެއް ނޫނެވެ.

ޓައިވާންއާ ޗައިނާއާ ދެމެދު އޮތް މައްސަލައާ ބެހޭ ގޮތުން ވެސް ދެ ރައީސުން މަޝްވަރާ ކުރެއްވި އެވެ. ޗައިނާގައި އިންސާނީ ހައްގުތައް ކަށަވަރު ކުރުމުގައި ދެފުށް ފެންނަ މިންވަރު ކުޑަ ކަމަށް ބައިޑަން ވިދާޅުވި އެވެ.

ބައިޑަން ވިދާޅުވީ ޗައިނާ-އެމެރިކާގެ ގުޅުމަކީ ވެރިންނާ ހިސާބުން ނިމެއް އޮތް ކަމެއް ނޫން ކަމަށާއި ދެ ގައުމުގެ ރައްޔިތުންނަކީ ވެސް ގުޅުމުގެ ބައެއް ކަމަށެވެ.

ޝީ ވެސް ވިދާޅުވީ ޗައިނާއާ އެމެރިކާއަށް އޮތީ ހަމައެކަނި ދެ ގައުމުގެ މަސްލަހަތެއް ނޫން ކަމަށާއި މުޅި ދުނިޔެއަށް ޓަކައި ހެޔޮ ގޮތް ވިސްނާ ބަޔަކަށް ވުމަކީ ވެސް ދެ ގައުމަަށް ލާޒިމު ކަމެއް ކަމަށެވެ.

ދެ ރައީސުން މަޝްވަރާތައް ފެއްޓެވީ އަތް އުފުލާލައްވައި އިޝާރާތުން ސަލާމް ކުރައްވައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ގޮވާލެއްވުމަށް ފަހު އެވެ.