އެމެރިކާގެ ރައީސް ޖޯ ބައިޑަން، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ފޯނުކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ. ދެ ލީޑަރުންގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެއްވީ ޓައިވާނާ ބެހޭ ގޮތުންނެވެ. ޔުކްރޭނަށް ވެސް އަލިއަޅުވާލެއްވި އެވެ.
ވައިޓް ހައުސްއިން ބުނި ގޮތުން ދެ ރައީސުންގެ ފޯންކޯލް ކުރިން ހީކުރެވިފައި އޮތް ވަރަށް ވުރެ ދިގުދެމިގެން ދިއަ އެވެ. ދެ ރައީސުން ވަރަށް ސީދާ އިޚުލާސްތެރި ވާހަކަތަކެއް ދެއްކެވި ކަމަށް ވެސް ވައިޓް ހައުސް އިން ވަނީ ބުނެފަ އެވެ.
އަސްކަރީ ގޮތުން ޓައިވާން ބާރުގަދަކުރުމަށް އެމެރިކާ ކުރާ މަސައްކަތްތައް ހުއްޓާލުމަށާއި އެމެރިކާގެ އޮފިޝަލުން ޗައިނާއަށް ދަތުރުކުރުން ހުއްޓާލަން ތަކުރާރުކޮށް ޗައިނާއިން އެދިފައި އޮތް ނަމަވެސް، އެމެރިކާގެ ކިބައިން އެއްބާރުލުމެއް ނުފެނެ އެވެ.
މަސްރަހު މިހެން އޮއްވައި ދެ ރައީސުން ފޯނުން ބައްދަލު ކުރައްވައި ދެ ގައުމުގެ ދެމެދުގައި ހުރި ތަފާުތުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައި ވަނީ ކަންބޮޑުވުންތައް ހިއްސާކުރައްވާފަ އެވެ.
އުންމީދަކީ ޗައިނާ ބުނި ގޮތުގައި އެމެރިކާއިން "ވަން ޗައިނާ" ޕޮލިސީއަށް އިހުތިރާމް ކުރުން ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެ އެވެ.
ވަން ޗައިނާ ޕޮލިސީ ބުނާ ގޮތުން ޓައިވާން އަކީ ޗައިނާގެ ބައެެކެވެ. އެއީ މިނިވަން ދައުލަތެއް ނޫނެވެ. އެހެންކަމުން މިނިވަން ގައުމަކާ މުއާމަލާތްކުރާ ގޮތަށް ޓައިވާންއާ މުއާމަލާތްކުރުމަކީ ޗައިނާއަށް އުނިކަން ލިބޭނެ ކަމެކެވެ.
ޓައިވާން އަކީ މިނިވަން ދައުލަތެއް ކަމަށް މެމެރިކާ ވެސް ލިޔުމާއި ބަހުން ގަބޫލެއް ނުކުރެ އެވެ. އެކަމަކު އަމަލުކުރަނީ ޓައިވާނަކީ މިނިވަން ގައުމެއް ކަމަށް ބަލައިގެންނެވެ.
އެމެރިކާ އާއި ޗައިނާ މިހާރު އުދާސްވެފައި އޮތީ އެމެރިކާގެ ގާނޫން ހަދާ މަޖިލީހުގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަންނަވާނެ ކަަމަށް އިއުލާން ކުރުމެވެ.
ޗައިނާ ބުނާ ގޮތުން މަޖިލީސްގެ ރައީސް ޓައިވާނަށް ވަޑައިގަތުމަކީ ދެ ގައުމުގެ ގުޅުން ވަރަށް ގޯސްވާނެ ކަމެކެވެ. އަދި އެކަމުގެ ސަބަބުން އުފެދިފައި ނެތް މައްސަލަތަކެއް އުފެދި ކަމާ އެއްވެސް ގުޅުމެއް ނެތް ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ނޭންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަންނަވާ ނަމަ ބެލެވޭ ގޮތުގައި ޗައިނާއިން އަސްކަރީ ފެންވަރުގައި ހަރަކާތްތެރިވާނެ އެވެ. ޗައިނާއިން ކުރިއާލައި އޮތީ މިހެން ބުނެފަ އެވެ. އަަދި ބުނީ ޗައިނާއިން ކޮށްފާނެ ކަމެއް އެމެރިކާއަށް އަދި އަންދާޒާ ވެސް ކުރެވިފައި ނުވާނެ ކަމަށެވެ.