ދުނިޔެ

ޗައިނާ ލައްވައި ޓައިވާނަށް ހަމަލާދޭން އެމެރިކާ ބޭނުންވި: ޝީ ޖިންޕިން

ޗައިނާ ލައްވައި ގޯހެއް ހައްދުވައި ޓައިވާނަށް އަސްކަރީ ހަމަލާއެއް ދިނުމަށް އެމެރިކާ ވަރަށް މަސައްކަތްކުރި ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެ އެވެ.

ޝީ ޖިންޕިން މިހެން ވިދާޅުވީ އޭޕްރީލް 2023 ގައި، ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސެލާ ވޮން ޑާ ލޭޔަން ޗައިނާއަށް ކުރެއްވި ދަތުރުގައި އޮތް ބައްދަލުވުމެއް ގައެވެ. މި ވާހަކަތައް މިދާކަށް ދުވަހާ ހަމައަށް ޝާއިއުނުކޮށް އޮތީ އެވެ.

އެމެރިކާގެ ރޭވުންތައް ހުރި ގޮތް ވޮން ޑާ ލޭޔަންއަށް ކިޔައިދެއްވަމުން ޝީ ވިދާޅުވީ ޓައިވާނަށް އަރައިގަތުމަށް އެމެރިކާއިން ޗައިނާއަށް ހިތްވަރުވެސް ދިން ކަމަށެވެ. އެކަމަކު އެ މަޅީގައި ނުޖެހުނީ ކަމަށް ވިދާޅުވި އެވެ.

ޓައިވާނަށް އާ ރައީސަކު ހޮވުމާ ގުޅިގެން ޗައިނާއިން ވަނީ އެ ޖަޒީރާ ވަށާލައި އަސްކަރީ ފަރިތަކުރުންތަކެއް ބާއްވާފަ އެވެ.

ޗައިނާގެ އަސްކަރީ ބާރު ދައްކާލުމަށް ބޭއްވި ފަރިތަކުރުންތަކުގެ މަގުސަދަކީ ޓައިވާނަށް އަރައިގަތުން ނޫން ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ. އެހެނަސް އެއީ ޗައިނާގެ ހިތްހަމަނުޖެހުން އޮތްކަން ދައްކާލަން ބޭއްވި ފަރިތަކުރުންތަކެއް ކަމަށް ބުންޏެވެ.

ޓައިވާނަށް އިންތިހާބު ކުރި އާ ރައީސް ލައި ޗިން ޓޭ އަކީ އެމެރިކާއަށް ވަރަށް ބޮޑަށް ބަރޯސާވެވަޑައިގަންނަވާ ލީޑަރެކެވެ.

ޔުކްރޭންގެ ރައީސް ޒެލެންސްކީ ފަދައިން ލައި ޗިން ޓޭ އަކީ ވެސް ހުޅަނގަށް ފޫޅުކެނޑި ބޭފުޅެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޝީ ޖިންޕިން އަކީ ގައުމީ މަސްލަހަތު އޮންނަ ކަންކަމުގައި ބޭރު ގައުމުތަކުގެ ވެރިންގެ ގާތުގައި ޝަކުވާ ނުކުރައްވާ ލީޑަރެކެވެ. ޔޫރަޕިއަން ކޮމިޝަންގެ އަރިހުގައި މި ވާހަކަތައް ދެންނެވުމުން ހާމަވަނީ އެމެެރިކާގެ އަމަލުތަކާ މެދު ޗައިނާ ނުތަނަވަސްވެފައި އޮތް މިންވަރެވެ.

އެމެރިކާއާ އެކު ހަމަނުޖެހުންތަކެއް ހިންގުމަކީ ޗައިނާއަށް އެއްވެސް ފައިދާއެއް އޮތް ކަމެއް ނޫން ކަމަށްވެސް ޝީ ޖިންޕިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓައިވާންއަށް ހަމަލާދިނުމަށް އެމެރިކާ ބޭނުންވާ ސަބަބަކީ އެއީ ޗައިނާގެ އިގުތިސާދު ފުނޑިގެން ދާނެ ކަމަކަށް ވާތީ ކަމަށެވެ.

ޗައިނާ ގަބޫލުކުރާ ގޮތުގައި ޓައިވާން އަކީ ޗައިނާގެ ވަކިން އޮންނަ އަވަށެކެވެ. ވަކި ވެރިކަމަކުން އެ ޖަޒީރާ ހިންގި ނަމަވެސް އޮންނަން ޖެހޭނީ ޗައިނާގެ މައި ސަރުކާރުގެ ބާރުގެ ދަށުގައި ކަމަށް ޗައިނާ ގަބޫލުކުރެ އެވެ.

ޓައިވާން ގަބޫލުކުރަނީ އެއީ މިނިވަން ދައުލަތެއް ކަމަށެވެ. އެއްވެސް ކަމެއްގައި ޗައިނާއަށް ބަރޯސާކުރަން ނުޖެހޭނެ ކަމަށް ޓައިވާން ގަބޫލުކުރެ އެވެ.