ދުނިޔެ

ޓައިވާނާ މެދު ޗައިނާ ދެކެނީ ރަނގަޅަށް: ޕާކިސްތާން

ޓައިވާންއާ މެދު ޕާކިސްތާންގެ ވިސްނުމަކީ "ވަން ޗައިނާ ޕޮލިސީ" ކަމަށް ޕާކިސްތާންގެ ބޮޑުވަޒީ ޝަހްބާޒް ޝަރީފް ވިދާޅުވެއްޖެ އެވެ. އޭނާ އަދި ވިދާޅުވީ ޓައިވާނަށް ރައްކާތެރިކަން އޮތީ ޗައިނާ އާއެކު ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވީ ޗައިނާ އަކީ ޕާކިސްތާންގެ ސަލާމަތާއި ރައްކާތެރި ކަމަށް މުހިއްމު ގައުމެއް ކަމަށެވެ. ދުނިޔޭގެ ސިޔާސަތުގައި ޕާކިސްތާންގެ އެއްބާރުލުން ޗައިނާއަށް ދިނުމަކީ މިއަދު ނިންމެވި ނިންމުމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓައިވާން އަކީ ޗައިނާއާ ވަކިކުރެވެން ނެތް ޗައިނާގެ ޖަޒީރާއެއް ކަމަށެވެ. ޕާކިސްތާންގެ މި ވިސްނުމަށް ބަދަލެއް އަންނާނެ ކަމަށް އުއްމީދު ނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ޝަހްބާޒް ވިދާޅުވީ ޓައިވާން ހިންގުމަށް ރައީސަކު ހޮވުމާއި އިންތިހާބުތައް ބޭއްވުމަކީ ޗައިނާ ދެކޮޅު ހަދާ ކަމެއް ނޫން ކަމަށެވެ. ޕާކިސްތާންގެ ވިސްނުމުގައި ރަނގަޅު ގޮތަކީވެސް އެއީ ކަމަށް ވިދާޅުވި އެވެ.

ޕާކިސްތާނުން ޗައިނާއަށް އޮތް ތާއީދު ހާމަކުރި ސަބަބެއް ކަމަށް ބެލެވެނީ ޓައިވާންގެ މައްސަލާގައި އެމެރިކާގެ ފާޑުކިޔުން ޗައިނާއަށް އަމާޒުވެފައި އޮތުމެވެ.

ޓައިވާނަށް އާ ރައީސަކު ހޮވުމާ ދިމާކޮށް ޗައިނާއިން ވަނީ އެ ޖަޒީރާ ވާށާލައި އަސްކަރީ ފަރިތަކުރުންތަކެއް ބާއްވާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޓައިވާންގެ ވިސްނުމަކީ އެމެރިކާގެ އެހީގައި ޗައިނާގެ ކިބައިން ސަލާމަތްވުމެވެ.

އެމެރިކާގެ އަސްކަރިއްޔާގެ އެހީގައި ޓައިވާންގެ އަސްކަރިއްޔާ ވަރުގަދަކޮށް ޒަމާނީ ހަތިޔާރު ޖަމާކުރުމުގެ ބޭނުމަކީވެސް -- ޗައިނާ ބޭނުންހާ ގޮތެއް ޓައިވާނަށް ހެދިޔަ ނުދިނުމެވެ.

ދުނިޔޭގެ ސިޔާސަތު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި ޗައިނާ ރުޅިއަރުވައި އަދި އެމެރިކާއަށް ކަމުކިޔުމުގައި ދެމިއޮންނަން ޓައިވާނުން ވިސްނާނަމަ އެއީ ވަރަށް ބޮޑު ގޯހެކެވެ.

ޗައިނާއާއި ޓައިވާންއާ ދެމެދު ހަނގުރާމައެއް ފެށިއްޖެނަމަ، ޔުކްރޭނަށް ޖެހުނު ހާލަށްވުރެ ޓައިވާނަށް ޖެހޭ ހާލު ބޮޑުވެ، ޗައިނާގެ މުޅި ކޮންޓްރޯލަށް ދާއިމަށް ޓައިވާން ހިނގައިދާނެ ކަމަށް މަސްރަހު ދީރާސާކުރާ މީހުން ބުނެ އެވެ.

ޔުކްރޭނާ އިންވެގެން ޔޫރަޕްގެ ބައެއް ގައުމުތައް އޮތުމަކީ ޔުކްރޭނަށް ވަރަށް ބޮޑު ފަސޭހައެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ޔުކްރޭނަށް ހަތިޔާރާއި ކާބޯތަކެތި އަދި ބޭސް ފަރުވާ ވެއްދުމުގައި އެކުވެރި ޔޫރަޕްގެ ގައުމުތަކުން ވަަރަށް ބޮޑު އެހީތެރިކަމެއް ދެއެވެ.

އެއާ ހިލާފަށް ޓައިވާން ވަށައިގެން ކަނޑު އޮތުމާ އެކު އަދި އިންވެގެން އެހީތެރިއަކު ނެތުން ޓައިވާނަށް ވާނީ ވަރަށް ބޮޑު ދެރައަކަށެވެ.