ދުނިޔެ

ހަނގުރާމައިގެ ތައްޔާރީތައް ވަރުގަދަކުރަން ޗައިނާގެ ރައީސް އަމުރުކުރައްވައިފި

ޗައިނާގެ ރައީސް ޝީ ޖިންޕިން އެ ގައުމުގެ އަސްކަރިއްޔާ ހުޝިޔާރުވުމަށް އަމުރުކުރައްވައިފި އެވެ.

ސިފައިންގެ ފައުޖުތަކާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކުގައި އަސްކަރިިއްޔާގެ ކިބައިން ޝީ އެދިވަޑައިގަތީ ހަނގުރާމައަށް ތައްޔާރުވުމަށާއި ބާރުތައް ރުކުރުވާލުމަށެވެ.

ޝީ ޖިންޕިންގެ މި އަމުރަކީ ޓައިވާނާ ގުޅުން ހުރި އަމުރެއް ކަމަށް ބެލެވެ އެވެ. ޗައިނާގެ ކިބައިން ވަކިވެ މިނިވަންކަން ހޯދަން ހުޅަނގުގެ ގައުމުތަކާ ގުޅިގެން -- ހާއްސަކޮށް އެމެރިކާއާ ގުޅިން ޓައިވާނުން ހިންގާ އަސްކަރީ ހަރަކާތްތަކަކީ ޗައިނާއަށް ބިރުދެއްކުމަށް ހިންގާ ހަރަކާތްތަކެއް ކަމަށް ޗައިނާގެ އޮފިޝަލުން ދެކެ އެވެ.

ޓައިވާން އަކީ މިނިވަން ގައުމެއް ނޫން ކަމަށާއި އެއީ ޗައިނާގެ ބައެއް ކަމަށް ތަކުރާރުކޮށް ޗައިނާއިން ބުނި ނަމަވެސް އެމެރިކާ އަޑީގައި އޮވެގެން ޓައިވާންގެ އަސްކަރިއްޔާ ބާރުގަދަކުރުވަން ކުރާ އެއްވެސް ކަމެއް ނުހުއްޓަ އެވެ.

އެމެރިކާގެ ވިސްނުމެއް ކަމަށް ބެލެވެނީ ޔުކްރޭން ލައްވައި ރަޝިއާއާ ހަނގުރާމަ ކުރުވާ ގޮތަށް ޓައިވާން ލައްވައި ޗައިނާއާ ހަނގުރާމަ ކުރުވުމެވެ.

ޗައިނާއިން ދޭތެރެ ދޭތެރެއިން ޓައިވާން ވަށާލައި ހިންގާ އަސްކަރީ ފަރިތަކުރުންތައްވެސް ގޮސް ހުއްޓެނީ ޗައިނާ ސިފައިން ޓައިވާނަށް އަރައިގަތުމަށް ރާވާ ރޭވުންތަކާ އެވެ.

ޗައިނާގެ އަސްކަރިއްޔާ ހަނގުރާމައަށް ތައްޔާރުވެ ހުޝިޔާރުގައި އޮތުމަށް ޝީ ޖިންޕިން އެ ވިދާޅުވަނީ ހަމަ ކުއްލި ގޮތަކަށްވެސް ޓައިވާނަށް އަރަން ޖެހިދާނެތީ ކަމަށް ބެލެވެ އެވެ.

ޗައިނާގެ މައި ސަރުކާރުގެ ދަށަށް ޓައިވާން ގެނައުމަކީ ޝީ ޖިންޕިންގެ ވައުދެކެވެ. އެކަމަކު ޓައިވާންގެ އާންމު ރައްޔިތުންނަށް ބިރުދެއްކުމަކަށް ވާ ގޮތަށް އެކަން ނުކުރައްވާނެ ކަމަށް ޝީ ވިދާޅުވި އެވެ.

ޝީ ޖިންޕިން ސިފައިންގެ ކިބައިން އެދިވަޑައިގަތީ ފިޓުކޮށް، ފަރިތަކޮށް ތިބުމަށެވެ. ދުޅަހެޔޮ ބައެއްގެ ގޮތުގައި އެ މީހުންނާ ހަވަލާލުކުރެވޭ މަސްއޫލިއްޔަތުތަކަށް ތައްޔާރަށް ތިބުމަށް ވެސް އެދިވަޑައިގަތެވެ.

ޓައިވާން އަކީ ޗައިނާއާ ވަރަށް ގާތުގައި އޮތްނަ ވަކި ރަށެކެވެ. ޒަމާނުއްސުރެ ޓައިވާން ނިސްބަތްވަނީ ޗައިނާ އަށެވެ.

ޗައިނާގައި 1949 ގައި ގަބީލާތަކުގެ މެދުގައި ހިނގާ ދިޔަ ދާހިލީ ހަމަނުޖެހުންތަކުގައި ޗައިނާ ދޫކޮށްދިޔަ ބަޔަކު ޓައިވާންގައި ވަޒަންވެރިވި އެވެ. އެއަށްފަހު ޗައިނާ އާއި ޓައިވާންގައި އޮންނަނީ ވަކި ވެރިކަމެކެވެ.

ޓައިވާންގައި ވަކި ވެރިކަމެއް އޮތުން ރަނގަޅު ކަމަށް ޗައިނާ ވެސް ގަބޫލުކުރެ އެވެ. ނަަމަވެސް، އޮންނަން ޖެހޭނީ ޗައިނާގެ މައި ސަރުކާރުގެ ބާރުގެ ދަށުގައި ކަމަށް ޗައިނާއިން ތަކުރާރުކޮށް ވަނީ ބުނެފަ އެވެ.

ޗައިނާ އާއި ޓައިވާންއާ ދެމެދު ޖެހިގެން އުޅެނީ ބަޔަކު އަޑީގައި ތިބެން އުފައްދާފައި އޮތް މައްސަލަ އެކެވެ. ޗައިނާ ބުނާ ގޮތް ހަދައިގެން ޓައިވާން އޮންނަ ނަމަ އެއްވެސް މައްސަލައަކަށް ނުވާނެ އެވެ.

ހުރިހާވެސް މައްސަލަ އަކީ އެމެރިކާއާ ގުޅިގެން ޓައިވާން މިނިވަން ދައުލަތަކަށް ވުމަށް މަސައްކަތްކުރުމެވެ.