ބާސެލޯނާ

ލަލީގާއިން ބާސެލޯނާގެ އޮލްމޯ ރަޖިސްޓާއެއް ނުކުރި

ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން ތަރި ޑަނީ އޮލްމޯ އާއި ޕައު ވިކްޓަ ރަޖިސްޓްރީ ކުރުމުގެ މައްސަލައިގައި އިތުރު ދަތިތަކަކާ ކުރިމަތިވެއްޖެ އެވެ.

ލަ ލީގާގެ މާލީ ފެއަ ޕްލޭ ގަވާއިދުތަކާއި މުސާރައިގެ ކެޕްގެ ސަބަބުން މި ދެ ކުޅުންތެރިން ރަޖިސްޓްރީ ކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ސްޕެނިޝް މީޑިއާތަކުންވެސް މިއަދު ރިޕޯޓުކޮށްފައިވެ އެވެ.

ބާސެލޯނާގެ މާލީ ހާލަތު ރަނގަޅު ނޫން ކަމަށް ބުނެ އެ ކުލަބަށް މި ދެ ކުޅުންތެރިންގެ ރަޖިސްޓްރޭޝަން ހުށަހެޅުމަށް ދިން މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. އެކަމަކު ޑިސެމްބަރު 31ގެ ނިޔަލަށް އެއްވެސް ރަސްމީ ހުށަހެޅުމެއް ލިބިފައި ނުވާ ކަމަށް ލަ ލީގާއިން ބުނެފައިވެ އެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި ބާސެލޯނާ އިން ވަނީ ސްޕެއިނުގެ ފުޓްބޯޅަ އެސޯސިއޭޝަން (އާރްއެފްއީއެފް) އަށް ހާއްސަ ހުއްދައަކަށް އެދި ހުށަހަޅާފަ އެވެ. ނަމަވެސް މިހާތަނަށް އެ ހުށަހެޅުމާ މެދުވެސް އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ.

މި ދެ ކުޅުންތެރިންގެ މުސްތަގުބަލާ މެދު ކަންބޮޑުވުން އުފެދިފައިވާއިރު އެހެން ކުލަބުތަކުން މި ދެ ކުޅުންތެރިންނަށް ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.