ރައްޔިތުންގެ މަޖިލިސް

މަސްވެރިންނަށް ވަގުތުން ފައިސާ ދޭން ގޮވާލާ ކުއްލި މައްސަލައެއް

މިފްކޯއަށް މަސްވެރިން ކިރާ މަހަށް ލިބެންޖެހޭ ފައިސާ ވަގުތުން ވަގުތަށް ހަމަޖައްސައިދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީ އެވެ.

ކުއްލި މައްސަލަ ބަހުސްކުރަން ފެންނަ ކަމަށް ފާސްވީ ވޯޓު ދެއްވި 74 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން އަހުމަދުދީދީ ވިދާޅުވީ މިފްކޯއިން މަސްވެރިން އަތުން މަސް ގަތުމަށްފަހު ފައިސާ ނުދީ ގިނަ ދުވަސްތަކެއްވުމާއި ގުޅިގެން މަސްވެރިން އިހުތިޖާޖު ކުރަމުންދާއިރުވެސް ސަރުކާރުން އެދެވޭ ހައްލެއް ހޯދައިދީފައިނުވާ ކަމަށެވެ.

މަސްވެރިން އަތުން ގަންނަ މަހަށް އަވަހަށް ފައިސާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަންވެސް އަހުމަދުދީދީ ވަނީ ފާހަގަކުރައްވާފަ އެވެ.

"މަސްވެރިން އަތުން ގަންނަ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅެއް،" އަހުމަދުދީދީ ވިދާޅުވި އެވެ.

އަހުމަދުދީދީ ވިދާޅުވީ ފާއިތުވި ދެ މަސް ދުވަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދީފައިނުވާ ކަމަށާއި އޭގެ ސަބަބުން މަސްވެރިން ތިބީ ބިކަވެ ހާލުގައި ޖެހިފައި ކަމަށެވެ.

"(މަސްވެރިން ތިބީ) ޔުޓިލިޓީ ބިލްތަކާއި އެހެންވެސް ބިލްތައް ދެއްކޭނެ ގޮތެއް ނެތިފަ. މަސްވެރިކަމަށް ބަރޯސާވާ ރަށްރަށުގެ އިގުތިސާދު ހުއްޓުމަކަށް އައިސްފައިވާތީ އެކަން ނިމުމަކަށް ގެންނަން އެބަޖެހޭ،" އަހުމަދުދީދީ ވިދާޅުވި އެވެ.

މަސްވެރިން ހައްގު ހޯދުމަށް އިހުތިޖާޖުކުރަމުންދާއިރު އެ އިހުތިޖާޖަށް ފުލުހުން ހުރަސް ނޭޅުމަށްވެސް ކުއްލި މައްސަލައިގައި ގޮވާލާފައިވެ އެވެ.