ރައްޔިތުންގެ މަޖިލިސް

ޝިޔާމްގެ އަމާޒު: ތިން އަހަރު ތެރޭގައި މިފްކޯ ކޮޅަށް ޖެހުން

ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މިފްކޯ ކޮޅަށް ޖެހުމަކީ އަމާޒު ކަމުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ ސަބްސިޑީއަށް ބަރޯސާނުވާ މިންވަރަށް މިފްކޯ ހެދުމުގެ ޕްލޭން އެބަ އޮތް ކަމަށެވެ.

"އަޅުގަނޑުމެންގެ އެބަ އޮތް ޕްލޭނެއް. އަޅުގަނޑުމެންގެ ޕްލޭނަކީ ސަބްސިޑީއަށް ބަރޯސާނުވާ މިންވަރަށް މިފްކޯގެ ހިންގުން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ގެނައުން،" ޝިޔާމް ވިދާޅުވި އެވެ.

އެ އަމާޒަށް މިހާރުވެސް މަސައްކަތް ފަށާފައިވާ ކަމަށާއި އެ އަމާޒަށް ވާސިލުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެނޭ ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތު ސަބްސިޑީ ނުދީ ސަބްސިޑީއަށް ބަރޯސާނުވެ ހިންގޭނެ މޮޑެލްތައް،" ޝިޔާމް ވިދާޅުވި އެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ޕްރައިމަރީ އިންޑަސްޓްރީ ހިފެހެއްޓުމަށް ހާއްސަކޮށް މުވައްޒަފުންގެ އާމްދަނީ ނުކެނޑި ދިނުމަށް ސަބްސިޑީ ދޭކަން ޝިޔާމް ފާހަގަކުރެއްވި އެވެ.

ސަބްސިޑީ ދީގެން ހިންގާއިރު މަހުގެ އަގަށް ސިޔާސީ ގޮތުން ގެނެވޭ ބަދަލުތަކުން ދައުލަތަށް ބުރަ ބޮޑުވާ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.