ޓެކްސީ ހިދުމަތްދިނުން ދެ ހަފްތާގެ ތެރޭގައި ސަރުކާރު ކުންފުންޏަކާ ހަވާލުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިވަގުތު ޓެކްސީ ހިދުމަތް ދިނުމުގެ ހަރުދަނާ ނިޒާމެއް ނެތް ކަމަށާއި ޓެކްސީ ހިދުމަތްދޭ ފަރާތްތައް ޒިންމާދާރު ކުރެވޭނެ ގޮތެއްވެސް ނެތް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މާލެ ތެރޭގައި އެއްތަނުން އަނެއް ތަނަށް ދާނެ ޓެކްސީއެއް ނުލިބޭ ކަމަށާއި ނަމަވެސް މާލެއިން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދާނެ ޓޭކްސީއެއް ހޯދަން ވަރަށް ފަސޭހަ ކަމަށެވެ. އަދި ޓެކްސީ ހިދުމަތްދޭ ފަރާތްތަކުން އެ ހިދުމަތް ފޯރުކޮށްދެނީ ޑްރައިވަރުން ބޭނުންވާ ގަޑިތަކުގައި އެކަނި ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ޓެކްސީ ހިދުމަތަކީ އަސާސީ ހިދުމަތެއް ކަމަށާއި އެފަދަ ހިދުމަތްތައް ދެވޭނެ ރަނގަޅު ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފެށުމަށް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ކޮމްޕިއުޓާ ނިޒާމެއްގެ ދަށުން ވަކި ތަނަކަށް ދިއުމަށް އެންގީމަ އެތަނަކަށް ދާންޖެހޭ ގޮތަށް އުސޫލުތައް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ޓެކްސީ ހިދުމަތް ދިނުމަށް ބޭނުންކުރާ ޓެކްސީތަކުގެ 20 ޕަސަންޓާއި 25 ޕަސަންޓް ތިމާވެއްޓާއި ރަށްޓެހި ޓެކްސީއަށް ހެދުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އުޅަނދުތައް މާލެ ގެނައުމަށްފަހު ހަވާލުކުރާނީ ސަރުކާރު ހިއްސާވާ ކުންފުންޏަކާ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް ކުންފުނީގެ ބަހެއް ވިދާޅުވެފައެއް ނުވެ އެވެ.
އަމީން އިތުރަށް ވިދާޅުވީ ސަރުކާރު ކުންފުނިން ޓެކްސީ ހިދުމަތް ފަށާއިރު ޓެކްސީ ޑްރައިވަރުންގެ ތެރެއިން 50 ޕަސަންޓަކީ ދާއިމީ މުވައްޒަފުންނަށް ހަދާ، އަނެއް 50 ޕަސަންޓަކީ އިތުރު ވަޒީފާއެއްގެ ގޮތުގައި ޓެކްސީ ހިދުމަތްދޭ ފަރާތަކަށްވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
މިނިސްޓަރު ވަނީ ޑްރައިވަރުންނާއި ޕެސެންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.