ޓެކްސީގެ ހިދުމަތް

ސަރުކާރުން ޓެކްސީ ހިދުމަތް ފަށަން އުޅޭތީ އިހްތިޖާޖުކުރަނީ

ސަރުކާރުން ޓެކްސީ ލައިނެއްގެ ހިދުމަތް ފެށުމަށް ނިންމާފައިވާތީ އެކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން އިހްތިޖާޖު ކުރަން ފަށައިފި އެވެ.

ޑްރައިވަރުން އިހްތިޖާޖު ކުރަމުންދަނީ ހުޅުމާލޭގައި ޓްރާންސްޕޯޓް މިނިސްޓްރީ ހިންގަމުންދާ އުމަރު ޒާހިރު އޮފީސް ބިލްޑިން ކުރިމަތީގައެވެ.

އިހްޖާޖުގެ ބައިވެރިންގެ ކަންބޮޑުވުމަކީ އެ މީހުން ދިރިއުޅުމަށް ކުރާ އާންމު މަސައްކަތުގެ ތެރެއަށް ސަރުކާރުން ވަންނަން މަސައްކަތް ކުރުމެވެ.

ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ފަށައިފިނަމަ 3،500 އެއްހާ ޓެކްސީ ޑްރައިވަރުން ހާލުގައި ޖެހި އެތައް އާއިލާއެއް ބިކަވާނެ ކަމަށްވެސް އެމީހުން ދަނީ ބުނަމުންނެވެ.

މާލޭގެ އާންމު ދަތުރުފަތުރާއި އެއްގަމު އުޅަނދުގެ ރަޖިސްޓްރީ ކޮށްދިނުމުގައި ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސަތާ ގުޅިގެން އެކަމާ ހިތްހަމަނުޖެހި އިހްތިޖާޖުގެ ބައެއް ބައިވެރިން ގެންދަނީ މިނިސްޓަރު އަމީންގެ އިސްތިއުފާއަށްވެސް ގޮވަމުންނެވެ.

ސަރުކާރުން ޓެކްސީގެ ހިދުމަތް ފެށުމަށް ނިންމާފައި ނިންމުން ބަދަލުކޮށް އެ ވިޔަފާރީގެ ތެރެއަށް ސަރުކާރުން ނުވަނުމަށްވެސް އިހްތިޖާޖުގެ ބައިވެރިން ވަނީ ގޮވާލާފަ އެވެ.

ސަރުކާރުން ޓެކްސީ ލައިނެއްގެ ހިދުމަތް ފެށުމަށް ނިންމީ މާލޭގައި އަމިއްލަ ޓެކްސީ ސެންޓަރުތަކާ ގުޅިގެން ޓެކްސީ ކުރާ މީހުންނާއި ޕްރައިވެޓް ކާރުތަކުގައި ޓެކްސީ ކުރާ މީހުންގެ އެކިއެކި ޑިމާންޑްތައް ދޭތެރެދޭތެރެއިން ސަރުކާރަށް ހުށަހަޅައި ފިއްތުއްތައް ކުރިމަތިކުރުން އާންމުވެފައި ވަނިކޮށެވެ.