ޓެކްސީގެ ހިދުމަތް

ސެންޓަރެއްގައި ރަޖިސްޓްރީ ނުކޮށް ޓެކްސީ ހިދުމަތް ނުދެވޭ ގޮތް ހަދައިފި

ޓެކްސީ ހިދުމަތްދޭ ފަރާތްތަކުން ސެންޓަރެއްގައި ރަޖިސްޓްރީނުކޮށް އެ ހިދުމަތް ނުދެވޭ ގޮތަށް ހަދައިފި އެވެ.

މީގެ ކުރިން ގަވާއިދުގައި އޮންނަ ގޮތުން ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީނުކޮށް ވެސް ޓެކްސީ ހިދުމަތް ދެވޭނެ އެވެ.

ނަމަވެސް ޓްރާންސްޕޯޓު މިނިސްޓްރީން މި މަހު ގަވާއިދަށް ގެނައި އިސްލާހާއެކު ޓްކެސީ ލައިސަންސް ދޫކުރާނީ ހަމައެކަނި ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީކޮށްފައި ހުންނަ އުޅަނދުތަކަށެވެ.

އެގޮތުން ޓެކްސީ ހިދުމަތް ދިނުމަށް ބޭނުންވާ ލައިސަންސަށް ހުށަހަޅާއިރު އެ ލިޔުންތައް ބޭނުންވާނެ ކަމަށްވެސް ގަވާއިދުގައިވެ އެވެ.

ސެންޓަރެއްގައި ރަޖިސްޓްރީ ނުކޮށް ޓެކްސީގެ ހިދުމަތް ދެވޭ ގޮތަށް ގަވާއިދަށް ބަދަލު ގެނައީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި 2022 ވަނަ އަހަރު އެެވެ. އެގޮތަށް އޭރު ގަވައިދު ބަދަލުކުރުމުން ޕްރައިވެޓް ކާރުތަކަށްވެސް ޓެކްސީގެ ހިދުމަތް ދެވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ގަވާއިދަށް ގެނައި އިސްލާހުކޮށް ގެޒެޓްކޮށް އަމަލުކުރަން ފަށާފަ އެވެ. އެހެންވެ ކުރިން އަމަލުކުރަމުން ދިޔަ ގޮތަށް ދެން ޓެކްސީގެ ހިދުމަތެއް ނުދެވޭނެ އެވެ.