ކުލަބުތަކަށް ކުރިމަތިވާ މާލީ ހާލަތުން ސަލާމަތް ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް އެފްއޭއެމުން ނިންމައިފި އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ކުލަބުތަކުގެ އިސްވެރިނާއެކު ބޭއްވި ބައްދަލުވުމަށް ފަހު، ކުލަބުތަކުގެ ހާލަތު ބަދަލު ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ވާނީ ހުރިހާ ގޮތަކުންވެސް ބަދަލު ގެނައުމަށް ކަންތައްތަކެއް ނިންމާފައި،" ބައްސާމް ވިދާޅުވި އެވެ. އަޅުގަނޑުމެން ދަންނަވާނީ ކުލަބުތައް ހިންގުމަށް އިތުރު ބާރަކަށް މިކަން ވެގެންދާނެޔޭ."
އެ އުސޫލުގައި ކުލަބުތަކުގެ ފައިނޭޝިއަލް ރެގިއުލޭޝަން އާއި ޓެކްނިކަލް ސައިޑުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ހިމެނޭ ކަމަށް ބައްސާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުލަބުތަކަށް ލިބޭނެ އާންމުދަނީ މެނޭޖުކޮށްގެން ކުލަބުތައް ހިންގޭނެ ގޮތަކަށް އެ އުސޫލު ކަނޑައަޅާފައި ވާނެ ކަމަށެވެ. އަދި ކުޅުންތެރިން މުސާރައިގެ އޮނިގަނޑު އޮންނާނެ ގޮތަކާއި އަދި ކޮންޓްރެކްޓްގެ ދަށުން ކުޅުންތެރިންނަށް ލިބެންޖެހޭ ބާރުތަކެއްވެސް އެ އޮނިގަނޑުގައި ހިމެނޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިއަހަރާއި މިދިޔަ އަހަރުވެސް އެފްއޭއެމްއަށް އެންމެ ގިނަ މައްސަލަތަކެއް ހުށަހެޅިފައި ހުރީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައާ ގުޅިގެން ކަމަށެވެ. ނިއު ރޭޑިއަންޓްގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް 'ދަގަނޑޭ' އަށް ނިއު އިން ދޭން ޖެހޭ އެލެވެންސް ނުދިނުމުން އޭނާ ހުށަހެޅި މައްސަލައާ ގުޅިގެން އެފްއޭއެމުން ވަނީ ނިއުއިން އޭނާ އާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް އުވާލާފަ އެވެ. ނިއުގެ އެއް ނަމްބަރު ގޯލްކީޕަރު އިމްރާން މުހައްމަދަށް ވެސް ދޭން ޖެހޭ އެލެވެސް ނުދީ އޮތުމުން އެ މައްސަލަވެސް ވަނީ އެފްއޭއެމްއަށް ހުށަހަޅާފަ އެވެ.
"އެފްއޭއެމް ހުށަހަޅާ މާއްދާތަކެއް ކޮންޓްރެކްޓްގައި ހިމެނޭގޮތަށް އަޅުގަނޑުމެން ވަނީ އާ ސްޓްރަކްޗާ އެކުލަވާލާފަ،" ބައްސާމް ވިދާޅުވި އެވެ. "އެއީ މިހާރު ލިބޭ އާންމުދަނީން ކުލަބުތައް މެނޭޖު ކުރެވޭނެ ގޮތާއި ކުޅުންތެރިންގެ މުސާރައިގެ އޮނިގަނޑު ހަމަޖައްސަން ޖެހޭނެ ގޮތްވެސް ހިމެނިގެންދާނެ."
"އެފްއޭއެމްގައި ރަޖިސްޓްރީ ކުރެވޭނީ އެފްއޭއެމުން މި ކަނޑައަޅާ މާއްދާތަކެއް ހުރެގެން، އެފްއޭއެމުން ކަނޑައަޅާ ސުޓްރަކްޗާތަކެއް ހިމެނޭ ކޮންޓްރެކްޓްތަކަށް، އެހެން ނޫނިއްޔަކާ އެފްއޭގައި ރަޖިސްޓްރީއެއް ނުކުރެވޭނެ، ރަޖިސްޓްރީ ނުކުރެވެންޏަކާ އެ ކުޅުންތެރިޔަކަށް މުބާރާތެއް ނުކުޅެވޭނެ."
ބައްސާމް ވިދާޅުވީ އެއީ ކުލަބުތައް މެނޭޖު ކުރުމުގެ އިތުރަށް، ކުޅުންތެރިންނަށް މުސާރައިގެ ޔާގީންކަން ހޯދައިދީ އިތުބާރު ހޯދައި ދިނުމަށް ކަމަށެވެ. އޭގެ ދަށުން ކުޅުންތެރިނާއެކު ކުލަބުތަކުން ހަދާ އެއްބަސްވުން ތަކުގެ މުއްދަތު އެއް އެއް އަހަރަށް ވުރެ އިތުރަށް ހެދުމަށް ކަނޑައެޅިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއް މީގެ ފަހަކުން ނޯންނާނެ، އެއީ އަޅުގަނޑުމެން ބޭނުމެއް ނޫން، އަހަރުން އަހަރަށް ކުޅުންތެރިން ކުލަބު ބަދަލުވާކަށް،" ބައްސާމް ވިދާޅުވި އެވެ. "ޓީމެއްވެސް ޓީމެއްގެ ގޮތުގައި ވަރުގަދަކަން ފެނިގެން މިދަނީ ތަންކޮޅެއް ގިނަ ދުވަހު އެއް ކުޅުންތެރިންތަކެއް ތިބެގެން ޑިވުލަޕްވެގެން، މިކަހަލަ ބަދަލުތަކެއްވެސް އަޅުގަނޑުމެން އެބަ ގެންނަން."
ބައްސާމް ވިދާޅުވީ ސީޒަން ދިގު ވިޔަސް ކުޅުންތެރިންނާއި ކުލަބުތަކަށް އުނދަގޫ ކުރިމަތި ނުވާނެ ގޮތަކަށް އިންތިޒާމު ކުރާނެ ކަމަށެވެ. އެގޮތުން ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައަށް، އަހަރަކު ދެވޭނެ އެންމެ މަތީ އަގު ކަނޑައެޅިގެން ދާނެ ކަމަށެވެ.
"އެއީ އަޅުގަނޑުމެން ބޭނުމެއް ނޫން ކުޅުންތެރިޔަކު ސޮއި ކުރަން ބޭނުންވެގެން ހިތައްއެރި އަދަދެއް ކޮންޓްރެކްޓްގައި ޖަހައިލައިގެން އެއްބަސްވުން ހެދިގެން ދާކަށް، ނުވަތަ މުޅި އަހަރުގެ ބަޖެޓް ވަކި އަދަދަކަށް ވުރެ ބޮޑުވެގެން ދާކަށް،" ބައްސާމް ފާހަގަ ކުރި އެވެ. "އަޅުގަނޑުމެން ބޭނުން ވަނީ ހުރިހާ ކުލަބަކަށްވެސް ވަކި ބަޖެޓެއްގެ ތެރޭގައި މި މަސައްކަތް ކުލަބުތަކަށް ކުރެވޭނެ މަގުފަހި ވެގެން ދިއުން."
ކުލަބުތަކުގެ ކުޅުންތެރިންގެ ސުޓްރަކުޗާއަށް 2005 ވަނަ އަހަރު އެފްއޭއެމުން ބަދަލެއްގެނައި ކަން އޭނާ ފާހަގަ ކުރި އެވެ.
މާޒިޔާ ފިޔަވައި އެހެން ހުރިހާ ކުލަބަކަށް ވަނީ މާލީ މައްސަލަތައް ކުރިމަތިވެފަ އެވެ. ކުރީގެ ގަދަ ބާރު ވިކްޓަރީ އޮތީ ބޮޑު އަޑިގަނޑަކަށް ވެއްޓިފަ އެވެ. ކުލަބު ތެރޭގައި ދިމާވި މައްސަލަތަކާއި ހުރެ، ރޭ ޓީސީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް އެ ޓީމުން ހާޒިރެއް ނުވެ އެވެ. ފުރަތަމަ ޑިވިޝަންގެ ބައެއް ސީނިއާ ކުޅުންތެރިންނަށް މުސާރަ ނުދޭތީ އެ ކުޅުންތެރިން ވަނީ ޕްރެކްޓިސް މެދު ކަނޑާލާފަ އެވެ.