އޭއެފްސީ

އޭއެފްސީގެ ދޮރު ބަންދުވެ، ހުޅުވުނީ ނުރައްކާ ދޮރެއް

ރާއްޖޭގެ މައި ފުޓްބޯޅަ އިދާރާ 'އެފްއޭއެމް' 1982 ވަނަ އަހަރު އުފައްދައި، އޭޝިއާ ބައްރުގެ މައި ފެޑްރޭޝަން، އޭއެފްސީގެ ހައިސިއްޔަތު ރާއްޖެއަށް ލިބުނީ 1984 ވަނަ އަހަރު އެވެ. ޖެހިގެން އައި 1985 ވަނަ އަހަރުން ފެށިގެން އޭއެފްސީގެ ކުލަބު މުބާރާތްތަކުގައި ރާއްޖޭގެ ކުލަބުތަކުން ވާދަ ކުރަން ފެށި އެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ވާދަ ކުރި އޭއެފްސީގެ ކުލަބު މުބާރާތަކީ ފަސް ވަނަ އޭޝިއަން ކުލަބު ޗެމްޕިއަންޝިޕެވެ. ލަންކާގައި ކުރިއަށް ގެންދިޔަ މި ސަރަހައްދުގެ ގުރޫޕުގައި، ރާއްޖެއިން ވާދަ ކުރަން ފުރުސަތު ލިބުނު ވިކްޓަރީ ސުޕޯޓްސް ކުލަބުން ފުރުސަތު ދޫކޮށްލުމުން، ބައިވެރިވީ ކުލަބު ވެލެންސިއާ އެވެ. އެއީ އޭޝިއާގެ ކުލަބު މުބާރާތްތަކުގައި ރާއްޖޭގެ ފެށުމެވެ.

މި އަހަރަކީ އޭއެފްސީގެ ކުލަބު މުބާރާތްތަކުގައި ރާއްޖެއިން ވާދަ ކުރަން ފެށިތާ ޖެހިޖެހިގެން 33 ވަނަ އަހަރެވެ. މި އަންނަ އަހަރާއި ކުރިމަތިލާއިރު ރާއްޖޭގެ ފުޓްބޯޅައަށް އޮތީ މިދިޔަ 33 އަހަރު ތެރޭ ނުވެއްޓޭ ބޮޑު ވަޅުގަނޑަކަށް ވެއްޓިފަ އެވެ. އޭޝިއާގެ ކުލަބު މުބާރާތުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ފުރުސަތު ގެއްލުނީ އެވެ. އެފްއޭއެމުން ބުނަނީ ފުރުސަތު ގެއްލުނީ އޭއެފްސީ ކަޕުގެ ކުލަބު ލައިސެންސަށް އެދި ކުލަބުތަކުން ޒިންމާ ފުރިހަމަ ނުކުުރުމުން ކަމަށެވެ.

ކުލަބުތަކުން ބުނަނީ، ކުލަބުތަކުން ފޮނުވަން ޖެހޭ ލިޔުންތައް ކަނޑައެޅިފައިވާ މުއްދަތަށް ހުށަހެޅި ކަމަށެވެ. މައްސަލަ އޮތީ އެފްއޭއެމް ކޮޅުގައި ކަމަށެވެ. ހަގީގަތުގައި މި ކަމުގައި އެފްއޭއެމް އާއި ކުލަބުތަކުގެ އިހުމާލުވެސް އެބައޮތެވެ. އެއްބަޔަކު އަނެއް ބައެއްގެ ބޮލަށް ޒިންމާ ކަނޑާލައިގެން ތިބެވޭކަށް ނެތެވެ.

ޒަމާނުން ސުރެ، ރާއްޖޭގެ ކުލަބުތައް ހިންގުމުގައި އުޅެނީ ދެތިން މީހުންނެވެ. ކޮންމެ ކުލަބެއްގައި އެގްޒެކެޓިވް ބޮޑީއެއް އޮތަސް މިހާރުވެސް ކަން އޮތީ އެހެންނެވެ. ކުލަބުތައް ހިންގުމުގައި އިދާރީ ގޮތުން ހަރުދަނާ ވެފައެއް ނެތެވެ. ކުރިން އެފްއޭއެމްގައި ފުރަތަމަ ޑިވިޝަންގެ ކޮންމެ ކުލަބަކަށް އޮފީހެއް ހުރެ އެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގެން އެކަން ބަދަލުވެ ކޮންމެ ކުލަބަކުން ކުލަބު ހައުސްއެއް ނުވަތަ އޮފީހެއް ގާއިމު ކުރަން އެފްއޭއެމުން އެންގިނަމަވެސް އެކަން އެންމެ އެދެވޭ ގޮތގައި ނުހިނގަ އެވެ. ކުލަބުގެ އިދާރީ ލިޔެކިޔުންތައް ބަހައްޓަނީ ކޮންމެވެސް ކުންފުންޏެއްގެ އޮފީހުގަ އެވެ. އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތް ކުރަނީވެސް އެތަނުގަ އެވެ.

ކުލަބުތަކަށް ލިބޭ މާލީ އެހީތެރިކަންވެސް ރަނގަޅަށް ބަލަހައްޓަނީ މަދު ކުލަބުތަކަކުންނެވެ. ފައިސާ ހޭދަ ކުރުމުގައި އެއްވެސް ޕްލޭނެއް ނެތެވެ. އެކަން އެނގެނީ ކުޅުންތެރިންނަށް މުސާރަ ނުދެވި ކުލަބު އިނދަޖެހޭ ހިސާބަށް ދިއުމުންނެވެ. ސީޒަން ފަށާއިރު ކުލަބަށް ގެންނަ ބިދޭސީ ކުޅުންތެރިންވެސް ސީޒަންގެ މެދަކާ ޖެހުމުން ދޫކޮށްލަނީ އަހަރުގެ ބާކީ އޮތްބަޔަށް އެ ކުޅުންތެރިންނަށް މުސާރަ ދޭނެ ފަދައެއް ނެތުމުންނެވެ. އަގުބޮޑުކޮށް ގެންނަ ބިދޭސީ ކުޅުންތެރިންނާ މެދުވެސް ކުލަބުތަކުގެ އިހުމާލް އެބައޮތެވެ. އޭގެ އެންމެ ސާފު ހެއްކެއް މިއަހަރު ފެނުނީ ވިކްޓަރީ ސްޕޯޓްސް ކުލަބުންނެވެ. ގިނަ ކުލަބުތައް ހިންގުމުގައި މިސް މެނޭޖުމެންޓް އެހާ ބޮޑެވެ. މިއީ ރާއްޖޭގެ ކުލަބުތަކުގެ ހާލަތު ހުރި ގޮތެވެ.

ކުލަބުތައް މިގޮތަށް ހުރިއިރު ކުލަބު ލައިސެންސަށް މި ކުލަބުތައް އެންމެ ފުރިހަމައަށް އަހުލުވެރިވާނެ ގޮތެއް އެބައޮތް ހެއްޔެވެ. ކުލަބުތަކުގެ ހާލަތު އަމިއްލައަށް ބަދަލު ކުރަން ޖެހެ އެވެ. ކުލަބުތަކުން އެކަން ނުކުރާނަމަ ކުލަބުަކުގެ ބެލެނިވެރި ފަރާތް، އެފްއޭއެމުން ކުލަބުތައް މޮނިޓާކޮށް ރަނގަޅަށް ބެލެންޖެހެ އެވެ.

ރާއްޖޭގެ ކުލަބުތަކަށް އޭއެފްސީ ކަޕުގެ ފުރުސަތު ގެއްލުމުން، އެކި ފަރާތްތަކުގެ ފާޑު ކިޔުން ކުލަބުތަކަށް އަމާޒުވި އެވެ. އެފްއޭއެމްގެ ވެރިން އިސްތިއުފާ ދިނުމަށް ގޮވާލަމުން ދިޔަ އަޑުތައް ގަދަ ވެގެން ދިޔަ އެވެ.

"އެއް ބަޔަކު އަނެއް ބައެއްގެ މައްޗަށް ޒިންމާ އަޅުވާފަ އަދި އެފްއޭއެމްގެ ވެރިންގެ އިސްތިއުފާއަށް ގޮވުމަކުން މިކަމަށް ހައްލެއް ނުލިބޭނެ،" ގުރީން ސްޓްރީޓްގެ ކޯޗު އަލީ ސުޒޭން ވާހަކަ ދެއްކި އެވެ. "ކުލަބުތަކުގެ މެނޭޖްމެންޓުން އެބަޖެހޭ ކުލަބުތަކުގެ ޒިންމާ އަދާ ކުރަން، ހަމައެޔާއެކު އެފްއޭމުން އެބަޖެހޭ އެފްއޭއެމްގެ ޒިންމާ އަދާކޮށް ކުލަބުތަށްވެސް ޒިންމާ ދާރު ކުރުވަން."

ސުޒޭން ބުނީ ކުލަބުތަކުން، ކުލަބުތަކުގެ ޒިންމާ އަދާ ނުކުރުމުމުން އެކަމުގައި އެފްއޭއެމްގެ ދައުރަކީ ކުލަބުތައް ޒިންމާ ކުރުވުން ކަމަށެވެ. އޭނާ ވަނީ ކުލަބުތަކުން ޑޮކިޔުމެންޓޭޝަން ހުށަނޭޅުމުން އެކަމަށް ރިއާޔަތް ކުރުމަށްޓަކައި އެފްއޭއެމުން އެންމެ ފުރިހަމަ ޒިންމާ އަދާ ކުރިތޯ ސުވާލު އުފައްދާފަ އެވެ. އެފްއޭއެމުން ބުނީ ޑޮކިޔުމެންޓްތައް ފުރިހަމަ ކުރުމަށް ކުލަބުތަކަށް ތަކުރާރުކޮށް ހަދާން ކޮށްދީފައިވާ ކަމަށެވެ.

"ކުލަބުތަކުން އެކަން ފުރިހަމަ ނުކުރީމަ އެފްއޭއެމްއަށް އެޅޭނެ ފިޔަވަޅުތައް ހުންނާނެ، ކުލަބުތައް ޑޮކިޔުމެންޓްތައް ހުށަނާޅަންޏާ އެކަން މީޑިއާ މެދުވެރިކޮށް ހާމަ ކުރެވިދާނެ، ބޭނުމަކީ މީޑިއާ އާއި ކުލަބުތަކުގެ ސަޕޯޓަރުން އަދި އެ ކުލަބަށް ފައިނޭންސް ކޮށްދޭ ފަރާތްތައް މެދުވެރިކޮށް ކުލަބުތަކަށް ޕްރެޝަރު ކުރުން، މިއީ ކުލަބުތަކަށް ޕްރެޝަރު ކޮށްގެންނަމަވެސް ފުރިހަމަ ކުރުވަން ޖެހޭ ކަމެއް،" ސުޒޭން ޝުއޫރު ފާޅު ކުރި އެވެ.

"އަޅުގަނޑުމެންގެ ދަރިންނަށް ހެނދުނު ހެނދުނާ ސްކޫލަށް ދާން ގޮވާފައި އެކުދިން ހޭނުލީމަ އަޅުގަނޑުމެން ތިބެނީތޯ އަޅާ ނުލައި، ނޫން، ގަދަ ކަމުން ނަމަވެސް އެކުދިން ހޭލައްވައިގެން ނަގައިގެން ތައްޔާރުކޮށްގެން ޔޫނީފޯމް އަޅުވައިގެން ސްކޫލަށް ގެންދަނީ، ކުލަބުތައް ޒިންމާ އަދާ ނުކުރީމަ އެހާހިސާބުން އެފްއޭއެމް ތިބެންވީތޯ އަޅާ ނުލައި ނޫން، ހިނގައިގެން ނަމަވެސް
ގުޅައިގެން ނަމަވެސް ކުލަބުތައް ޒިންމާ އަދާ ކުރުވަން ޖެހޭ."

ކޮންމެ ކުލަބެއްގައި ކުލަބު ލައިސެންސިންގެ އޮފިޝަލެއް ހުރެ އެވެ. ހަމައެޔާއެކު އެފްއޭއެމްގައިވެސް ކުލަބު ލައިސެންސިންގެ އޮފިޝަލެއް ހުރ އެވެ. ރާއްޖެއަށް ފުރުސަތު ގެއްލުނީ ދެ ފަރާތުން ޒިންމާ އަދާ ނުކުރުމުންނެވެ.

އޭއެފްސީ ކަޕުގެ ފުރުސަތު ރާއްޖެއަށް ގެއްލުމުން، ރާއްޖެއަށް ލިބެމުން އައި ޖާގަ އަންނަ އަހަރު ދީފައި ވަނީ، ނޭޕާލަށެވެ. ދެހާސް ސޯޅަ ވަނަ އަހަރު އޭއެފްސީ ކަޕަށް އޭއެފްސީން ގެނެސްފައިވާ އާ ބަދަލާއެކު ދެކުނު އޭޝިއާ ސަރަހައްދުގެ ޓީމުތައް ހިމެނޭނީ އެއް ގުރޫޕެއްގަ އެވެ. އާ ބަދަލުން އިންޑިއާ، ބަންގުލަދޭޝް އަދި ދިވެހިރާއްޖޭގެ ލީގް ޗެމްޕިއަންނަށް ސީދާ ޖާގަ ލިބުމުން ދިޔަ އެވެ. އެއީ މި ތިން ގައުމުގެ ކުލަބުތަކުގެ ރޭންކަށް ބެލުމަށް ފަހު ލިބެމުން ދިޔަ ފުރުސަތެކެވެ. އެ ފުރުސަތުގެ ދަށުން މާޒިޔާއިން މިދިޔަ އަހަރު އޭއެފްސީ ކަޕުގައި ވާދަ ކުރި އެވެ. މި އަހަރު ނިއު ރޭޑިއަންޓް ވާދަ ކުރި އެވެ.

މި އަންނަ އަހަރު ނޭޕާލްގެ ލީގް ޗެމްޕިއަން ކުލަބުން ވާދަ ކުރުމުން އެ ގައުމަށް ރާއްޖޭގެ ކުލަބު ރޭންކާ އަރާ ހަމަ ކުރުމުގެ ފުރުސަތު އެބައޮތެވެ. ނުވަތަ ކުލަބު ރޭންކިން ސިސްޓަމުގައި ރާއްޖެއަށް ވުރެ ނޭޕާލްގެ ޕޮއިންޓް މައްޗަށް ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަތީޖާއަކަށް ވެގެންދާނީ ރާއްޖޭގެ ފުޓްބޯޅަ ނުބައި ދިމާއަކަށް ވެއްޓުމެވެ. ސީދާ ޖާގައިގެ އިތުރުން ޕްރިލިމިނަރީ ބުރާއެކު ރާއްޖޭގެ ދެ ކުލަބަކަށް މިހާރުވެސް ޖާގަ ލިބެ އެވެ. އެހެންނަމަވެސް މިހާރު ކަންތައް މި ދިމާވި ގޮތުން 2020 ވަނަ އަހަރު ރާއްޖޭގެ ކުލަބުތަކަށް ލައިސެންސް ލިބި ވާދަ ކުރަން ފުރުސަތު ލިބުނު ނަމަވެސް ރާއްޖެ ވެއްޓެން ޖެހޭނީ ބޫޓާނާއި ޝްރިލަންކާގެ ކުލަބުތަކުގެ ލެވަލަށެވެ.

އޭއެފްސީ ކަޕުގެ ޖާގަ ހޯދަން ޕްރިލިމިނަރީ ބުރުގައިވެސް ވާދަ ކުރަން ޖެހިދާނެ އެވެ. ޕްރިލިމިނަރީ ބުރުން ޕްލޭއޮފްއަށެވެ. ޕްލޭއޮފްގައި ކުރިމަތިލާން ޖެހޭނީ އިންޑިއާގެ އެންމެ ބޮޑު ލީގް ސުޕަ ލީގްގެ ޗެމްޕިއަން ޓީމާ ދެކޮޅަށެވެ. ވަރުގަދަ އިންވެސްޓްމެންޓާއެކު އަގުބޮޑު ސްކޮޑުތައް އޮތް އެއިން ޓީމެއްގެ އަތްދަށު ނުވެ ރާއްޖޭގެ ކުލަބަކަށް ދިއުމަކީ ނާދިރު ކަމެކެވެ. ނަތީޖާއަކީ އިތުރު އަހަރުތަކަކަށް ރާއްޖޭގެ ކުލަބުތަކަށް އޭއެފްސީގެ ކުލަބު މުބާރާތާ ދުރުގައި އޮންނަން ޖެހުމެވެ.

ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ފާހަގަ ކޮށްފައިވާހެން ވަކި ކުލަބަކަށް ގެއްލުން ލިބުމުގެ ބަދަލުގައި ހުރިހާ ގެއްލުމެއް
ލިބިގެން ދާނި ދިވެހި ފުޓްބޯޅައަށެވެ. ދޮރު ބަންދުވުމުން ރާއްޖޭގެ ފުޓްބޯޅަ ބޮޑު އަދަޅަކަށް ވެއްޓުނީ އެވެ.