ނިމިގެން މިދާ އަހަރުގައި ފުޓްބޯޅައަށް އައި ފާހަގަ ކުރެވުނު އެންމެ ބޮޑު ބަދަލަކީ، ޒަމާނުންސުރެ ރާއްޖޭގެ ފުޓްބޯޅަ ސީޒަން އޮންނަ ޕީރިއަޑް ބަދަލު ކުރަން ކުލަބުތަކުން ނިންމުމެވެ. އެ ވާހަކަ ކުލަބުތަކާ ހަމައަށް އެފްއޭއެމުން ގެންދިޔައީ ތަފާތު ތިން ގޮތަކަށް ހުށަހަޅައިގެންނެވެ.
އެފްއޭއެމުން ހުށަހެޅި ތިން ގޮތުގެ ތެރެއިން ގިނަ ކުލަބުތަކުން ވޯޓް ދިނީ ޖޫން މަހު ގައި ސީޒަން ފަށައި މާޗް މަހަށް ސީޒަން ނިންމުމަށެވެ. އެކަމާ ދެކޮޅަށް އޭރު ވޯޓް ދިނީ މާޒިއާ އެކަންޏެވެ.
ފުޓްބޯޅަ ސީޒަން ޖޫން އަށް ބަދަލު ކޮށްގެން ކުލަބުތަކުން ބޭނުންވާ ބަދަލެއް ނާންނާނެ ކަމަށް ބުނެ އޭރުވެސް އެކަމާ ދެކޮޅަށް ވާހަކަ ދެއްކި ފާރާތްތަކުން ބުނަމުން ދިޔަ އެވެ.
ކުލަބު ގްރީން ސްޓްރީޓްގެ ކޯޗް އަލީ، ސުޒޭން މިދިޔަ އަހަރު ބުނި ގޮތުގައި އެ ބަދަލުން ފުޓްބޯޅައަށް ލިބޭނެ ފައިދާ އެއް ނޯންނާނެ އެވެ. އެގޮތަށް ބަދަލު ކުރުމުން ނުކުންނާނެ ފައިދާއެއްގެ މައްޗަށް އެފްއޭއެމުން ދިރާސާއެއް އެކުލަވާލިތޯ ބުނެ ސުޒޭން މިދިޔަ އަހަރުވެސް ސުވާލު އުފެއްދި އެވެ.
"މީގެން ދިވެހި ފުޓްބޯޅައަށް ވާނީ ކޮންފައިދާއެއް ބާއޭ، މިއީ ވަރަށް ބޮޑު ސުވާލެއް،" މިދިޔަ އަހަރު ލީގްގެ މެޗަކަށް ފަހު ސުޒޭން ބުނެފައި ވެއެވެ. "އޭގައި ކޮބާތޯ އެމީހުން [އެފްއޭއެމް] ހެދި ދިރާސާއަކީ، ޖޫންގައި ފަށައިގެން ކޮން އެޑްވާންޓޭޖެއްތޯ އޮތީ، މިއީ ހަމަ ސުވާލު ކޮށްލަން ޖެހޭ ކަންތައްތައް، ކޮންކަމެއް މަދުވެގެންތޯ ޖޫންއަށް ލަސް ކުރަން ޖެހެނީ."
މިއީ މީގެ އެއް އަހަރު ކުރިން ސުޒޭން ފާޅު ކުރި ހިޔާލެވެ. މިއަދު އޭނާ އެވާހަކަ ދައްކަނީ އޭރު އޭނާ ދެއްކި ވާހަކަތަކުގެ މައްޗަށް ބިނާކޮށް މިއަދު ދިވެހި ފުޓްބޯޅަ ސީޒަން އޮތް ހާލަތުން މިސާލު ދައްކަމުންނެވެ.
"ކޮބައިތޯ ލިބުނު ރަނގަޅު ކަމަކީ؟ ކުލަބުތަކުން އެ ވާހަކަ ދެއްކި މީހުން ކޮބައިތޯ، ޖޫންގައި ފަށައިގެން ރަނގަޅުވިތޯ، ޖޫން މަސް ދިޔަތާ ތިން މަސް ފަހުން ކުލަބުތަކުން ކޯޗުންތައް އިސްތިއުފާ ދީފި، މުސާރަތައް ތިން މަހަށް ހަތަރު ޕެންޑިން ވަމުން ހިނގައްޖެ، ޖޫންގައި ފަށައިގެން ދިވެހި ފުޓްބޯޅައަށް ރަނގަޅުވި އެއްކަމެއް ވެސް ވިދާޅުވެއް ދެއްވާ." މިއީ ސުޒޭންގެ މިހާރު ވާހަކަ އެވެ.
ފ. ނިލަންދޫ ސްޕޯޓްސް ކުލަބުގެ ކޯޗް އަހްމަދު މުޖުތަބާ (ފެސްކޯ) ބުނި ގޮތުގައި ޑިސެމްބަރުގައި ސީޒަންގެ މެޗުތައް ކުޅޭނަމަ، ރަށްރަށުގައި ބާއްވާ މުބާރާތްތަކަށް ކުޅުންތެރިންނަށް ނުދެވޭނެކަން އޭރުވެސް އޭނާ ފާހަގަ ކޮށްފައި ވާނެ އެވެ. ކުލަބުތައް އޮތް ހާލަތުގެ ސަބަބުން ރަށްރަށުގައި ބާއްވާ މުބާރާތްތަކަށް ދާން ބޭނުންވާ ކުޅުންތެރިން ނުފޮނުވައެއް ނުވާނެ އެވެ.
ސްކޫލް ބޮޑު ޗުއްޓީ ޑިސެމްބަރަށް ދިމާވުމުން މުޅި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބާއްވާ ކޮމިއުނިޓީ މުބާރާތްތަކުގެ ވާހަކައިން ސޯޝަލް މީޑިއާ ފޯރި ގަދަ ކޮށްލަ އެވެ. އެއް ރަށް އަނެއް ރަށާ ވާދައަށް އެންމެ ރަނގަޅު މުބާރާތެއް ބާއްވަން ކޮންމެ ރަށަކުންވެސް މަސައްކަތް ކުރެ އެވެ. ކޮމިއުނިޓީ މުބާރާތްތަކުގައި އެންމެ ބޮޑު ޑިމާންޑެއް އޮންނަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކުޅޭ ކުޅުންތެރިންނަށެވެ.
ކުޅުންތެރިންނަށް މުސާރަ ނުދެވިގެން ގަވާއިދުން ޕްރެކްޓިސް ކުރުން ކުލަބުތަކުން ހުއްޓާލައިފި އެވެ. ކުލަބުތަކުގެ ހާލަތު އަލުން ރަނގަޅުވެ ސީޒަންގެ ވާދަވެރިކަން އަލުން ފެނިދާނެ ކަމާމެދު ސުވާލު އުފެފެ އެވެ.
"ކުރިން އޮތް ގޮތަށް ފުޓްބޯޅަ ސީޒަން ބަދަލު ކުރަން ޖެހޭ،" ފޯކައިދޫ ފުޓްބޯޅަ ކުލަބުގެ ކޯޗް އަލީ ނިޝްތާރު މުހައްމަދު ބުންޏެވެ. މާލީ ގޮތުން އެންމެ ބޮޑު ގެންޖެހުމެއް ކުރިމަތި ވެފައިވާ އެއް ކުލަބަކީ ފޯކައިދޫ އެވެ. ނިޝްތާރު ބުނި ގޮތުގައި މުސާރަ ނުދެވޭތީ ކުޅުންތެރިންނަށް ޑިމާންޑެއް ކުރެވޭކަށް ނެތެވެ. މުސާރަ ނުދެވޭއިރުވެސް މެޗު ކުޅެދޭން ކުޅުންތެރިން ނުުކުންނަ ކަމަށްޓަކައި ޝުކުރު ކުރަން ޖެހެ އެވެ.
ޖޫންގައި ސީޒަން ފެށުމާ ބެހޭގޮތުން ކުލަބުތަކާއެކު ބޭއްވި ބައްދަލުވުމަށް ވަޑައިގެންނެވި ކުލަބެއްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އޭރު ބޭއްވި ބައްދަލުވުމުގައި ކުލަބުތަކުން ޖޫން ގައި ސީޒަން ފެށުމަށް ބާރު އެޅި ނަމަވެސް ކުރިން އޮތްގޮތަށް ސީޒަން ބަދަލު ކުރުމާމެދު އިއުތިރާޒެއް ނުކުރެ އެވެ.
އަހަރުގެ ހަ މަސް ދުވަހު ފުޓްބޯޅަ ނުކުޅެތިބުމަށް ފަހު ޖޫންގައި ސީޒަން ފެށުމުން އޭގެ ގެއްލުން ގައުމީ ޓީމަށް ކުރާނެ ކަމަށް އޭރުވެސް އޮތީ ބެލެވިފަ އެވެ. ގައުމީ ޓީމުގެ މުހިންމު މެޗުތަކާއި މުބާރާތްތައް އޮތް އަހަރެއްގައި ޖޫންގައި ސީޒަން ފަށާނަމަ، ގައުމީ ޓީމުގެ ފެންވަރު ހިފެހެއްޓުމަށް އެކުވެރި ކަމުގެ ގިނަ މެޗުތަކެއް ކުޅޭނެ ކަމަށް އެފްއޭއެމުން އޭރު ވާހަކަ ދެއްކި އެވެ.
އެހެންނަމަވެސް އަހަރު ކުރީކޮޅު ހޭދަވީ، އެފްއޭއެމްގެ ލީޑާޝިޕްގެ ބާރު ހޯދުމަށް ސަރުކާރާއި އެފްއޭއެމް ތަޅާ ފޮޅުމުގެ ތެރެއިންނެވެ. ތަޅާފޮޅާ ނިމި އެފްއޭއެމާއި ސަރުކާރު ސުލްހަވެ އެކުގައި މަސައްކަތް ކުރަން ފެށިއިރު އަހަރުގެ ބޮޑުބައެއް ވަނީ ބޭކާރު ވެފަ އެވެ. ކުލަބުތަކުގެ ހާލަތާއި ޑޮމެސްޓިކް ސީޒަންގެ ފުޓްބޯޅަ އޮތީ ވަޅު ޖެހިފަ އެވެ.
އެފްއޭއެމްގެ އިންތިހާބު ފެށޭ އަހަރު ނޮވެމްބަރު މަހު އޮންނާނެ އެވެ. އަނެއްކާވެސް އަހަރުގެ ބޮޑު ބައެއް ދާނީ އިންތިހާބުގެ ވާދަވެރި ކަމުގަ އެވެ. ފުޓްބޯޅައަށް ހަމަޖެހި ކުރިއަށް ދާނެ ވަގުތެއް ނުލިބެ އެވެ.