ކުޅިވަރު

އެޗްޕީއޭއިން އިޖާބަ ނުދިނުމުން ރައީސްގެ އަރިހަށް

ކޮވިޑް-19 ގެ ގައިޑްލައިނާ އެއްގޮތަށް ދިވެހި ޕްރިމިއާ ލީގް ކުރިއަށް ދަނިކޮށް ކުއްލިއަށް ލީގް މެދުކަނޑާލަން އެޗްޕީއޭއިން އެންގި އެނގުން ބަދަލުކޮށް ލީގް އަލުން ފެށުމުގެ ހުއްދަ ދިނުމަށް އެދި ކުރި މަސައްކަތުންވެސް އެ އެތޯރިޓީން އެކަށީގެންވާ އިޖާބައެއް ނުލިބުމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހަށް މައްސަލަ ގެންދިއުމަށް ދިވެހި ޕްރިމިއާ ލީގްގެ އަށް ކުލަބުން ނިންމައިފި އެވެ.

ފުރަތަމަ ޑިވިޝަންގެ އަށް ކުލަބުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން، މާޒިޔާގެ ޖެނަރަލް ސެކްޓްރީ އަބްދުލް ވައްހާބު ވަނީ، ފުޓްބޯޅައަކީ އެތައް އާއިލާއެއްގެ އާންމުދަނީއާ ގުޅިފައިވާ އިންޑަސްޓްރީއެއް ކަމަށެވެ. އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ލީގް ކުރިއަށް ގެންދަނިކޮށް ލީގް މެދުކަނޑާލަން އެޗްޕީއޭއިން އެންގުމަކީ ފުޓްބޯޅައިން ލިބޭ އާންމުދަނީން ކެއިންބުއިމުގެ ކަންކަން ހަމަޖައްސައިގެން ތިބި އެތައް އާއިލާއަކަށް އަސަރު ކުރާނެ ކަމެއް ކަމަށް ވައްހާބް ވިދާޅުވި އެވެ.

"މިއީ ވަރަށް ގިނަ ޒުވާނުންގެ މުސާރައާ ދިރިއުޅުމާ ގުޅިފައި އޮތް ސިނާއަތެއް. މިކަންކަން ކުރަން މިވަގުތު ރާއްޖޭގެ ފްރޮންޓްލައިނުގައި މިތިބީ އަޅގަނޑުމެންގެ ފަސްޓް ޑިވިޝަންގެ އަށް ކުލަބާއި ސެކަންޑް ޑިވިޝަންގެ ކުލަބުތައް އަދި ތާޑް ޑިވިޝަންގެ ކުލަބުތައް. އެޗްޕީއޭގެ ނިންމުމާ މެދު އަޅުގަނޑުމެންގެ ފުޓްބޯޅައިގައި އެބަހުރި ވަރަށް ބައިވަރު ކަންބޮޑުވުންތައް،" ރާއްޖެ ޓީވީން ވަގުތުން ގެނެސްދިން ޕްރެސްގައި ވާހަކަ ދައްކަމުން ވައްހާބު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އަރިހުން ވަރަށް އަދަބުވެރި ކަމާއެކު އެދެން އަޅުގަނޑުމެން މަނިކްފާނުގެ އެޕޮއިންޓްމެންޓެއް ލިބިން. މަނިކުފާނާއެކު އަޅުގަނޑުމެންގެ ބައްދަލުވުމެއް ކުރިއަށް ގެންދެވޭނެ ދުވަހެއްގެ އިންތިޒާރުގައި އެބަތިބީމު. މަނިކުފާނުގެ އެންމެ އިޝާރާތަކަށް އަޅުގަނޑުމެން މަޑުކޮށްލައިގެން މިތިބީ."

ޕްރެސްގައި ބައިވެރިވި، އެފްއޭއެމްގެ ނައިބު ރައީސް ަދި މާޒިޔާގެ ސީއީއޯ ހުޝައި ޝަފީއު ވިދާޅުވީ، އެޗްޕިއޭގެ ގައިޑްލައިން ހަރުކަށި ކޮށްގެން ވިޔަސް ދިވެހި ޕްރިމިއާ ލީގާއި ގައުމީ ފެންވަރުގެ ފުޓްބޯޅައިގެ ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކޮންމެ ގޮތަކަށް ފުޓްބޯޅައިގެ އާއިލާއިން ތައްޔާރު ވާނެ ކަމަށެވެ. އެފްއޭއެއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ރޭ ރާއްޖެ ޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައި ވިދާޅުވީ ވެކްސިން ޖަހައިގެންވެސް ފުޓްބޯޅައިގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ތައްޔާރަށް އޮތް ކަމަށެވެ.

ޔުނައިޓެޑް ވިކްޓަރީގެ ނައިބު ރައީސް މުހައްމަދު ފަސީމް ރާފިއު ވިދާޅުވީ، މިދިޔަ އަހަރުވެސް ފުޓްބޯޅަ ސީޒަން ކުއްލިއަކަށް މެދުކަނޑާލަން ޖެހުމުން ކުލަބުތަކަށް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުމެއް ކުރިމަތިވެގެން ދިޔަ ކަމަށެވެ. އަދި ފުޓްބޯޅަ އާ ގުޅުން ހުރި ކަންތަައްތަކާ މެދު އެޗްޕީއޭއިން ގޮތް ނިންމާއިރު ފުޓްބޯޅައިގައި އުޅޭ މީހުންނާ މަޝްވަރާ ނުކޮށް ގޮތްނިންމުމަކީ "ދެރަވަރު ކަމެއް" ގެ ގޮތުގައި ފަސީމް ސިފަ ކުރި އެވެ.

"ފުރަތަމަ ޑިވިޝަނަށް އެކަނި ބަލާލި ކަމުގައި ވީނަމަވެސް އަހަރެއްގެ ތެރޭގައި 40 މިލިއަނާއި 50 މިލިއަނުން ހަރަދު ކުރާ ވާހަކަ މިދައްކަނީ. ފުރަތަމަ ޑިވިޝަންގެ އިތުރުން ސެކަންޑް ޑިވިޝަނާ ތާޑް ޑިވިޝަންެސް ވެސް އެބައޮތް މިއީވެސް ހުސް އާއިލާތަކުގެ ވާހަކަ މި ދެކެވެނީ،" ފަސީމް ވިދާޅުވި އެވެ. "ހަމައެކަނި އަމިއްލަ އަމިއްލައަށް މިކަހަލަ ޑެސިޝަނެއް (އެޗްޕީއޭ އިން) ނެގުމުގެ ބަދަލުގައި އަޅުގަނޑުމެންނާވެސް ކޮންމެވެސް ވަރަކަށް މަޝްވަރާކޮށް ކުރިއަށް ގެންދެވޭނެ ތަންކޮޅެއް ހަރުދަނާ އުސޫލެއްވެސް އޮންނަން ޖެހޭނެ ދެއްތޯ. ހަމަ ކުއްލިއަކަށް މިއަދު މި ބުނަނީ ފުޓްބޯޅައެއްވެސް ނުކުޅެވޭނޭ އެއްވެސް ކުޅިވަރެއްވެސް ނުކުޅެވޭނެ. އެހެން ބުނީމަ ކުޅިވަރު ކުލަބުތަކަކަށް އެކަންޏެއް ނޫން އަސަރު ކުރަނީކީ އާއިލާތަކަކަށްވެސް މީގެއިން ގެއްލުން ވަމުން މިދަނީ."

މިދިޔަ އޮކްޓޯބަރު މަހު، ފުރަތަމަ ޑިވިޝަންގެ ކުލަބުތަކުގެ ޕްރެކްޓިސް ފެށުމުގެ ހުއްދަ އެޗްޕީއޭއިން ދަނީ ހާއްސަ ހުއްދައެއްގެ ދަށުންކަން ފާހަގަކޮށް ފަސީމް ވިދާޅުވީ ޔުނައިޓެޑް ވިކްޓަރީން ގަބޫލު ކުރަނީ ހާއްސަ ހުއްދަ އަދިވެސް ބާތިލު ވެގެން ނުވާނެ ކަމަށެވެ. ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް އޮކްޓޯބަރު މަހު އެޗްޕީއޭއިން ހުއްދަ ދިނީ އާންމު ކުޅިވަރު ހަރަކާތްތައް މަނާ ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ގައުމީ ފެންވަރުގެ ފުޓްބޯޅައިގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް، ހުއްދަ ދީފައިވާކަން އެޗްޕީއޭއިން އޭރު ބުންޏެވެ. އާންމު ކުޅިވަރު ހަރާކާތް ބޭއްވުމުގެ ހުއްދަ އެޗްޕީއޭއިން ދިނީ ޑިސެމްބަރު މަހު އެވެ.

"ކުރިންވެސް ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅައަށް ހުއްދަ ދިނީ އާންމު ކުޅިވަރުތައް ކުޅުން ހުއްޓާާފައިވާ ވަގުތެއްގައި. އެ ހާއްސަ ހުއްދައެއްގެ ދަށުން އަދިވެސް އަޅުގަނޑުމެންނަށް މީތި ކުރިއަށް ގެންދެވެން ޖެހޭނެޔޭ އަޅުގަނޑުމެން ގަބޫލު ކުރަނީ."

ޓީސީ ސްޕޯޓްސް ކުލަބުގައި އިސްކޮށް މަސައްކަތް ކުރަމުން އަންނަ އެ ކުލަބުގެ ކުރީގެ މެނޭޖަރު މުހައްމަދު އީސާ (މޯ) ވިދާޅުވީ ކުރިން ރާއްޖޭގެ ކުޅުންތެރިން ދެ ވަނަ ވަޒީފާއެއްގެ ގޮތުގައި ފުޓްބޯޅަ ކުޅެމުން ދިޔަނަމަވެސް މިހާރު އެ ހާލަތު މުޅިން ބަދަލުވެފައިވާ ކަމަށެވެ. މިހާރު 70 ޕަސަންޓް ކުޅުންތެރިންގެ އާންމުދަނީ ހޯދުމުގެ ފުލުޓައިމް ޕްރޮފިޝަންއެއްގެ ގޮތުގައި އިހްތިޔާރު ކޮށްފައިވަނީ ފުޓްބޯޅަ ކަމަށް މޯ ބުންޏެވެ.

"ކުރީގައި ވިސްނިފަައި އޮންނަ ގޮތަކީ އޭނާ ވަޒީފާއަށް ދަމުން ބޯޅަ ކުޅެއޭ. ނޫން ނޫން މިހާރު މިއޮތީ ވަރަށް ބޮޑަށް ބަދަލުވެފައި. މިހާރު 60 ނުވަތަ 70 ޕަސަންޓް ކުޅުންތެރިންނަކީ ސީދާ ފުޓްބޯޅައަށް ހުސްވެގެން ތިބި ކުޅުންތެރިން އެމީހުންގެ ފެމިލީއާ ހުރިހާ ކަމެއް ބިނާވެފައި މިއޮންނަނީ ފުޓްބޯޅައިން އާންމުދަނީގެ މައްޗަށް،" މޯ ވާހަކަ ދެއްކި އެވެ. "އަސްލު މިއީ މިހާރު ބޮޑު އިންޑަސްޓްރީއެއް (އެހެން ދާއިރާތަކުގައި އުޅޭ މީހުންނަށް) މިކަން އެވެއާ ނުވަނީ. ކުރީގަ މާޒީގައި ވޭތުވެދިޔަ ދުވަސްތަކުގައި ކަންކަން ހިނގާ ގޮތަކަށް ނޫން މިހިނގަނީކީއެއް. ކުލަބުތައްވެސް ރަނގަޅަށް އަހަރީ އޯޑިޓްތައްވެސް ކުރެވި ހަމަ ފައިނޭންޝިއަލީ މިހުރަ ބޮޑެތިކަންކަން ކޮށްގެން މިހުރިހާ ކުލަބުތަކެއްވެސް މިކަން ކުރަނީ."

އޭނާ ބުނީ، ކުލަބުތަކުން ކުޅުންތެރިންނަށް މިހާރު ދޭ މުސާރަ އާއި ކުލަބުތައް ހިންގާގޮތް އެހެން ދާއިރާތަކުގައި އުޅޭ މީހުންނަށްވެސް އެނގައިދީ އޮޅުން ފިލުވައި ދޭންޖެހޭނެ ކަމަށެވެ. އެއީ ފުޓްބޯޅައަކީ ރަނގަޅު އާންމުދަނީއެއް ލިބިގެން ކުރިއަށް ދެވޭނެ ދާއިރާއެއްކަން އެންމެންނަށްވެސް ވިސްނައިދިނުމުގެ ބޭނުމުގައި ކަމަށް ގައުމީ ޓީމުގެ މެނޭޖަރުކަންވެސް ކުރިން ކުރި މޯ ބުންޏެވެ.

ގުރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ޚަލީލް ވިދާޅުވީ ފުޓްބޯޅައަކީ މޫނިފޫހި ފިލުވަން ކުޅޭ ކުޅިވަރެއްގެ ގޮތުގައި ވިސްނިފައި އޮންނަ އޮތުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ. އަދި މުނިފޫހި ފލުވުމުގެކަމެއްގެ ގޮތުގައި ދެކުނަސް އެންމެ ގިނަ ބަޔަކަށް އާންމުދަނީ ލިބި އެންމެ ބޮޑު ހޭދައެއް ކުރާ މުނިފޫހިލުވުމުގެ ކެޓަގަރީގައި ހިމެނޭ ކަމަކަށް ވާނީ ފުޓްބޯޅަ ކަމަށެވެ.

ކުލަބުތަކުން ފާހަގަ ކުރި އަނެއް ކަމަކީ، ދެ މަސްދުވަހުގެ ޕްރެކްޓިސް ކުރުމަށް ފަހު ސީޒަން ފެށުމަށް ތައްޔާރުވިއރު ދަނޑުގެ ކޮމްޕައުންޑަށް ނުކުންނަ ކުޅުންތެރިންނާއި އޮފިޝަލުން އަދި ކޯޗުންގެ ކޮވިޑް ޓެސްޓް ހެއްދިއިރު ޕޮޒިޓިވް އެއްވެސް ކޭހެއް ފެނިފައި ނުވުމަކީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކުލަބުތަކުންނާއި ކުޅުންތެރިން އަމަލު ކޮށްފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.