ކޮވިޑް-19 ގެ ހާލަތު ކަމަށް ވުމުން، ކޮންމެ ޓީމަކަށް ވެސް މެޗެއްގައި ފަސް ބަދަލު ކުރެވޭ ގޮތަށް ފުޓްބޯޅައިގެ އާންމު ގަވައިދަށް ފީފާއިން ގެނެސްފައިވާ އިސްލާހަށް ރާއްޖޭގެ ފުޓްބޯޅަ ސީޒަންގައިވެސް އަމަލު ކުރުމާ މެދު މަޝްވާރާ ކުރަމުންދާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
ފުޓްބޯޅައިގެ ބައިނަލްއަގުވާމީ ގަވާއިދުތައް ހެދުމަށް އުފައްދާފައިވާ، އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑުން ވަނީ، ކޮވިޑް-19 އާ ގުޅިގެން ފުޓްބޯޅަ މެދުކަނޑާލުމަށް ޖޫން މަހު އަލުން ފެށިއރު ފަހު ފަސް ބަދަލު ކުރެވޭ ގޮތަށް، ފުޓްބޯޅައިގެ އާންމު ގަވާއިދަށް ވަގުތީ އިސްލާހެއް ގެނެސްފަ އެވެ. ކޮރޯނާ ވައިރަސް އަށް ފަހު ކުޅުންތެރިންގެ ރައްކާތެރި ކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ގެނައި ބަދަލަށް އަމަލު ކުރުމުގެ އިހްތިޔާރު ގައުމުތަކަށް ފީފާއިން ވަނީ ދިފަ އެވެ.
ޖުލައި މަހު ޔޫރަޕްގެ ސީޒަން ނިމުނު ފަހުން، ފީފާއިން ވަނީ އަންނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް އެ ގަވާއިދަށް އަމަލު ކުރުމުގެ މުއްދަތު އިތުރު ކޮށްފަ އެވެ. ޔޫރަޕްގެ ބޮޑެތި ލީގް ތަކުން ފަސް ކުޅުންތެރިންގެ ބަދަލަށް މިހާރުވެސް އަމަލު ކުރަމުން ދާއިރު، މި ސީޒަންގައި ޕްރިމިއާ ލީގުން އެ އިސްލާހަށް އަމަލެއް ނުކުރެ އެވެ.
ޑިސެމްބަރު މަހު ފަށާ ގޮތަށް ހަމަޖެހިފައިވާ ފުޓްބޯޅަ ސީޒަންގައި، ފަސް ބަދަލަށް އަމަލު ކުރާނަންތޯ "އަވަސް" އިން ކުރިން ސުވާލު ކުރުމުން އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވެފައި ވަނީ ވަކި ނިންމުމެއް ނިންމާފައި ނުވާކަމަށެވެ. ނަމަވެސް އެކަމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ޖަވާ ވިދާޅުވި އެވެ.
ކޮވިޑާ ގުޅިގެން، ފުޓްބޯޅައިގެ ޔޫތު ޑިވްލަޕްމެންޓަށް ކުރިމަތި ވެފައިވާ ގެންޖެހުންތައް ހައްލު ކުރުމަށްޓަކައި، ޕޯސްޓް ކޮވިޑް ޕެލޭނެއް އެކުލަވާލަމުންދާ ކަމަށް އެއެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަވަސް އަށް ކުރިން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މަސައްކަތް ކުރަނީ އަންނަ މަހު އެ ޕްލޭންގެ މަސައްކަތް ނިންމާލުމަށް ކަމަށެވެ.
ފުޓްބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައި ވަނީ، އަންނަ މަހު އަށް ވަނަ ދުވަހު، ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗަށް ތައްޔާރުވުމުގެ މަސައްކަތް އެފްއޭއެމުން ވަނީ ފަށާފަ އެވެ. ދިވެހި ޕްރިމިއާ ލީގްގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އަދި ރަނަރަފް ކުލަބު އީގަލްސް ބައްދަލު ކުރާ ޗެރިޓީ ޝީލްޑް މެޗުގެ ބައިވެރިންގެ ގޮތުންގައި ކުޑަ ކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމއްިއްޔާ އާކް، ސްޕެޝަލް އޮލިމްޕިކްސް އަދި މޯލޯޑިވިއަން ބްލަޑް ޑޯނާސް ވަނީ ހަމަޖައްސާފަ އެވެ.
އާ ސީޒަނަށް ތައްޔާރު ވުމަށް ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރާ އަށް ކުލަބުންވެސް ވަނީ ޕްރީ ސީޒަން ފަށާފަ އެވެ. ކުލަބުތައް ޕްރެކްޓިސް ފެށީ ކުޅިވަރުގެ އައުޓްޑޯ ހަރަކާތްތައް އާންމުކޮށް ހުޅުވާލުމުގެ ކުރިންނެވެ. އެހެންވެ ކުލަބުތަކުން ޕްރެކްޓިސް ފެށީ އެޗްޕީއޭއިން ދިން ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެޗްޕީއޭއިން ހުއްދަ ދިނީ އެފްއޭއެމުން އެކުލަވާލި ގައިޑްލައިން އެޗްޕީއޭގެ އުސޫލުތަކަށް ފެތުމުން އެ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށެވެ.