ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކުލަބުތަކުގައި ހައިޖީން އޮފިޝަލުން ތިބުމަށް އެފްއޭއެމުން ހަމަޖައްސައިިފި އެވެ.
ގައުމީ ފެންވަރުގެ ޕްރެކްޓިސް ކުރިއަށް ގެންދިއުމަށް އެފްއޭއެމުން ވަނީ ގައިޑްލައިނެއް އެކުލަވާލާފަ އެވެ. ކުލަބުތަކުގެ ޕްރެކްޓިސް ފެށުމަށް އެޗްޕީއޭއޭ އިން ހުއްދަ ދިނީ އެފްއޭއެމްއިން އެކުލަވާލި ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށެވެ.
އެފްއޭއެމުން އިއްޔަ ބުނެފައި ވަނީ، ކޮވިޑް-19 ގެ ހާލަތުގައި ޓީމުތަކުގެ ޕްރެކްޓިހާއި ސީޒަން ކުރިއަށް ގެންދާއިރު ކޮންމެ ކުލަބެއްގައި ހައިޖީން އޮފިޝަލުން ބޭތިއްބުމަށް ކުލަބުތަކަށް އަންގާފައިވާ ކަމަށެވެ. އަދި ކުލަބުތަކުން ކަނޑައަޅާ ހައިޖީން އޮފިޝަލުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއްވެސް އެފްއޭއެމުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އެފްއޭއެމްގެ ގައިޑްލައިން އެކުލަވާލުމުގައި އެންމެ އިސްކޮށް އުޅުއްވީ އެފްއޭއެމްގެ އެކްސްކޯ މެންބަރު އަދި ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ހެޑް އޮފް ފިޒީޝަންގެ މަގާމު ވެސް އަދާކުރައް ވަމުން އަންނަ އަހްމަދު ޝަކީބް (ޑޮކް) އެވެ. ގައިޑްލައިން އެކުލަވާލުމުގައި ރާއްޖޭގެ ސީއްހީ ދާއިރާގެ ތަޖުރިބާކާރުންނާއި، ޑަބަލިއު އެޗްއޯ ގައިޑްލައިނާ އަދީ ފީފާގައި އޭނާ ވެސް ހިމެނޭ މެޑިކަލް ނެޓްވޯކް އަދި ފީފާގެ މެޑިކަލް ހެޑްގެ މަޝްވަރާ އާއި އާއި އޭއެފްސީ ކަމާ ގުޅޭ ދާއިރާތަކުގެ މަޝްވަރާ ހޯދާފައިވާނެ ކަމަށް ޝާކީބު ވިދާޅުވެފައި ވެއެވެ.
ޝަކީބު ވިދާޅުވި ގޮތުގައި، ހައިޖީން އޮފިޝަލުންގެ ޒިންމާއަކީ ޕްރެކްޓިހަށް ކުޅުންތެރިންނާއި ކޯޗުން ނެރުމުގެ ކުރިން ހައިޖީންގެ ފިޔަވަޅުތައް އެޅުމާއި ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެނޭތޯ ބެލުމުގެ އިތުރަށް ކުޅުންތެރިޔެއްގެ ގޭގައި ނުވަތަ އެހެންވެސް ތަނެއްގައި އެފަދަ މީހާކާ ކޮންޓެކެޓްވި ތޯ ބެލުން ކަމަށެވެ.
އާ ސީޒަނަށް ތައްޔާރު ވުމަށް ފުޓްބޯޅައިގެ ޕްރެކްޓިސް ކުރިއަށް ގެންދިއުމަށް އެޗްޕީއޭއިން ހުއްދަ ދިނުމުން އެންމެ ފުރަތަމަ ޕްރެކްޓިސް ފެށީ މާޒިޔާއިންނެވެ. އެޗްޕީއޭ ގައިޑްލައިނާ އެއްގޮތަށް މާޒިޔާއިން އިއްޔަ ވަނީ ޕްރެކްޓިސް ފަށާފަ އެވެ.