އެފްއޭއެމް

ޓީމުތަކަށް މާލީ އެހީ ދޭން އެފްއޭއެމުން ސޮއިކޮށްފި

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް، ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް މާލީ އެހީ ދިނުމަށް، ފުރަތަމަ ޑިވިޝަންގެ ކުލަބުތަކާއެކު އެފްއޭއެމުން އެގްރިމެންޓްގައި ސޮއި ކޮށްފި އެވެ.

"ޓްވޯޑްސް ފިއުޗާ އެފްއޭއެމް ފައިނޭޝިއަލް އެސިސްޓެންސްގެ "ގެ ދަށުން ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް 24 މިލިއަން ރުފިޔާ އެފްއޭއެމުން ދޭނެ އެވެ. އެއީ ކޮންމެ ކުލަބަކަށް ތިން މިލިއަން ރުފިޔާ އެވެ. އެފްއޭއެމް ފައިނޭންޝިއަލް އެސިސްޓެންސްގެ ދަށުން މިއަދު ވަނީ އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރާ އަށް ކުލަބާއެކުވެސް އެގްރިމެންޓްގައި ސޮއި ކޮށްފަ އެވެ. އެފްއޭއެމްގެ އާ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، ކޮންމެ ކުލަބަކުން އެ ކުލަބުގެ ރައީސުން ސޮއި ކުރެއްވި އިރު، އެފްއޭއެމްގެ ފަރާތުން ސޮއި ކުރެއްވީ، އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

ފައިންޝިއަލް ސަޕޯޓް އެއްބަސްވުމާ ބެހޭގޮތުން އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ، ކޮންމެ ކުލަބަކަށް ދޭ ތިން މިލިއަން ރުފިޔާއަކީ ކުލަބުތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ފޯރުކޮށްދޭ ފައިސާ ކަމަށެވެ. ފައިނޭންޝިއަލް އެސިސްޓެންސްގެ ދަށުން ކުލަބުތަކުން ސަމާލުކަން ދޭން ޖެހޭނެ ހަތް ދާއިރާއެއް ޖަވާޒު ފާހަގަ ކުރެއްވި އެވެ.

ފައިނޭންޝިއަލް އެސިސްޓެންޓް ބިނާ ވެގެންވާ އަސާސްތައް

  • އޭއެފްސީ ކުލަބު ލައިސެންސް
  • ކުލަބުގެ ޔޫތު ޑިވްލަޕްމެންޓް
  • އެކެޑެމީ
  • މެނޭޖުމެންޓް
  • ކުލަބު ފައިނޭންޝިއަލް ރިޕޯޓް
  • ވިމެންސް އެކްޓިވިޓީ
  • ޕްރަމޯޝަނަލް އެކްޓިވިޓީ

ޖަވާޒު ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން ބިޒްނަސް މޮޑެލްއަށް ކުލަބުކުގެ ހިންގުން ބަދަލު ކުރުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ. އެފްއޭއެމުން ގާއިމު ކުރާ އުމްރާނީ ވަސީލަތްތަކުން ވިޔާފާރީގެ ގޮތުގައި ފައިސާ ހޯދައިގެން ކުލަބުތައް އާންމުދަނީ ލިބޭނެ ނިޒާމަކަށް ބަދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަށް ކުލަބުގެ ތެރޭގައި ހިމެނެނީ، މިދިޔަ އަހަރު ދިވެހި ލީގްގައި ވާދަ ކޮށް ފުރަތަމަ ޑިވިޝަންގައި ދެމި އޮތް ހަ ކުލަބުގެ އިތުރުން މިިދިޔަ އަހަރު ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން، ކުލަބު ވެލެންސިއާ އާއި ދެ ވަނަ ޑިވިޝަންގެ ރަނަރަފް ޓީމުގެ ގޮތުގައި މުޅިން އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަ ކުރާ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބު (ސަސްޕަޓީސް) އެވެ. މިދިޔަ އަހަރު ލީގްގައި ސަސްޕެންޝަނާ ހަމައަށް ދިޔައިރުވެސް ފުލުގައި އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބު ވަނީ ރެލިގޭޓް ވެފަ އެވެ. ދިވެހި ލީގްގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމު، ނިއު ރޭޑިއަންޓް ވަނީ މިދިޔަ ސީޒަން ފެށުމުގެ ފަސް މަސް ކުރިން ސަސްޕެންޑް ކޮށްފަ އެވެ.

އެ ދެ ކުލަބު ސަސްޕެންޑް ކުރީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދީ ހުރުމުން، އެ މައްސަލަ ބެލުމަށް ފަހު މުސާރަ ދިނުމަށް، ތަކުރާރުކޮށް ދިން މުއްދަތުތައް ފަހަނައަޅައި ދިޔައިރުވެސް މުސާރަތައް އެ ކުލަބުތަކުން ހަމަޖައްސައިދީފައި ނުވުމުން ކަމަށް އެފްއޭއެމުން ބުނެ އެވެ.