އެފްއޭއެމްގެ އިންތިހާބު

ފުރަތަމަ ޑިވިޝަންގެ ހުރިހާ ކުލަބެއްގެ ތާއީދު ބައްސާމަށް

އެފްއޭއެމްގެ އިންތިހާބުގައި، ފުރަތަމަ ޑިވިޝަންގެ އެކްޓިވް ހުރިހާ ކުލަބަކުން އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލްއަށް ތާއީދު ކުރުމަށް ނިންމައިފި އެވެ.

ފުރަތަމަ ޑިވިޝަންގެ އަށް ކުލަބުގެ ތެރެއިން، އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ ހަ ކުލަބުން ބައްސާމްއަށް ތާއީދު ކުރާކަން އިއުލާން ކުރިއިރު، ފުރަތަމަ ޑިވިޝަންގައި އެންމެ ޒަމާންވީ ދެ ކުލަބު ކަމަށްވާ ވިކްޓަރީ އާއި ނިއު ރޭޑިއަންޓް ވަނީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފަ އެވެ. އެހެންވެ އެފްއޭއެމްގެ ކޮންގްރެސްގައި ތަމްސީލު ކުރުމުގެ ފުރުސަތެއް އެ ދެ ކުލަބަކަށް ނުލިބޭނެ އެވެ.

ފުރަތަމަ ޑިވީޝަންގެ ކުލަބުތަކުގެ ތެރެއިން ބައްސާމްއަށް ތާއީދު ކުރާކަން އެންމެ ފަހުން އިއުލާން ކުރީ ކުލަބު އީގަލްސް އެވެ. މިދިޔަ އަހަރު ކުރީ ކޮޅު އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރުމަށް، ހުށަހެޅި ގަރާރުގައި އޭރުވެސް ފުރަތަމަ ޑިވިޝަން ވާދަ ކުރާ ކުލަބުތަކުގެ ތެރެއިން އެ ގަރާރުގައި ސޮއި ނުކުރަނީ އީގަލްސް އެކަންޏެވެ. އެހެންވެ އީގަލްސް ބެލެވިފައި ވަނީ މިހާތަނަށް ބައްސާމްއަށް އެންމެ ވަފާތެރިކޮށް އޮތް ކުލަބުގެ ގޮތުގަ އެވެ.

މިދިޔަ އަހަރު، ބައްސާމް ވަނީ އެފްއޭއެމްގެ އެގެޒެކެޓިވް ކޮމިޓީއަށް، އީގަލްސްގެ ސީއީއޯ މުފާވިޒް ހާޝިމް (މުފާ) އައްޔަން ކުރައްވާފަ އެވެ. އެފްއޭއެމުގެ އެންމެ ފަހު އިންތިހާބުގައި އީގަލްސްއިން ތާއީދު ކުރީ އޭރު އިންތިހާބުގައި ބައްސާމްއާ ވާދަ ކުރި އެފްއޭއެމްގެ ކުރީގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) އަށެވެ.

ބައްސާމްއަށް ތާއީދު ކުރާކަން، ދަ ގްރާންޑޭ އާއި ޔުނައިޓަޑް ވިކްޓަރީންވެސް ވަނީ ހާމަ ކޮށްފަ އެވެ. އަދި އޭގެ ކުރިން ޓީސީ އާއި މާޒިޔާއިންވެސް އިއުލާން ކުރި އެވެ.