ކުޅިވަރު

ދަރަނީގެ މަޅިން ކުލަބުތައް ސަލާމަތް ވާންޖެހޭ

ފުޓްބޯޅައިގައި އޮތް އެންމެ ބޮޑު މައްސަލަ އެވެ. ސީޒަންގެ މެދުތެރެއިން ކުލަބުތައް ހާލުގައި ޖެހެނީ އެވެ. މުސާރަ ނުދެވި ކުޅުންތެރިން ބިކަ ވަނީ އެވެ. ކުލަބުތައް ދަރަނިވެރި ވަނީ ކުޅުންތެރިންނަށެވެ. މިދިޔަ ތިން ސީޒަންގައިވެސް ތަކުރާރުވި މައްސަލަ އެވެ. އެފްއޭއެމް މެދުވެރިވެގެން މިދިޔަ ތިން އަހަރު ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް ގާތްގަނޑަކަށް 72 މިލިއަން ރުފިޔާ ދީފި އެވެ. އެހެންނަމަވެސް ގިނަ ކުލަބުތައް ދަރަނިވެރިވުން ނޫން ގޮތެއް ނެތެވެ.

އެފްއޭއެމުން ކުލަބުތަކަށް ފައިސާ ދޫކުރާއިރު ކުލަބުތަކާއެކު ހެދޭ އެއްބަސްވުމެއް އޮވެ އެވެ. އެ އެއްބަސްވުމުގައި ފައިސާ ހޭދަ ކުރަން ޖެހޭނެ ހާއްސަ ދާއިރާތަކެއްވެސް ކަނޑައަޅާފައި ވެއެވެ. އެ ފައިސާ އަކީ މުސާރައަށް އެކަނި ދޭން ހުރި ފައިސާ ނޫން ކަން އެއްބަސްވުން ހެދޭ މަރުހަލާއިން ކުލަބުތަކަށް ހަނދާން ކޮށްދެ އެވެ. އެހެންނަމަވެސް ކުލަބުތައް ހިންގުމުގެ ދާއިރާއަށް އައި ކުރިއެރުމެއް ނެތެވެ. އަންހެން ޓީމެއް ކުލަބުތަކުގައި ނެތެވެ. ބައެއް ކުލަބުތަކުގައި އެކެޑެމީއެއް ނެތެވެ.

އަންނަ މަހު ފަށާ ސީޒަނަށް ތައްޔާރު ވުމަށް އެފްއޭއެމުން ވަނީ، ކުލަބުތަކާއެކު އެއްބަސްވުން ހަދާފަ އެވެ. "ޓްވޯޑްސް ފިއުޗާ އެފްއޭއެމް ފައިނޭޝިއަލް އެސިސްޓެންސް" ގެ ނަމުގައި މިއަހަރު ކުލަބުތަކާއެކު ހެދި އެއްބަސްވުމުގެ ދަށުން މައިގަނޑު ހަތް ދާއިރާއެއް ކުލަބުތަކުން ފުރިހަމަ ކުރަން ޖެހެ އެވެ.

ކުލަބުތަކުން ފުރިހަމަ ކުރަން ޖެހޭ ކަންކަން

  • އޭއެފްސީ ކުލަބު ލައިސެންސް
  • ކުލަބުގެ ޔޫތު ޑިވްލަޕްމެންޓް
  • އެކެޑެމީ
  • މެނޭޖުމެންޓް
  • ކުލަބު ފައިނޭންޝިއަލް ރިޕޯޓް
  • ވިމެންސް އެކްޓިވިޓީ
  • ޕްރަމޯޝަނަލް އެކްޓިވިޓީ

ކުލަބުތަކަށް އަހަރަކު ތިން މިލިއަން ރުފިޔާ ދީގެންވެސް ދަރަނިވެރިވުން ސަލާމަތް ނުކުރެވިގެން އެފްއޭއެމުންވެސް ފިޔަވަޅުތަކެއް އެޅި އެވެ. ކުޅުންތެރިންގެ މުސާރަތައް ގިންތި ކުރެވި އެންމެ މަތިވެގެން ދެވޭނީ ކިހާވަރެއްގެ މުސާރައެއްކަން ކަނޑައެޅުނެވެ. ހައްލެއް ނުލިބުނެވެ. ހައްލު ނުލިބުނު ސަބަބުވެސް އެބައޮތެވެ. ބައެއް ކުލަބުތައް ސެލެރީ ކެޕްގެ ބޭރުން މުސާރައް ހެދި އެވެ. ސެލެރީ ކެޕަށްވުރެ ބޮޑު މުސާރަތައް ކުޅުންތެރިންނަށް ދޭން ބައެއް ކުލަބުތަކުން ހުށަހެޅި އެވެ.

"މިދިޔަ ސީޒަންގައި މި ކުލަބުގެ ސެލެރީތައްވެސް އުޅުނީ ސެލެރީ ކެޕަށް ވުރެ މަތީގައި،" ފުރަތަމަ ޑިވިޝަންގެ ކުލަބެއްގެ އޮފިޝަލަކު ބުންޏެވެ. "މި ސީޒަންގައި ހުރިހާ އެއްބަސްވުމެއްވެސް ހަދާފައި ހުންނާނީ ސެލެރީ ކެޕަށް ފެތޭ ގޮތަށް."

ކުލަބުތަކުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކުގެ ތެރެއިން ފަސް ކަމަކީ އެފްއޭއެމުން ދޭ ފައިސާއިން އެކަމަށް ހޭދަ ކުރަން ޖެހޭނެ ދާއިރާތަކެވެ. ފައިސާ ހޭދަމަށް ހާއްސަ ދާއިރާތަކެއް ކަނޑައަޅައިފައި ވީނަމަވެސް ކުލަބުތަކުގެ ވިސްނުން ހުރީ، ކުލަބުގެ ސީނިއާ ޓީމުގެ ކުޅުންތެރިންނަށް މުސާރައަށް އެ ފައިސާ ހޭދަ ކުރުމަށެވެ. ނުވަތަ ކުރީ ސީޒަންގެ ދަރަނިތައް އަދާ ކުރުމަށް އެ ފައިސާ ބޭނުން ކުރުމަށެވެ. ކުލަބުތަކަށް އެފްއޭއެމުން ފައިސާ ދެނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. ވާހަކަ ދެއްކި އޮފިޝަލް ބުނި ގޮތުގައި މިހާރު ހަތަރު މަހަށް ފައްތާފައިވާ މުއްދަތު އެއްއަށްވުރެ ކުރު މުއްދަތެއްގައި ދިނުމުން މައްސަލައަށް ކޮންމެވެސް ހައްލެއް ލިބިގެންދާނެ އެވެ.

"ހަތަރު މަހުން ނުވަތަ ހަ މަހުން ބޮޑު ޕޭމަންޓެއް ލިބުމަށް ވުރެ ދެ މަހުން ކުޑަ ޕޭމަންޓެއް ލިބުންވެސް މާ ރަނގަޅު،" ވާހަކަ ދެއްކި ކުލަބުގެ އޮފިޝަލް ބުންޏެވެ. "އޭރު ހަމަގައިމުވެސް ކުޅުންތެރިންނަށް ދޭންވާ އެއްޗެއް ނުދެވި ދިގު މުއްދަތެއް ފާއިތުވެގެން ނުދާނެ. ޓީމުތަކުގެ ޕްރެކްޓިސްވެސް މެދުކެނޑިގެން ނުދާނެ."

އަނެއް މައްސަލައަކީ ސީޒަނަށް ނިމިގެންދާއިރުވެސް މުސާރަ ނުދޭ މުއްދަތު އިތުރުވެގެން ދިއުމެވެ. މިދިޔަ ސީޒަން ފެށިއިރު ޓީސީގެ ކޯޗަކަށް ހުރި މުހައްމަދު އާތިފް ސީޒަންގެ ވަކި ހިސާބުން އިސްތިއުފާ ދިނީ، ކުޅުންތެރިންނަށް މުސާރަ ނުދޭތީ މަސައްކަތް ކުރެވޭނެ ހާލަތެއް ޓީމުގައި ނެތް ކަމަށް ބުނެ އެވެ.

ސީޒަން ނިމި މުސާރަ ނުދޭނަމަ ކުޅުންތެރިންނަށް އެކަމުގެ ޝަކުވާ ހުށަހެޅުމުގެ އިންތިޒާމެއް އެފްއޭއެމުގައި އޮވެއެވެ. ކުޅުންތެރިން ހުށަހަޅާ މައްސަލަ ބެލުމަށް ފަހު މުސާރަތައް ފުރިހަމަ ކުރުމަށް ކުލަބުތަކަށް ފުރުސަތު ދެ އެވެ. އެފްއޭއެމުން ދޭ މުއްދަތުގައި މުސާރަތައް އަދާ ނުކުރާނަމަ، ކުލަބު ލައިސެންސް އެ ކުލަބަކަށް ލިބިގެން ނުދާނެ އެވެ. މިދިޔަ ސީޒަނުން ފެށިގެން އެފްއޭއެމުން ނިނމާފައި ވަނީ ލައިސެންސް ފުރިހަމަ ނުކޮށް ލީގްގައި ކުރިއަށް ނުދެވޭގޮތަށެވެ. މިދިޔަ ސީޒަންގެ ވަކި ހިސާބަކުން ވިކްޓަރީ ސްޕޯޓްސް ކުލަބު ސަސްޕެންޑް ކުރީ ލައިސެންސް ފުރިހަމަ ނުކުރުމުންނެވެ.

މިދިޔަ ސީޒަން ނިމުމަށް ފަހު ކުޅުންތެރިންގެ ފަރާތުން މުސާރައިގެ މައްސަލަތައް އެފްއޭ ހުށަހެޅި އެވެ. ދެން އެ ދެމެދަށް ކުލަބުތައް ވަދެ ކުޅުންތެރިން ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންދިއުމަށް އެދެ އެވެ. ކުޅުންތެރިޔާ އަނބުރާ މައްސަލަ ނަގަނީ ކުލަބުން މުސާރަ ދޭނެ ކަމުގެ ޔަގީންކަން ދިނުމުންނެވެ. ނަމަވެސް ސީޒަން ފަށަން ތައްޔާރުވާއިރުވެސް މިދިޔަ ސީޒަންގައި މުސާރަ ނުދޭ ކުޅުންތެރިންނަށް އެ ކުލަބުތަކުން އަދިވެސް މުސާރަ ދީފައެއް ނުވެ އެވެ. އެ ކުލަބުތަކުން އަނެއްކާވެސް އަނެއް ސީޒަނާ ކުރިމަތި ލަނީ އެވެ.

ކުލަބުތަކަށް ކުރިމަތިވެފައިވާ މި ހާލަތުން އަރައި ގަތުމަށް، ކުލަބުތައް ވިޔާފާރި މޮޑެލްއަށް ބަދަލު ކުރުމުގެ ވިސްނުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ފާހަގަ ކުރައްވާފަ އެވެ.

"ކުރިއަށް އޮތްތާންގައި ބަލަންޖެހޭނީ ސަސްޓެއިނަބަލް [ދެމެހެއްޓެނިވި] ގޮތެއްގައި ކުލަބުތަކަށް ފައިސާ ލިބޭނެ ގޮތެއް ހޯދުން،" ޖޫން މަހު ބައްސާމް ވިދާޅުވެފައި ވެއެވެ. "އެގޮތުގެ މަތިން އަޅުގަނޑުގެ މިހާރުގެ ވިސްނުމަކީ ކުލަބުތަކާއެކު މަޝްވަރާ ކޮށްގެން ބިޒްނަސް މޮޑެލްއަކަށް ބަދަލުވެގެން ދިއުން، އިރާދަ ކުރައްވިއްޔާ ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި ހުރިހާ ކުލަބެއް ކަހަލަގޮތަކަށް ބިޒްނަސް މޮޑެލްއެއްގައި ރަން ކުރާތަން ފެނިގެން ދާނެ."

ކުލަބުތަކުގެ އިސްކޮށް މަސައްކަތް ކުރާ ގިނާ ބޭފުޅުންނަކީ އެބޭފުޅުން ޕެޝަންއެއްގެ ގޮތަށް ނުވަތަ ކުލަބު ލޯބީގައި މަސައްކަތް ކުރައްވާ ބޭފުޅުން ކަމަށް ބައްސާމް ފާހަގަ ކުރެއްވި އެވެ. އެހެންވެ ކުލަބުގެ މަސައްކަތްވެސް އެބޭފުޅުން ކުރައްވަނީ ލިބޭ ހުސް ވަގުތުތަކުގަ އެވެ. ބައްސާމް ވިދާޅުވި ގޮތުގައި ކުލަބުތައް ބިޒްނަސް މޮޑެލްއަށް ބަދަލު ކުރުމުން ކުލަބު ހިންގަން ތިބޭ ފަރާތްތަކަށްވެސް އާންމުދަނީއެއް ލިބި އެ ބޭފުޅުންގެ މަސައްކަތްވެސް ފުލު ޓައިމްކޮށް ކުރުމަށް މަގުފަހި ވެގެންދާނެ އެވެ.

ބިޒްނަސް މޮޑެލްއަށް ކުލަބުތައް ބަދަލު ކުރުމަށް، އެފްއޭއެމްގައ ހުރި ވިސްނުމަކީ އެ އެސޯސިއޭޝަންގެ އުމުރާނީ ވަސީލަތްތަކުން ކުލަބުތަކަށް އާންމުދަނީ ލިބޭނެ މަގެއް ހޯދައިދިނުމެވެ. ކުޅިވަރު އެކުވެނީގެ ދެކުނު ހުޅަނގު ކޮޅުގައި އިމާރާތް ކުރަމުންދާ އެފްއޭއެމްގެ އިމާރާތަކީ އޭގެ ބައެކެވެ. ޓިބާރޯ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ އިމާރާތުން ކޮންމެ ކުލަބަކަށް ވިޔާފަރިއެއް ގާއިމު ކުރުމަށް ޖާގައެއް ލިބިގެންދާނެ އެވެ.

އަވަސް އާ ވަހަކަ ދެއްކި ބައެއް ކުލަބުތަކުގެ އޮފިޝަލުން ބުނީ، ސީޒަން ނިމިގެން ދާއިރު ކުލަބުތަކަށް 5.5 މލިއަން ރުފިޔާ ހަރަދުވެގެންދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. ބިދޭސީ ކުޅުންތެރިންނަށް އެޕާޓްމެންޓް ކުލި އަދި ކުޅުންތެރިންގެ ކެއުމާއި މެޗު ޑޭ ހަރަދުތަކަށް ބަލާއިރު އެވަރުގެ މިންވަރެއް ކުލަބުތަކުން ހޭދަ ކުރާނެ އެވެ. ދެން އޮތީ އެފްއޭއެމުން ދޭ މިންވަރުގެ އިތުރަށް ކުލަބުތަކުން އަމިއްލައަށް އުފައްދަން ޖެހޭ މިންވަރެވެ. މިހާރު ކުލަބުތަކުގެ ހާލަތު ހުރި ގޮތުން ސްޕޮންސަރުން ހޯދުން އޮންނަނީ ދަތި ކަމަކަށް ވެފަ އެވެ.

ހަތަރު އަހަރު ކުރިން، ކޮންމެ ކުލަބަކުން ސީޒަނަށް ނުކުންނަނީ ޖޯޒީގެ މޭ މަތީގައި ބޮޑު ކުންފުންޏެއްގެ އިސްތިހާރެއް ޖަހައިގެންނެވެ. އެހެންނަމަވެސް މިހާރު ހުރިހާ ކުލަބުތަކަށް ސްޕޮންސަރުން ލިބޭނެ ގޮތެއް ނެތެވެ. އަމިއްލަ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޝައުގުވެރިކަން ކުލަބުތަކާ ހަމައަށް ފޯރުމަށް ގިނަ ކަންތައްތަކެއް އިސްލާހުކޮށް ބަދަލު ކުރަން ޖެހެއެވެ. ކުލަބު ހިންގުމުގައި ޓްރާންސްޕޭރަންސީގެ އުސޫލުތައް ގާއިމު ކުރުމާއި ކުލަބުގެ މަލީ ރިޕޯޓްތައް މީޑިއާ އަށާއި އާންމުންނަށް ބެލޭނެ ގޮތަށް ހުންނަން ޖެހެ އެވެ. އެކަން ކުލަބުތަކުގައި ހަރުދަނާ ކުރުމުގެ ކުރިން އެފްއޭއެމްގައި އެކަންކަން ހަރުދަނާ ކޮށް ރަނގަޅު ކުރަން ޖެހެ އެވެ. މިދިޔަ އަހަރު ބޭއްވި އެފްއޭއެމްގެ އެނައުލް ކޮންގްރެސްގައި ފާސް ކުރި ބަޖެޓް މީޑީއާއަށް ލިބިފައެއް ނުވެ އެވެ.

މިދިޔަ ދެ ސީޒަންގައިވެސް މުސާރައިގެ މައްސަލަ ދިމާ ނުވެ އޮތީ ދެ ކުލަބެކެވެ. މާޒިޔާ އަކީ ގިނަ އަހަރުތަކެއްގެ މަސައްކަތުން ބިނާކޮށްފައިވާ އޮތް ރާއްޖޭގައި އެންމެ ހަރުދަނާކޮށް ހިންގާ އެއް ކުލަބެވެ. މުސާރައިގެ މައްސަލަ ދިމާ ނުވާ އަނެއް ކުލަބަކީ ޔުނައިޓެޑް ވިކްޓަރީ އެވެ. އެ ކުލަބުގެ ރައީސް އިސްމާއީލް ޝަފީއު ކުރިން ވިދާޅުވީ، ޔުނައިޓެޑް ވިކްޓަރީގެ ޓީމު އެކުލަވާލަނީ ކުލަބަށް ލިބޭ ފައިސާ ފެތޭ މިންވަރަށް ކަމަށެވެ.

"ސީޒަން ނިމޭއިރު ކުޅުންތެރިޔަކަށް ދޭން ޖެހޭ އެއްޗެއް ނުދީ ނޯންނާނެ." އިސްމާއީލް ޝަފީއު ކުރިން ވިދާޅުވި އެވެ. ޔުނައިޓެޑް ވިކްޓަރީވެސް އަހަރުން އަހަރަށް ފުޅާވެ އެ ޓީމުންވެސް ދަނީ ޓީމު ބޮޑުކޮށް ވަރުގަަދަ ކުރަމުންނެވެ.