ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ ބުރު ނިމުމުގެ ކުރިން، ލީގްގެ އަށް ޓީމުގެ ތެރެއިން ހަތަރު ޓީމުތަކުގެ ކޯޗުންގެ މަގާމު ގެއްލުނީ އެވެ. ކޯޗު ބަދަލު ކުރި އެންމެ ފުރަތަމަ ޓީމަކީ މާޒިޔާ އެވެ. މުހައްމަދު ނިޒާމް މާޒިޔާގެ ކޯޗް ކަމުން އިސްތިއުފާ ދިނުމުން، ސާބިއާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް މަގާމަށް ހަމަޖެއްސީ ދެން ޖެހިގެން އައި މެޗު ކުޅެން އޮތް ދުވަހު އެވެ. ނިޒާމްގެ އިސްތިއުފާ އާ ގުޅިގެން ގިނަ ވާހަކަތަކެއް ދައުރުވަމުން ދެއެވެ. ނިޒާމްގެ ވަކިވުމަކީ އަކީ އޭނާ އަމިއްލައަށް ބޭނުންވެގެން ނިންމި ނިންމުމެއްތޯ ސުވާލު އުފައްދަ އެވެ.
ސީޒަން ހުޅުވި މެޗުގައި ނިޒާމް ކޯޗު ކޮށްދިން މާޒިޔާ ބަލިކޮށް، ޗެރިޓީ ޝީލްޑް އުފުލާލީ ކުލަބު އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ދިވެހި ޕްރިމިއާ ލީގާ ކުރިމަތިލީ ލީގަށް ވާދަ ކުރުމުގެ ބޮޑު އުންމީދާ އެކު އެވެ. ޗެރިޓީ ޝީލްޑަށް ފަހު ލީގް ހޯދަން އީގަލްސްއަށް ވާދަ ކުރެވޭނެތޯ އެހުމުން މޯހަން އޭރު ދިން ޖަވާބަކީ، އޭނާގެ ކޯޗް ކަމުގެ ދަށުން މިދިޔަ ދެ ސީޒަންގައިވެސް މަސައްކަތް ކުރަމުން ދިޔައީ އެ ޓާގެޓަށް ކަމަށެވެ. އެހެންވެ މި ސީޒަންގައި ލީގަށް ވާދަ ކުރެވޭނެ ކަމަށް މޯހަން ބުނެފައި ވެއެވެ.
ލީގްގައި، ކަންތައް ވެގެން ދިޔައީ އީގަލްސް އާއި އޭނާވެސް އުންމީދު ކުރި ގޮތަކަށް ނޫނެވެ. އޭނާގެ އާއިލާ އާ ބޮޑު ގުޅުމެއް އޮންނަ ކުލަބު، ނިއުރޭޑިއަންޓަށް 2012 ވަނަ އަހަރު މެޗަކުން ބަލި ނުވެ ލީގް ހޯދި ކޯޗްގެ ކެރިއާގައިވެސް ޑައުން ގުރޭޑަށް މި ސީޒަަންގައި ވެއްޓިގެން ދިޔައީ ހީނުކުރާ ކަހަލަ ގޮތަކަށެވެ. މިދިޔަ ސީޒަންގައި ޓީމުގެ ފޯވަޑްލައިންގައި މުހިންމު ދައުރެއް އަދާ ކުރި އަލީ ފާސިރު (ސެންޓޭ) ޓީމުގައި މަޑު ކުރުވުމަށް އުންމީދު ކޮށްގެން ތިބި ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ.
މިދިޔަ ފަސް އަހަރު ޓީމުގެ ގޯލް ބެލެހެއްޓި، އަވަށްޓެރި ޝުރީލަންކާގެ ގައުމީ ޓީމުގެ ކީޕަރު ސޫޖަން ޕެރާރާ، މި ސީޒަންގައި ކުލަބު ދޫކޮށްލުމަކީ އީގަލްސްއަށް ކުރިމަތިވި އަނެއް މައްސަލަ އެވެ. ކީޕަރުގެ މަގާމު ފޫބެދޭ ގޮތެއް ނުވި އެވެ. އެންމެ ފަހުން ގުރީން އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މޯހަންވެސް ބުނީ ސޫޖަން ނެތުމުގެ ފަޅުކަން އޭނާއަށް ވަރަށް ބޮޑަށް އިހްސާސް ކުރެވޭ ކަމަށެވެ. ސޫޖަން އާއި ސެންޓޭ އުނިވުމުމުން ގެނުވި ފަޅުކަމުގެ މައްޗަށް އިތުރު ހިތްދަތިކަމެއް ކުރިމަތިވީ ޓީމުގެ ތަރި އަހްމަދު ރިޒްވާން (ރިޒޭ) އަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހުމުންނެވެ. މިސީޒަންގައި ދެން އޭނާ ފެނިދާނެތޯ ބުނާކަށް ނޭންގެ އެވެ.
މޯހަންގެ ކޯޗް ކަމުގެ ދަށުން، ލީގް އީގަލްސް ކުޅުނު ހަ މެޗުން އޭނާ އަށް ހޯދުނީ ހަތަރު ޕޮއިންޓެވެ. މިއީ އޭނާގެ ކޯޗިން ކެރިއަރުގައިވެސް ނިސްބަތުން އެންމެ ދަށް ޕީރިއަޑެވެ. ސީޒަން ނިމެންދެން އޭނާއަށް މަގާމުގައި ހުރެވޭނެ ކަމުގެ ޔަގީންކަން ދިން އީގަލްސް އިން، މޯހަން ވަކީވީ ކުލަބާއި ވާހަކަ ދައްކައި ކޮންޓްރެކްޓް އުވާލުމަށް ފަހު އެވެ.
ވަރުގަދަ ޓީމަކާ އެކު އައިސް، ނަތީޖާ ނުނެރެވުނު އެއް ކޯޗަކީ، ޔުނައިޓެޑް ވިކްޓަރީގެ ކުރީގެ ކޯޗް މުހައްމަދު އާދަމް އެވެ. ފުރަތަމަ ޑިވިޝަންގައި ޔުނައިޓެޑް ވިކްޓަރީ ވާދަ ކުރަން ފެށިފަހުންވެސް އެންމެ ހައިޕްރޮފައިލް ސްކޮޑެއް އެ ކުލަބުގައި އޮތީ މިސީޒަންގަ އެވެ. ލީގްގެ ފުރަތަމަ ބުރުގައި މީހާތަނަށް ޔޫވީ ކުޅުނު ހަ މެޗުގެ ތެރެއިން އެންމެ މެޗަކުންވެސް އޭނާ ފުލު ޕޮއިންޓެއް ނުހޯދުނެވެ. މިދިޔަ ހޮނިހިރު ދުވަހު ސުޕަ ޔުނައިޓެޑް ސްޕޯޓްސް އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ޔުވީގެ ކޯޗް ކަމުން މުހައްމަދު އަމިއްލައަށް އިސްތިއުފާ ދިނެވެ.
އެނގިފައިވާ ގޮތުގައި، މުހައްމަދު އާއެކު ނަތީޖާ ނުނެރެވުމުން ޔޫވީގެ މެނޭޖުމެންޓްގައި ހިތްހަމަ ނުޖެހުން އޮތެވެ. އަދި އޭނާ މަގާމުން ވަކި ކުރުމުގެ ބަދަލުގައި އޭނާއަށް އިސްތިއުފާ ދޭން އެ ކުލަބުން ފުރުސަތު ދިނީ ސަސްގެ މެޗާ ހަމައަށެވެ. އެހެންނަމަވެސް އޭނާ ބުނީ، ކުލަބުގެ މެނޭޖުމެންޓާ މެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
އެންމެ ބޭއިންސާފުން ވަޒީފާ ގެއްލުނު ކޯޗަކީ އިއްޔަ އާ ހަމައަށް ސަސްގައި ހުރި ކޯޗް އަހްމަދު ނާޝިދު (ނާދު) އެވެ. ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަ ކުރާ ސަސް، މި ސީޒަނަށް ކަނޑައެޅި ޓާގެޓަކީ ގަދަ ހައެއްގެ ތެރޭގައި ދެމިއޮތުމެވެ. ލީގްގައި އެ ޓީމު މިހާތަނަށް ބަލިވީ އެންމެ މެޗަކުންނެވެ. ވަރުގަދަ މާޒިޔާ އަތުން ސަސް ބަލިވިނަމަވެސް އެ ޓީމު އޮތީ ގަދަ ހައެއްގަ އެވެ. ޔުނައިޓެޑް ވިކްޓަރީ މެޗަށް ސަސްގެ ޓީމު ދިޔައިރުވެސް ނާދުގެ މަގާމާ މެދު ސުވާލު އުފެދިފައވާ ކަމުގެ އަޑުތައް ފެތުރުނެވެ. އެއަޑުތައް އެންމެ ބޮޑަށް ގަދަވީ، އެދުވަހު އީގަލްސްގެ ކޯޗް ކަމުން މޯހަން ވަކިވުމުންނެވެ. ނާދު ވަކި ކޮށް މޯހަން މަގާމަށް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރުނެވެ.
އޭނާގެ ކުރިމަގާ ބެހޭގޮތުން އޭރު އެއްވެސް އިޝާރާތެއް ކުލަބުން ދީފައި ވޭތޯ ނޫސްވެރިން ސުވާލު ކުރުމުން، ނާދު ބުނީ، "ދަނޑު ބޭރުން އެކަހަލަ ވާހަކަ ދައްކާ އަޑު އިވޭ" ކަމަށެވެ. އިއްޔަ ސަސްއިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައި ވަނީ، ނާދުގެ ކޮންޓްރެކްޓް އުވާލަން ދެފަރާތް އެއްބަސްވެފައިވާ ކަމަށެވެ.
އެހެންނަމަވެސް، ޕޯސްޓް މެޗު ޕްރެސްގައި ވާހަކަ ދައްކަމުން އޭނާ ބުނެފައި ވަނީ، އަމިއްލައަށް ބޭނުންވެގެން މަގާމުން ވަކި ނުވާނެ ކަމަށާއި ކުލަބުން ޖެހޭނީ އޭނާ ވަކި ކުރަން ކަމަށެވެ. އޭނާ ބުނީ ކުލަބުން އޭނާ އަށް ދިން ޓާގެޓް ހާސިލު ކުރެވެމުން ދާ ކަމަށާއި އެހެންވެ އިސްތިއުފާ ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
"މިހިސާބުން ކޯޗް ވަކި ކުރުމުގެ ފިޔަވަޅު ނަގަން ވެއްޖެއްޔާމު ތަންކޮޅެއް އަވަސް ކަންނޭންގެ. އެކަމަކު ކޯޗެއްގެ ހިއްސިއްޔަތުން އަޅުގަނޑެއް އިސްތިއުފާއެއް ނުދޭނަން. ވަކި ކުރަން ޖެހޭނީ،" އޭނާގެ ކުރިމަގާ ބެހޭގޮތުން ސުވާލު ކުރުމުން ނާދު ބުންޏެވެ. "އެކަމަކު އެއީ އެމީހުން [ކުލަބުން] އެ ދިން ޓާގެޓް ހާސިލު ނުކުރެވިގެންނޭ ކިޔާފައި އިސްތިއުފާ ދީފިއްޔާ އެއީ ގޯހެއް. އަދި ނުވޭ ކަންނޭންގެ ޓާގެޓަށް ނުދެވުނީޔޭ ކިޔާފައި ވަކި ކުރާކަށް."
އޭނާ މަގާމުން ވަކި ކުރީ ދެ ފަރާތް އެއްބަސް ވެެގެން ކަމަށް ކުލަބުން ބުނާ ވާހަކަ ކަށަވަރު ކުރަން މީޑީއާއިން މަސައްކަތް ކުރުމުން، ޕޯސްޓް މެޗު ޕްރެސް ކޮންފަރެންސްގައި ހަރުކަށި ރާގެއްގައި ވާހަކަ ދެއްކި ނާދުގެ ރާގު ފަހުން ބަދަލުވި އެވެ. އޭނާ އަށް ގުޅުމުން ފަހުން އެކަމާ ވާހަކަ ދައްކާނެ ކަމަށް ބުނެ އޭނާ ވަނީ މައުލޫ އޮއްބާލާފަ އެވެ.
މިހާ ކައިރިކައިރީގައި ދިވެހި ކޯޗުންގެ ވަޒީފާ ގެއްލުުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. ލޯކަލް ކޯޗުންގެ ފެންވަރާ މެދު ކުލަބުތަކުން ސުވާލު އުފެއްދުމަކީ ފުޓްބޯޅައަށް އޮތް ނުރައްކަކެވެ. ދިވެހި ކޯޗުންގެ ފެންވަރު ދަށްވީ ހެއްޔެވެ. އެހެންވެއްޖެނަމަ އެއީ ފުޓްބޯޅައަށް ލިބޭ ބޮޑު ދެރަ އެކެވެ. ފުޓްބޯޅައިގެ ކޮލިޓީއާ މެދު އާންމުން ސުވާލު އުފައްދާނެ ސަބަބެކެވެ.
ޓީމުން އިސްތިއުފާ ދިން ޔޫވީގެ ކުރީގެ ކޯޗް މުހައްމަދު ބުނީ، ކުޅުންތެރިން ކޯޗް ބަލައިނުގަތުމަކީ ރާއްޖޭގައި އާންމު ކަމެއް ކަމަށެވެ. ޔޫވީގެ ޓީމުގައި އޮތް ހާލަތަކީ ކުރިން އޭނާ މަަސައްކަތް ކުރި އެއްވެސް ޓީމަކުން ފެނިފައިވާ ކަމެއް ނޫން ކަމަށް އަވަށްޓެރި ލަންކާގެ އެންމެ ޓޮޕް ލީގްގައިވެސް މަސައްކަތް ކުރި ކޯޗް ބުންޏެވެ.
ލޯކަލް ގިނަ ކޯޗުންނަކީ، 15 އަހަރު ކުރިން އޭ ލައިސެންސް ހެދި ކޯޗުންނެވެ. އޭގެ ފަހުން ކޯޗިންގެ ރަސްމީ އިތުރު ކޯހެއް ގިނަ ކޯޗުން ފުރިހަމަ ކޮށްފަ އެއް ނުވެ އެވެ. ލީގްގެ ކޯޗަކަށް ވުމުގެ މިންގަނޑުތަކެއް ކަނޑައެޅިއިރު ކޯޗުން ތާޒާ ކުރުމުގެ ކޯސް ފުރިހަމަ ކޮށްފައި ވުން ޝަރުތެއްގެ ގޮތުގައި ހިމަނުމުގެ ހިޔާލެއް ކުރިން ފާޅުވި އެވެ. އަދި ކޯޗުން ރިފްރެޝާސް ޕްރޮގްރާމެއް ފަށާ ވާހަކަ އެފްއޭއެމުންވެސް ކުރިން ދެއްކި އެވެ.
އެ އެސޯސިއޭޝަންގެ ޓެކްނިކަލް ޑައިރެކްޓަރަކަށް، ތުރުކީގެ ޗޭން ވަންލީ ހުރިހިރު މީޑިއާ ވާހަކަ ދައްކަމުން އޭނާ ބުނީ، ކޯޗިން ރިފްރެޝާސް ޕްރޮގްރާމް އެކުލަވާލުމަށް އޭނާ މަސައްކަތް ކުރަމުންދާ ކަމަށެވެ. ފަހުން މަގާމުގެ މަސްއޫލިއްޔަތުން އޭނާ އެކަހެރިވާން ޖެހުނީ އެވެ.
ލައިސެންސްގެ އެކި ލެވަލްގެ ޕްރޮގްރާމްތައް އެފްއޭއެމުން ކުރިއަށް ގެންދެ އެވެ. އެހެންނަމަވެސް ލައިސެންސް އޮތް ކޯޗުން ތާޒާ ކުރާނެ ސިސްޓަމެއް ރާއްޖެއަކު ނެތެވެ. އަވަޓެރި އިންޑިއާގައި މިދިޔަ އަހަރުވެސް ކޯޗުން ރިފްރެޝާސް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވެއެވެ. ބައެއް ޕްރޮގްރާމްތަކުގައި އިންޑިއާގައި މަސައްކަތް ކުރާ ގައުމުން ބޭރުގެ ކޯޗުންވެސް ބައިވެރި ކޮށްފައި ވެއެވެ.