ޓީމުގެ މިހާރު ދަރަނި އަދާ ނުކުރެއްވިއްޖެނަމަ ޓީސީގެ ފުޓްބޯޅަ ޓީމު އުވާލާނެ ކަމަށް، އެކުލަބުގެ އިސް މުއައްސިސް އަހްމަދު ނަޝީދު (ޑޭވް) ވިދާޅުވެއްޖެ އެވެ.
ރާްޖޭގެ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބު ވަނީ އުނދަގޫ ހާލަތަކަށް ވެއްޓިފަ އެވެ. ކުޅުންތެރިން މުސާރަ ނުދެވި، ޓީސީން ވަނީ ޓީމު ދޫކޮށްލުމުގެ ހުއްދަ ކުޅުންތެރިންނަށް ދީފަ އެވެ. އެގޮތުން ޓީމުގެ ތަޖުރިބާކާރު ކީޕަރު އިމްރާން މުހައްމަދު އެދުމުގެ މަތިން ޓީސީން ވަނީ އޭނާ އަށް ރިލީޒް ދީފަ އެވެ. ޓީސީގެ ކޯޗްގެ މަގާމުގައި ހުރި މުހައްމަދު އާތިފް ވަނީ މިދިޔަ މަހު އިސްތިއުފާ ދީފަ އެވެ.
ފުރަތަމަ ޑިވިޝަންގައި 2015 ވަނަ އަހަރު ވާދަ ކުރަން ފެށި ފަހުން ޓީސީން ވަނީ މިދިޔަ އަހަރާ ހަމައަށް ކޮންމެ އަހަރަކު ނަތީޖާތައް ރަނގަޅު ކުރަމުންނެވެ. އެ ޓީމު ފުރަތަމަ ޑިވިޝަންގެ ވާދަ ކުރަން ފެށި ފަހުފަހުން 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓް ކަޕާއި 2017 ވަނަ އަހަރުގެ މާލޭ ލީގް ފިޔަވައި ކޮންމެ މުބާރާތެއް ޓީސީން ނިންމާލީ އެއް ވަނަ ނުވަތަ ދެ ވަނައިގަ އެވެ.
ބަންގުލަދޭޝްގައި ބޭއްވި ޝައިހް ކަމާލް ކުލަބު މުބާރާތް ކާމިޔާބު ކޮށް ޓީސީން ވަނީ ބޭރުގެ ކުލަބު މުބާރާތެއް ކާމިޔާބު ކުރި ފުރަތަމަ ދިވެހި ޓީމުގެ ޝަރަފު ހޯދާފަ އެވެ. އަންނަ އަހަރު އޭއެފްސީ ކަޕްގައިވެސް ރާއްޖެއިން ސީދާ ޖާގަ ލިބޭނީ ޓީސީއަށެވެ. އެ މުބާރާތްވެސް ކުރިމަތީގައި އޮތް އިރު އެ ޓީމު އޮތީ އޭއެފްސީ ކަޕްގައި ރަނގަޅު ވާދައެއް ކުރެވޭ ހިސާބުގައެއް ނޫނެވެ.
ކުރީގެ ގަދަ ކުލަބުތައް ކަމަށްވާ، ނިއު ރޭޑިއަންޓާއި ވެލެންސިއާ ރާއްޖޭގެ އެންމެ ޓޮޕް ލެވަލްގައި ނެތް އިރު ވިކްޓަރީއަށް އޮތީ ރެލީގޭޝަން ޒޯން ގަ އެވެ. މިހާރު އެ ޓީމު އޮތް ހާލަތުން ސަލާމަތް ވެވޭނެ އެއްވެސް ގޮތެއް ނެތެވެ.
ޕީއެސްއެމްގެ 'ދިވެހި ފުޓްބޯޅަ' ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ނަޝީދު ވިދާޅުވީ، ޕޮއިންޓް ތާވަލުގައި އޮތް ހިސާބު ފިޔަވައި ހާލަތުގެ ގޮތުން ޓީސީވެސް މިހާރު އޮތީ ވިކްޓަރީއާ އެއް ހާލެއްގައި ކަމަށެވެ.
"ނިއު ރޭޑިއަންޓް، ވިކްޓަރީ އަދި ވެލެންސިއާ އޮތް ހިސާބަށް އަޅުގަނޑުމެން [ޓީސީ] ނުދާނެއެކޭ އަޅުގަނޑަށް ދަންނަވާކަށް ނުކެރޭނެ،" އެ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑުމެންނާ ވިކްޓަރީ އާ އޮތީ އެއް ހާލަތެއްގައި ހަމައެކަނި ތަފާތަކީ ޑިފެންޑިން ޗެމްޕިއަން އަދި ޕޮއިންޓް ތާވަލުގައި އަޅުގަނޑުމެން ގަދަ އެއްގެ ތެރޭގައި އޮތުން."
ދިވެހި ލީގްގެ އެންމެ ކާމިޔާބު ޓީމު ނިއު ރޭޑިއަންޓަށް ކޯޗް ކޮށްދިން، ޕޯޗްގަލްގެ ބެނާޑޯ ޓަވަރޭޒް އާއި ބިދޭސީ އަދި ލޯކަލް ކުޅުންތެރިންނަށް މުސާރަ ނުދީ އޮތް މައްސަލައިގައި ފީފާ އާއި އެފްއޭއެމުން ވަނީ ނިއު އާ ދެކޮޅަށް ފިޔަވަޅު އަޅާފަ އެވެ. ފީފާއިން އަޅާފައިވާ ޓްރާންސްފާގެ ބޭން އިން މިންޖުވުމަށް އެކަނިވެސް ފަސް މިލިއަނެއް ހާ ރުފިޔާ ބޭނުން ވާނެ އެވެ. ދިވެހި ލީގް ޖެހިޖެހިގެން ހަތަރު ފަހަރަު ހޯދި އެންމެ ފުރަތަމަ ޓީމު ވެލެންސިއާ އޮތީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ވެފަ އެވެ.
ދިވެހި ލީގް އެންމެ ފުރަތަމަ ޗެމްޕިއަން، ވިކްޓަރީގެ ޓީމުވެސް ރަނގަޅަށް ހަމަ އެއް ނުވެ އެވެ. ކުޅުނު ހުރިހާ މެޗަކުން ބަލިވެ އެ ޓީމު އޮތީ ލީގް ފުލުގަ އެވެ. ކުރިއަށް ދިއުމަށްވުރެ ވިކްޓަރީއާ ގަތީ ރެލިގޭޓް ވުމެވެ.
ޓީސީގެ ކުރީގެ ރައީސްގެ މަގާމު އަދާ ކުރި ނަޝީދު ވިދާޅުވީ، ވިކްޓަރީ އާއި ނިއު ރޭޑިއަންޓް އަދި ވެލެންސިއާ އޮތް ހާލަތަށް ދިއުމަކީ ޓީސީއަށް ކެތް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަނީ ޓީސީ އެހާހިސާބަށް ސޮއްސާލައިގެން ނުގޮސްވޭތޯ،" ނަޝީދު ވިދާޅުވި އެވެ. "އެހާހިސާބަށް ދާ ހާލަތެއްގައި އަޅުގަނޑުމެންގެ ދަރަނިތައް ދައްކާފަ ކުލަބު އުވާލާ ގޮތަށް ވިސްނާފަ މިހާރު ވާނީ."
ގައުމީ މައްސަލައެއްގެ ގޮތުގައި ނަގަން ޖެހޭ މައްސަލައެއް
ރާއްޖޭގެ ޗެމްޕިއަންކަން ހޯދި ހަތް ކުލަބުގެ ތެރެއިން ފުޓްބޯޅައިގައި މި ވަގުތު އެކްޓިވްކޮށް ފެންނާން އޮތީ، ތިން ކުލަބެވެ. އެއީ މާޒިޔާ އާއި ޓީސީ އަދި ވިކްޓަރީ އެވެ.
ލީގް ޗެމްޕިއަންކަން ހޯދި، ކ. ހުރާއަށް ނިސްބަތްވާ، ހުއްރިއްޔާ ސްޕޯޓްސް ކުލަބު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވި ގޮތަށް އެ ޓީމުގެ އެއްވެސް އަސަރެއް ފުޓްބޯޅައިގައި މިހާރު ނެތެވެ. ވިބީ ސްޕޯޓްސް ކުލަބު 2013 ވަނަ އަހަރު ރެލިގޭޓްވި ގޮތަށް އެ ޓީމުވެސް ގެއްލިގެން ދިޔަ އީ އެވެ. ވެލެންސީއާ މިދިޔަ އަހަރު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ވީ އެވެ. ނިއުރޭޑިއަންޓްގެ ވާހަކަ ބުނެވި ދިޔައީ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން، ޓީސީ އުވާލާ ވާހަކަ އެ ކުލަބުގެ މުއައްސިސް އިއުލާން ކުރިއިރު، ވިކްޓަރީ އޮތީ ރެލިގޭޓް ވާ ހިސާބުގަ އެވެ. މާޒިޔާއަށް ދިވެހި ލީގް ކާމިޔާބު ކޮށްދިން، މިހާރު ގުރީން ސްޓްރީޓްގެ ކޯޗް އަލީ ސުޒޭން ބުނީ ރާއްޖޭގެ ޗެމްޕިއަން ކުލަބަށް ދިމާވެފައިވާ ހަލަތަކީ ގައުމީ މައްސަލައެއްގެ ގޮތުގައި ނަގަން ޖެހޭ ވަރުގެ ކަމެއް ކަމަށެވެ.
"ފުޓްބޯޅައިގެ ތެރޭގައި އިންޑަވިޖުއަލް ޕްލޭޔަރަކަށް ގެއްލުމެއް ލިބުނަސް އަޅުގަނޑުމެން އެކަމާ ހިތާމަ ކުރަން،" ޕީއެސްއެމްގެ އެ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ސުޒޭން ބުންޏެވެ. "އަދި ކުލަބަކަށް މިކަހަލަ ކަމެއް ދިމާވެއްޖެއްޔާ ގައުމީ މައްސަލައެއްގެ ގޮތުގައި ނަގަން ޖެހޭވަރުގެ ބޮޑެތި މައްސަލަތައް މިއީ."
ޓީސީ އަކީ ކެތްތެރި ކަމާއެކު ރަނގަޅު މޮޑެލެއްގެ ދަށުން ބިނާކޮށްފައި ޓީމެއް ކަން ފާހަގަ ކުރަމުން ސުޒޭން ބުނީ، ޓީސީ އުވާލާ ވާހަކަ އިވިގެން ދިއުމަކީ ހިތްދަތި ކުރިވި ކަމެއް ކަމަށެވެ.